ހަބަރު

ހަރަމައިން ގްރޫޕުން އިތުރަށް ފައިސާ ނެގިނަމަ ހިއްސާކުރަން އެދިއްޖެ

އަލް ހަރަމައިން ހައްޖު ގްރޫޕަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދިން މިން ވަރަށް ވުރެ އިތުރަށް މީހުން އަތުން ފައިސާ ނަގާފައިވާނަމަ އެކަން ފުލުހުންނަށް ހިއްސާ ކުރަން ފުލުހުން އެދިއްޖެ އެވެ.

އެ ގްރޫޕަށް މިނިސްޓްރީން ހުއްދަ ދިނީ ހައްޖަށް ގެންދިއުމަށް 69،965 ރުފިޔާ މީހެއްގެ އަތުން ނަގާށެވެ. އެ ގްރޫޕުން އިތުރަށް ފައިސާ ނެގި ކަމަށް ބުނެ މިނިސްޓްރީއަށް މި މަހުގެ 11 ދުވަހު އާންމު ފަރާތަކުން މައްސަލައެއް ހުށަހަޅާފައިވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ހައްޖު ގްރޫޕަށް ހުއްދަ ދިން ވަރަށް ވުރެ ގިނައިން މީހުން އަތުން ފައިސާ ނެގާފައިވާނަމަ އެ ފަރާތްތަކުން ފުލުހުންނަށް ހިއްސާކުރަން އެދޭ ކަމަށެވެ. މި މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ހައްޖަށް ދާ މީހުން ފުރަތަމަ ގްރޫޕް މިއަދު މައްކާއަށް ފުރާފަވާއިރު ހަރަމައިން ގްރޫޕުގެ ހައްޖަށްދާ މީހުން ފުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.