ހުޅުމާލޭން އިއްޔެ ވަގަށް ނެގި ސައިކަލެއްގެ މައުލޫމާތު "މަޖާޒީ" ގޮތަކަށް ފުލުހުން އާންމު ކުރި އެވެ. އެހެން ނަމަވެސް ފުލުހުން އެކަން ކުރިގޮތް ގިނަ ބަޔަކަށް މަޖަލެއް ނުވި އެވެ.
"އެއްވެސް މީހަކު ހުޅުމާލެއިން ވަގަށް ނެގި ސައިކަލެއް މާލޭން ގެއްލިގެން އެބަ އުޅެންތަ؟ ހާސްނުވޭ! އެ ސައިކަލު އަހަރެމެން ހޯދައިފިން، ވީއެންމެ އަވަހަކަށް ޝަހީދު ހުސެއިން އާދަމް ބިލްޑިންގަށް އައުމުން އެ ލިބޭނެ،" އިނގިރޭސި ބަހުން މަޖާޒީ ގޮތަކަށް ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.
ނަމަވެސް، ސައިކަލެއް ވަގަށް ނެގުން ފަދަ ކުށަކަށް އަރައިގެން މައްސަލައެއްގައި އެހާ "ލުއި" ކޮށް ނެގުމުން ގިނަ ބަޔެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވި އެވެ.
އެއް ބަޔަކު ބުނި ގޮތުގައި ފުލުހުން "މާ މަޖާ ވެގެން" އުޅެނީ ކަމަށާއި، ދައުލަތުން މުސާރަ ދެނީ "މަޖާ" ވާން ނޫން ކަމަށެވެ.
ކުރީގެ ޑެޕިއުޓީ ޕީޖީ ހުސެއިން ޝަމީމް ވެސް އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފައި ވެއެވެ. ސައިކަލު ވަގަށް ނެގި މީހާ ދޫވެގެން ދިޔުމަކީ ފުލުހުންނަށް "މަޖާ" ކަމަކަށް ވަނީތޯ އޭނާ ސުވާލެއް ކުރައްވާފައި ވެއެވެ.
އާންމު ގޮތެއްގައި ސީރިއަސްކޮށް ޓްވީޓާ މެދުވެރިކޮށް އެފަދަ މައުލޫމާތުތައް އާންމުކުރަމުން ގެންދާ ފުލުހުން، ކުއްލިއަކަށް މާޖާޒީ ގޮތަކަށް ކުރި ޓްވީޓް ގިނަ ބަޔަކަށް ފުރަތަމަ ފަހުމެއް ވެސް ނުވި އެވެ.
އެކަމާ ގުޅިގެން ފުލުހުން ވަނީ އެ ޓްވީޓުގެ "ސާފުކޮށްދީ" އަލުން އިތުރު ޓްވީޓެއް ވެސް ކޮށްފަ އެވެ. ދެވަނަ ޓްވީޓުގައި ފުލުހުން ވަނީ އެކަން ހިނގާ ދިޔަ ގޮތް ސާފުކޮށްދީފަ އެވެ.
ފުލުހުން ބުނި ގޮތުގައި އެ ސައިކަލަކީ ހުޅުމާލެއިން ވަގަށް ނެގި ސައިކަލެކެވެ. އެ ސައިކަލު ހޯދާފައިވަނީ މާލެއިންނެވެ.
"އެ ވަގު ކަލޭގެ ނުކުމެ ސައިކަލު ހޯދަން އުޅޭނެތީ އެ ސައިކަލެއް ނުފެންނާނެ. އެހެންވެ އެ މެސެޖަކީ އެ ވަގު ކަލޭގެއަށް ދިން މެސެޖެއް،" އެ ޓްވީޓުގައި ފުލުހުން ސާފުކޮށްދިނެވެ.
ނަމަވެސް، އެވަރުންވެސް ފާޑުކިޔުންތަކަށް މަޑުޖެހުމެއް ނަ އެވެ. ފުލުހުންގެ ޓްވީޓުތައް މިހާރު ކުރަނީ ކުޑަކުއްޖެއްތޯ ވެސް އެއްވބަޔަކު ސުވާލުކުރި އެވެ. އަދި އެކަހަލަ އަމަލުތަކުގެ ސަބަބުން ފުލުހުންގެ މަސައްކަތް ސީރިއަސްކޮށް ނަގަން ރައްޔިތުންނަށް އުނދަގޫވާނެ ކަމަށް ވެސް މީހުން ބުންޏެވެ.
ފުލުހުން މައުލޫމާތު ހާމަކުރުމަށް ނެގި މި އާ މިސްރާބު ކޮންމެވެސް އެއް ބަޔަކަށް ވަނީ ކަމުވެސް ގޮސްފަ އެވެ. ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަކީ އެއީ ކަމަށް ބުނެ ފުލުހުންނަށް ތައުރީފު ވެސް އެބަޔަކު ކުރި އެވެ.
ކޮންމެ އަކަސް ފުލުހުން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި ފުލުހުން މި އަމާޒު ހިފި އާ މިސްރާބާމެދު އާންމުންގެ ހިޔާލު ތަފާތުކަން ސާފުވެ އެވެ.