ޕީޕީއެމް

ޝަރީއަތުން އެނގުނީ ރައީސް ޔާމީނަކީ ސާބިތުވެ ހުންނެވި ލީޑަރެއްކަން: އިދިކޮޅު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެމަނިކުފާނަކީ ސާބިތުވެ ހުންނަވައި ވަކާލާތު ކުރައްވާ ލީޑަރެއް ކަން އެނގިގެން ދިޔަ ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މިއަދު ބުނެފި އެވެ.

އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި ބޭފުޅުން ޝަރީއަތްތަކަށް ހާޒިރު ކުރެއްވުމުން ތިއްބެވީ ހަނު ކަމަށެވެ. އެ ގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާޒިރު ކުރެއްވިއިރު ހަނު ހުންނެވި ކަމަށެވެ،

ނަމަވެސް މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ރައީސް ޔާމީން ހާޒިރު ކުރެއްވުމުން ހަނު ހުންނެވުމުގެ ބަދަލުގައި އަމިއްލައަށް ތެދުވެވަޑައިގެން އެމަނިކުފާނުގެ މައްޗަށް ކުރާ ތުހުމަތުތަކަށް ޖަވާބު ދެއްވި ކަމަށެވެ.

"މިއަދުގެ ޝަރީއަތުން ވެސް މި އެނގުނުކަމަކީ ރައީސް ޔާމީންގެ ސާބިތުކަން. މީގެ ކުރިން ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުން ކޯޓަށް ހާޒިރު ކުރުމުން ތިއްބެވީ ހަނު. ނަމަވެސް މިއަދު ރައީސް ޔާމީން ކޯޓަށް ވަޑައިގެން އެމަނިކުފާނުގެ ވަކީލުން ވެސް ތިއްބަވަނިކޮށް ސީދާ އެމަނިކުފާނަށް ކުރެވޭ ތުހުމަތުތަކުން ބަރީއަވާން ވާހަކަ ދެއްކެވީ. އެއީ އަޅުގަނޑުމެން ބޭނުންވާ ލީޑަރުންނަކީ،" ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވަމުން އަދުރޭ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްޗަށް މި ސަރުކާރުން ކުރާ ތުހުމަތުތަކާއި އެމަނިކުފާނަށް އަމާޒުކޮށް ކުރަމުންދާ ކަންކަން އަދުރޭ ސިފަ ކުރެއްވީ ސިޔާސީ ކަންކަމުގެ ގޮތުގަ އެވެ. އެ ގޮތުން އެއީ ރައީސް ޔާމީން ސިޔާސީ މަސައްކަތް ކުރައްވަމުން ރެލީތަކުގައި ބައިވެރިވެވަޑައިގަތުމުން މި ސަރުކާރަށް ރައްޔިތުންގެ މެދުގައި އޮތް ތާއީދު މަދުވަމުންދާ މަންޒަރު ސަރުކާރުން ފެންނަތީ ކުރަމުންދާ ކަންކަން ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

މި ސަރުކާރުން އިދިކޮޅު ފަރާތްތަކަށް ކިތަންމެ އުނދަގުލެއް ކުރިމަތި ކުރުވި ނަމަވެސް ރައީސް ޔާމީނަށް ރައްޔިތުންގެ މެދުގައި އޮތް ލޯތްބާއި ތާއީދަށް ކުޑަކޮށް ވެސް ބަދަލެއް ނާން ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދި އެމަނިކުފާނު ދައުލަތުގެ ފައިސާއިން ވައްކަން ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ނެތިން މިއަދު ހިނގާ ޝަރީއަތަކާ މެދު ވަކި އެއްޗެއް ބުނާކަށް. ނަމަވެސް މި ސަރުކާރުން ރައީސް ޔާމީންގެ މައްޗަށް ކުރަނީ ސިޔާސީ ތުހުމަތުތަކެއް. އެ ތުހުމަތުތަކުން ރައީސް ޔާމީންގެ އަގެއް ވައްޓައެއް ނުލެވޭނެ." އަދުރޭ ވިދާޅުވި އެވެ.

ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވީ ރައީސް ޔާމީނަކީ އެއްވެސް އިރެއްގައި އެމަނިކުފާނުގެ މައްޗަށް ކުރާ ތުހުމަތުތަކަށް ރެކެން ގައުމު ދޫކުރައްވައި ވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށެވެ. އެ ގޮތުން މިއަދުގެ ޝަރީއަތުން ވެސް އެނގިގެން ދިޔައީ ރައީސް ޔާމީންގެ ސާބިތުކަން ހުންނެވި މިންވަރު ކަމަށް ސައީދު ވިދާޅުވި އެވެ.

"ރައީސް ޔާމީނަށް ވުރެ ޒިންމާދާރު ކަމާ އެކު ވެރިކަން ކުރެއްވި އެހެން ލީޑަރަކު ރާއްޖޭގައި ތާރީހަކު ނެތް. އަދި މިހާރު ސަރުކާރު ނިމުނީމަ ވެސް އެމަނިކުފާނު އެ ހުންނެވީ ޝަރީއަތަށް ވަޑައިގެން ވާހަކަ ދައްކަވަން ވެސް ތައްޔާރަށް. ހަނު ހުންނަވާނެ ބޭފުޅެއް ނޫން. އެއަށް ފިއްވަލައި ވަޑައިގަންނަވާނެ ބޭފުޅެއް ވެސް ނޫން،" ސައީދު ވިދާޅުވި އެވެ.