ދިވެހި ސިނަމާގައި އެންމެ ކެމިސްޓްރީ ރަނގަޅު ޖޯޑެއް ހޮވާ ނަމަ މި ދެ ނަން ލިސްޓަށް ކޮންމެހެން ވެސް އަންނަން ޖެހެ އެވެ. ޑާކްރެއިން އެންޓަޓެއިންމަންޓުގެ ފިލްމުތަކުގައި މި ޖޯޑު ދައްކާ އެކްޓިންއަށް ބެލުންތެރިންގެ ތައުރީފުގެ އިތުރުން އެވޯޑު ޝޯ އިން ވަނަތައްވެސް ލިބުނެވެ. މިފަހަރުވެސް މިއޮތީ މި ޖޯޑުގެ ފޭނުންނަށް އުފާވެރި ހަބަރެކެވެ. ޑާކްރެއިން އިން ދެން އެންމެ އަވަހަށް ގެންނަ ފިލްމުގެ ލީޑު ތަރިންނަކީ ޖުމައްޔިލް ނިމާލް (ޖުމަލް) އަދި މަރިޔަމް މަޖުދާ (މަޖޫ) އެވެ.
ޑާކްރެއިން އިން މިހާރު މަސައްކަތް ފަށާފައިވާ ފިލްމު "ނޮވެމްބަރު" ގެ ލީޑު ތަރިން މިހާރު ވަނީ ހޮވާ ޔަގީންކޮށްފަ އެވެ. ޑާކްރެއިން ޕްރޮޑަކްޝަން ހައުސް އިން މި ފިލްމު އުފައްދާކަން އިއުލާން ކުރަމުން ބުނެފައި ވަނީ މިއީ "ފުލް ރޮމޭންސް" ދައްކުވައިދޭ ފިލްމެއް ކަމަށެވެ. ފިލްމުގައި މަޖޫ އާއި ޖުމެލްގެ އިތުރުން ކުރީގެ މަޝްހޫރު ފިލްމީ ތަރި އިސްމާއިލް ވަޖީހު ވެސް ހާއްސަ ބަޔަކުން ފެންނާނެ އެވެ.
ފިލްމާ ބެހޭ ގޮތުން މުހައްމަދު އަަލީ (މޮގާ) ބުނީ، މިއީ ޑާކްރެއިން އިން މިހާތަނަށް އުފައްދާފައިވާ ރޮމޭންޓިކް ފިލްމުތަކަށްވުރެ މާ ރޮމޭންޓިކް ފިލްމަކަށް ވާނެ ކަމަށެވެ. އަދި އަނެއްކާވެސް ޑާކްރެއިންގެ ފިލްމަކަށް މި ޖޯޑު ނެގީ ކީއްވެކަންވެސް އޭނާ ބުނެ ދިނެވެ. ބުނީ މަޖޫ އާއި ޖުމެލްގެ ކެމިސްޓްރީ ހަމަ ކަމުދަނީ ކަމަށެވެ. އަދި ޓީމުން ބޭނުންވާ ގޮތަށް އެންމެ ފުރިހަމައަަށް މި ފިލްމުގައި ބޭނުންވާ ރޮމޭންސް ދެއްކޭނީ މި ދެތަރިންނަށް ކަމަށް ބުންޏެވެ.
"މިއީ ހަމަ ފުލް އޮން ރޮމޭންްސް. މަޖޫ އާއި ޖުމެލް އަށް މި ފިލްމު އަހަރުމެން (ޑާކްރެއިން) ބޭނުންވާ ގޮތަށް ދައްކުވައިދެވޭނީ. އެހެންވެ ހަތަރު ވަނަ ފަހަރަށް ވިޔަސް އެމީހުން ނެގީ. ބޭރުގެ ފިލްމުތަކުގައި ވެސް ހަމަ އެ ނަގަނީ އެއް ޖޯޑެއް ޖެހި ޖެހިގެން ތިން ހަތަރު ފަހަރު. އެއް ޕްރޮޑަކްޝަން އަކުން ހަމަ. ބެލުންތެރިންގެ ތަރުހީބު ލިބޭތީ އެއީ. ކިތަންމެ ގިނައިން ނެގިއަސް ވެސް މޮޅުވީމަ ކެމިސްޓްރީ ރަނގަޅުވީމަ ފިލްމު ހިނގަނީ އެ" މޮގާ ބުންޏެވެ.
މަޖޫ އާއި ޖުމެލް ވަނީ ޑާކްރެއިންގެ ދަށުން ލީޑު ތަރިންގެ ގޮތުގައި ތިބެ ތިން ފިލްމެއް މިހާތަނަށް ކުޅެފައެވެ. މޮގާ ބުނީ މިއީ މި ތިން ފިލްމަށް ވުރެ ވެސް ތަފާތު ފިލްމަކަށް ވާނެ ކަމަކަށެވެ. މިއީ ޑާކްރެއިންގެ މިހާރުގެ އެންމެ ބޮޑު ޕްރޮޖެކްޓަށް ވާއިރު މޮގާ ބުނީ މި ފިލްމަކީ ރޮމޭންޓިކް ފިލްމެއް ވިޔަސް ބޮޑު ޕްލޮޓް ޓްވިޓް އެއް އައިސް އަނެއްކާވެސް ތަފާތު ދައްކާނެ ކަމަށެވެ.
އަވަސް އަށް ދިން އިންޓަވިއުގައި މޮގާ ވަނީ ފިލްމާ ބެހޭ ގިނަ މައުލޫމާތު ހިއްސާ ކޮށްފަ އެވެ. އޭނާ ބުނާ ގޮތުގައި މި ފިލްމުގެ ޝޫޓިންގެ އެއްބައި ނަގާނީ ސިންގަޕޫރުގަ އެވެ. އަދި މީގެ ދުވަސްކޮޅެއް ކުރިން ފިލްމުގެ ޓީމުން ވަނީ ސިންގަޕޫރަށް ގޮސް ޝޫޓް ކުރާނެ ލޮކޭޝަންތައް ހަމަޖައްސާފަ އެވެ.
"ސިންގަޕޫރުގައިވެސް ފިލްމުގެ ވަރަށް މުހިއްމު މަންޒަރުތަކެއް ނަގާނެ. ސިންގަޕޫރު މީހުންވެސް މި ޝޫޓިން ތަކުގައި ބައިވެރި ކުރާ ގޮތަށް ހަމަޖެހިފައި އޮތީ"
ފިލްމުގެ ފުރިހަމަ ކާސްޓު އަދި ރިލީޒް ކުރާ ތާރީހެއް އަަދި އިއުލާނެއް ނުކުރެ އެެވެ. އެހެންނަމެވެސް މިހާަރު ކުރިއަށް ދަނީ މި ފިލްމުގެ ޕްރީ ޕްރޮޑަކްޝަން މަސައްކަތް ކަމަށް ކުރު ގޮތަކަށް ބުންޏެވެ. އައިޝަތު ފުވާދު އަދި އަހުމަދު ތޮލާލްގެ ސްކްރިޕްޓަކަށް އުފައްދާ މި ފިލްމު ޑައިރެކްޓު ކުރާނީ އަލީ ޝިފާއު (ޗިއްޕެ) އެވެ.
ޑާކްރެއިން އެންޓަޓެއިންމަންޓުން މި މަހު ވަނީ ކޮމެޑީ ފިލްމު "މާމުއި" ޕްރިމިއާ ކޮށްފަ އެވެ. މިއީ އެ ޓީމުން މިހާތަނަށް ނެރުނު އެންމެ މަގުބޫލުވި އެއް ފިލްމެވެ.