ދުނިޔެ

ހޮންކޮންގް މުޒާހަރާ ހޫނުވެ ކުރިމަތިލުމަކަށް ބަދަލުވެއްޖެ

ހޮންގްކޮންގްގެ ސަރުކާރުން އިސްލާހުތަކަކާއެކީ ފާސް ކުރަން ހުށަހަޅާފައިވާ އެ ގައުމުގެ އެކްސްޓްރެޑިޝަން ބިލް ފާސް ކުރުން ފަސްކުރި ނަމަވެސް އަދިވެސް ބިލް އަނބުރާ ނުގެންދާތީ އެކަމާ ދެކޮޅަށް ކުރިއަށް ގެންދާ މުޒާހަރާތައް ހޫނުވެ މުޒާހަރާގެ ބައިވެރިންނާ ފުލުހުންނާ ދެމެދު ކުރިމަތިލުންތަކަކަށް ބަދަލު ވެއްޖެ އެވެ.

މުޒާހަރާ ހޫނުވެ އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާތައް ބަދަލުކުރަން ފެށީ އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުން ކަރުނަ ގޭހާއި ރަބަރު ވަޒަން މުޒާހަރާގެ ބައިވެރިންނާ އަމާޒުކޮށް ބޭނުން ކުރުމުންނެވެ. މީގެ ސަބަބުން މުޒާހަރާގެ ބައިވެރިން ވަނީ ބޮޑެތި މަގުތަކުގައި މުޒާހަރާކޮށް ސަރުކާރުގެ ބައެއް އޮފީސްތަކަށް ގެއްލުންތައް ދީފަ އެވެ.

އިއްޔެގެ މުޒާހަރާގައި ގޭންގްތަކަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ވަނީ ފިހާރަތަކަށާއި، ފުލުހުންނަށް އަމާޒު ކޮށްގެން ހަމަލާދީފަ އެވެ. ފުލުހުން ވަނީ ގިނަ އަދަދެއްގެ ގޮވާތަކެތި މުޒާހަރާގެ ބައިވެރިއެއްގެ އަތުން އަތުލައިފާ އެވެ.

ފުލުހުންނަށް ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރިކަމަށް ބުނެ މައްސަ ބަލައި ދިނުމަަށް ގޮވާލާ މިހާރު ވެސް ދަނީ ފުލުސް އޮފީސް އަދި ހޮންކޮންގް ސަރުކާރުގެ އިސް އޮފީހުގެ ކުރިމަތީގައި މުޒާހަރާ ކުރަމުންނެވެ.

މަހަކަށްވުރެ ގިނަ ދުވަސް ވެފައިވާ މުޒާހަރާގައި މިހާތަނަށް މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ. އިއްޔެ އެކަނިވެސް 400،000 އަށްވުރެ ގިނަ މީހުން މުޒާހަރާއަށް ނުކުތެވެ.

ހޮންގްކޮންގެ މަޖިލިސް އިން ފާސްކުރަން ނިންމާފައިވާ އެކްސްޓްރެޑިޝަން ބިލްގައި ވާގޮތުން، އެހެން ގައުމެއްގެ ކުށްވެރިއެއް ހޮންގްކޮންގްގައި ހުރެ އެ މީހަކު ކުށްވެރިކުރާ ސަރުކާރަކުން އޭނާއާމެދު ގާނޫނީ ފިޔަވަޅު އަޅަން އެދި އެ ގައުމަކަށް ފޮނުވައިދޭން އެދިއްޖެ ހާލަތެއްގައި އެމީހަކު އަނބުރާ އެ ގައުމަކަށް ފޮނުވާލުމުގެ ބާރު ހޮންގްކޮންގަށް ލިބިގެންވެ އެވެ.

އޭގެ އިތުރުން ޗައިނާ ސަރުކާރުން އެދެފި ހާލަތެއްގައި ހޮންގްކޮންގް ފަސްގަނޑުގައި ހުރި ކޮންމެ މީހަކު ހައްޔަރުކޮށް އަނބުރާ ޗައިނާއަށް ފޮނުވާލުމުގެ ބާރު ޗައިނާއަށް ލިބެ އެވެ. ހޮންގްކޮންގުން 20 ގައުމަކާއެކީ އެކްސްޓްރަޑިޝަން އެއްބަސްވުމަށް ގޮސްފައިވާއިރު އޭގެ ތެރޭގައި އިނގިރޭސި ވިލާތާއި އެމެރިކާ ވެސް ހިމެނެ އެވެ.