ވަރަށް ކުޑަ އިންޓްރަސްޓް ރޭޓެއްގައި ދޫކުރަން ވައުދުވެފައިވާ ގެދޮރު އިމާރާތް ކުރުމުގެ ލުއި ލޯނު އަންނަ އޯގަސްޓު މަހުގެ ނިޔަލަށް އިއުލާން ކުރައްވާނެ ކަމަށް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުން މަޖިލީހަށް ވަޑައިގެން މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އާތިފާ ވިދާޅުވީ ބޯހިޔާވެހިކަމުގެ ކަންކަން އިތުރަށް ފަސޭހަ ކުރަން ފަސް ޕަސަންޓާއި ހަ ޕަސަންޓު އިންޓްރެސްޓް ރޭޓެއްގައި ގެދޮރު އިމާރާތް ކުރުމުގެ ލޯނު ދޫކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެއް ކަމަށެވެ.
އެ ވައުދު ފުއްދުމުގެ މަސައްކަތް މިދިޔަ ހައެއްކަ މަސް ދުވަސް ތެރޭގައި ކުރަމުން އައި ކަމަށާއި އެކަމާ ގުޅޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި އެހެން މާލީ އިދާރާތަކާ މަޝްވަރާކޮށް، ޑްރާފްޓެއް ތައްޔާރު ކުރަމުން އަންނަ ކަމަށެވެ.
އެ ކަމަނާ މަސައްކަތް އަންނަ މަހުގެ އޮގަސްޓު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށާއި އޭގެ ފަހަށް ފަސް ޕަސަންޓާއި ހަ ޕަސަންޓުގެ އިންޓްރެސްޓުގައި ލުއި ލޯނު އިއުލާން ކުރައްވާނެ ކަމަށެވެ.
"އަންނަ އޮގަސްޓު މަސް ނިމޭ ހިސާބުގައި ވަރަށް އުފާވެރި ހަބަރެއްގެ ގޮތުގައި ފަސް ޕަސަންޓާއި ހަ ޕަސަންޓު އިންޓްރަސްޓުގައި ރާއްޖޭގެ އެތަން މިތަނުގައި ގެދޮރު އިމާރާތް ކުރުމަށްޓަކައި ލުއި ލޯނު ލިބުމުގެ މަސައްކަތް އާންމު ވެގެން ދާނެ، އަދި އެ ސިޔާސަތުތައް އަޅުގަނޑުމެންނަށް ކަމާ ބެހޭ އިދާރާތަކައެކީ އިއުލާން ކުރެވިގެން ދާނެ،" އާތިފާ ވިދާޅުވި އެވެ.