ދުނިޔެ

މަސްލަހަތު ގޯސް ނުކުރަން އިނގިރޭސިވިލާތަށް ގޮވާލަން: އިރާން

އިރާނުން ހިފެހެއްޓި އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރުގެ ފަޅުވެރިން ތިބީ ހެޔޮ ހާލުގައި ސަލާމަތުން ކަމަށާއި އެކަމާ މަސްލަހަތުތައް ގޯސް ނުކުރަން އިރާނުން އިނގިރޭސިވިލާތަށް ގޮވާލައިފި އެވެ.

އިނގިރޭސިވިލާތުގެ ޓޭންކަރު އިރާނުން ހިފެހެއްޓީ ހޮރުމޫޒް ކަނޑު އޮޅިން ދަތުރު ކުރަމުން ދަނިކޮށް، އެހެން އުޅަނދެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ބައިނަލް އަގްވާމީ ކަނޑު ދަތުރު ކުރުމުގެ ގަވާއިދާ ހިލާފަށް އަމަލު ކުރުމުން، އެ މައްސަލަ ބެލުމަށް ކަމަށް އިރާނުން ވަނީ ބުނެފަ އެވެ.

ނަމަވެސް އިނގިރޭސިވިލާތުން ވަނީ މިކަން ދޮގު ކޮށްފަ އެވެ. އިނގިރޭސިވިލާތުން ބުނާ ގޮތުގައި އިރާނުން ޓޭންކަރު ހިފެހެއްޓީ ހޮރްމޫޒް ކަނޑު އޮޅިން އެހެން ގައުމުތަކަށް ތެޔޮ ގެންދަން ދަތި ކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި އިނގިރޭސިވިލާތުން ވަނީ ހޮރްމޫޒް ކަނޑު އޮޅީގެ ސަރަހައްދުން އެއްވެސް ކަހަލަ މުދާ އުފުލާ އުޅަނދެއް ދަތުރު ނުކުރުމަށް ވެސް ގޮވާލާފަ އެވެ.

އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޖާމީ ހަންޓް ވިދާޅުވީ، އެ ސަރަހައްދުގައި އިރާނުން ކުރިއަށް ގެންދަނީ ގާނޫނާ ހިލާފު ކަންތައްތަކެއް ކަމަށާއި އެކަމުގެ ސަބަބުން ގައުމުތަކުން ގުޅިގެން އިރާނަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ބުނެފަ އެވެ.

މިއަށް ރައްދު ދެއްވާ އިރާނުން އިގިރޭސިވިލާތަށް ކަނޑައަޅައިފައިވާ ސަފީރު ހާމިދު ވިދާޅުވީ، ޓޭންކަރުގެ ވާހަކަ އޮޅުވާލައި މަސްލަހަތު ނަގާލަން އިނގިރޭސިވިލާތުން މަސައްކަތް ކޮށްފިނަމަ ފެނިގެންދާނީ ތަފާތު މަންޒަރެއް ކަމަށެވެ.