ބައެއް ރަށްތަކުގައި އަޅަން ފަށާފައި ހުރި 1450 ހައުސިން ޔުނިޓުގެ މަސައްކަތް ވަކި ހިސާބަކަށް އިމާރާތް ކުރުމަށް ފަހު ހުއްޓާލާފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް ތަންތަން ވީރާނާވެފައިވާ ކަމަށް ހައުސިން އެންޑް އާބަން ޑިވަލޮޕްމަންޓް މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރު ވިދާޅުވެއްޖެ އެވެ.
ތ. ވިލުފުށީގައި ބައެއް ހައުސިން ޔުނިޓުތައް އިމާރާތް ކުރުމުގެ މަސައްކަތް ހުއްޓާލާފައިވާތީ، އެ ދާއިރާގެ މެންބަރު ހުށަހެޅުއްވި ސުވާލަކަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން އާތިފާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރާ ހަވާލުވީއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއުތައް ފެށާފައިވާ ކަމަށާއި ނަމަވެސް އޭގެ ތެރެއިން 1450 އަށް ވުރެ ގިނަ ހައުސިން ޔުނިޓުގެ މަސައްކަތް މުޅިން ނުނިންމާ ހުއްޓާލާފައިވާ ކަމަށެވެ.
އެގޮތުން ބައެއް އިމާރާތްތަކުގައި ދިރިއުޅުމަށް ބޭނުންވާ އަސާސީ ހިދުމަތްތައް ނުގުޅާ ހުރި އިރު އަނެއްބައި ތަންތަން ވަރަށް ބޮޑަށް ވީރާނާވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ދިރިއުޅުމުގެ ގެންނަން ބޭނުންވާ އަސާސީ ހިދުމަތްތައް ހުރީ ނުގުޅައި، އަދި ބައެއް ތަންތަނަކީ އެއްވެސް ފަރާތަކަަށް ބެލެހެއްޓުމެއް ނެތި ދޫކޮށްލާފައިވާ ތަންތަން ކަމުގައިވާތީ ގިނަ ތަންތަން ހުރީ ވަރަށް ބޮޑަށް ވީރާނާވެފައި," އާތިފާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެކަން ސަރުކާރުގެ ސަމާލު ކަމަށް އައުމާއެކު އަވަސް ހައްލެއް ގެނައުމުގެ ގޮތުން ކުދި މަރާމާތުތައްކޮށްގެން މި އަހަރުގެ ތެރޭގައި ނިންމެން ހުރި ހައުސިން ޔުނިޓުތައް ނިންމުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެތަންތަން މީހުންނަށް ދިރިއުޅެން ފަށައިގަނެވޭނެ ހާލަތަކަށް ގެނައުމަށްޓަކައި ސަރުކާރުން 127 މިލިއަން ރުފިޔާގެ ބަޖެޓެއް މިނިސްޓްރީއަށް އިތުރުކޮށްދީފައިވާ ކަމަށާއި ބާކީ ހުރި ހައުސިން ޔުނިޓުތައް ނިންމުމަށްޓަކައި 2020 ވަނަ އަހަރުގެ ބަޖެޓަށް އަދަދުތައް ހިމަނާނެ ކަމަށް ވެސް އާތިފާ ވިދާޅުވި އެވެ.
އާތިފާ ވިދާޅުވީ ނުނިންމާ ހުއްޓާލާފައި ހުރީ ހދ. ހަނިމާދޫ، ހދ، ކުޅުދުއްފުށި، ހދ. ނޮޅިވަރަމްފަރުގެ އިތުރުން ތ. ވިލުފުށީގައި އަޅާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ކަމަށެވެ. ވިލުފުށީގައި އިމާރާތް ކުރާ 100 ހައުސިން ޔުނިޓުގެ ތެރެއިން 64 ޔުނިޓެއްގެ ސްޓްރަކްޗަރަލް މަސައްކަތް ނިމިފައިވާ ކަމަށާއި 36 ޔުނިޓެއްގެ މަސައްކަތް އެއްވެސް ވަރަކަށް ކޮށްފައި ނުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.