ދުނިޔެ

ނިދީގައި ކުރަހާ އާޓިސްޓެއް!

ސްލީޕް ވޯކް ނުވަތަ ނިދީގައި ހިނގުމާއި ވާހަކަ ދެއްކުމަކީ ބައެއް މީހުނަށްވާ ކަމެކެވެ. އެހެންނަމަވެސް މީހަކު ނިދީގައި އޮވެ އަގު ބޮޑުކޮށް ވިކޭ މޮޅު އަދި ރީތި ކުރެހުންތައް ކުރަހާނެ ކަމަކަށް އެއްވެސް މީހަކު ގަބޫލު ކޮށްފާނެ ހެއްޔެވެ؟ ނަމަވެސް މިއީ ހަގީގަތެކެވެ. އިނގިރޭސިވިލާތުގެ އުމުރުން 37 އަހަރުގެ ލީ ހަޑްވިން އަކީ ނިދީގައި އޮވެ ކުރަހާ އާޓިސްޓެކެވެ.

ކުރެހުމުގެ އެއްވެސް ހުނަރެއް ތަމްރީނެއްވެސް ލިބިގެންނުވާ ލީ ހަޑްވިން އެންމެ ފުރަތަމަ ކުރަހަން ފެށީގައި ކޮޓަރީގެ ފާރުގަ އެވެ. ނިދީގައި ހުރެ އޭނާ ގޮސް ފާރުގައި ކުރާހަލަ އެވެ. މިކަން ބޮޑުވެ ލީ ހަޑްވިން ގެ މަންމަ އޭނާ ޑޮކްޓަރަށް ދެއްކި އެވެ. ޑޮކްޓަރުން ބުނީ އެއީ ލީގެ ސްލީޕް ވޯކް ކުރަނީ ކަމަށެވެ.

އުމުރުން ފަސް އަހަރުގައި ނިދަން އޮވެ ކޮޓަރީގެ ފާރުގައި ކުރަންހަން ފެށި ލީ ހަޑްވިން ބޮޑުވަމުން އައި ވަރަކަށް ދިޔައީ ކުރެހުމުގެ ހުނަރުތައް ފުރިހަމަވަމުންނެވެ. ހައިރާންވާޖެހޭ ކަމަކީ ލީ ހަޑްވިން އަކީ ހޭލާ ހުންނަ ވަގުތު ކުރަހަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާ މީހެކެވެ. ނިދީގައި އޮވެ ކުރަހާ ނިންމާލައި އަނެއް ދުވަހު ހޭލާއިރު ލީގެ ބޮލުގައި ވަރަށް ގަދައަށް ރިއްސަ އެވެ. އޭނާގެ ކުރެހުންތަކުން މިހާރު ތަފާތުކަމެއް ވެސް ވަނީ ފާހަގަވާން ފަށާފަ އެވެ.

ކުރެހުންތަކުގައި ހުންނަނީ ނާމާން ބިރުވެރި ސޫރައެއް ދައްކުވައިދޭ ގޮތަކަށެވެ، އަނެއް ބައިފަހަރު ހަމަ އާދައިގެ ކުރެހުމެކެވެ.

މި ސަބަބުތައް މިހެން ހުރުމާއެކު ލަންޑަންގެ ކުރިއަރާފައިވާ ހޮސްޕިޓަލެއްގެ ޑޮކްޓަރުން ލީ ހަޑްވިންއަށް މި ދިމާވެގެން އުޅޭ މައްސަލަ ބަލައި ތަހުގީގެއް ކުރަން ފެށި އެވެ. އެ މީހުން ހެދި ސިކުނޑީގެ ޓެސްޓުތަކުން ލީ ހަޑްވިން އެއްވެސް ބައްޔެއް ތަހައްމަލު ކުރަމުންދާ ކަަމަކަށް ނުދައްކަ އެވެ. އެންމެ ފަހުން ޑޮކްޓަރު ލީ ހަޑްވިންގެ ކޮޓަރީގައި ކެމެރާ ހަރުކޮށްގެން ބަލަން ފެށި އެވެ.

ކޮންމެ ރެއަކު ދަންވަރު ގަޑީގައި ލީ ދެލޯ މަރައިގެން ގޮސް ކުރަހަ އެވެ. ޑޮކްޓަރުން ބެލި ބެލުމުން ކުރަހާ ވަގުތު ލީ ހަޑްވިން ހުންނަނީ ނިދާފައިކަން ޔަގީން ކުރެވުނެވެ. އެކަމަކު ޔަގީން ނުކުރެވެނީ ކުރަހަން ނުވެސް ދަންނަ މީހަކު ހަމަހޭގައި ނުހުންނަ ވަގުތު އަނދިރި ކޮޓަރިއެއްގައި ހުރެ ކުރަހާ ގޮތެކެވެ.

އެންމެ ފަހުން ޑޮކްޓަރުންނަށް ނިމުނީ ލީގެ ކިބާގައި ޕަރަސޯމާނިއާ ހުންނަ ކަމަށެވެ. ޕަރަސޯމާނިއާ އަކީ ނާރުތަކަށް އަންނަ ބަދަލުތަކެއްގެ ސަބަބުން މިހާ ކުރާ އާދަޔާ ހިލާފު ކަންތައްތަކަށް ކިޔާ ނަމެކެވެ. މިއީ ވެސް ފާޑެއްގެ ބައްޔެކެވެ، ލީ ހަޑްވިން އޭނާގެ އެ ބައްޔަށް ފަރުވާ ހޯދަކަށް ބޭނުމެއް ނުވެ އެވެ. އޭގެ ބަދަލުގައި ލީ ވަނީ އޭނާގެ ވާހަކަތައް ކިޔައިދީފަ އެވެ.

ލީ ބުނާ ގޮތުގައި އޭނާގެ އުމުރުން 15 އަހަރުގައި އެމެރިކާގެ ފިލްމު ކުޅޭ މީހެއްގެ ކުރެހުމެއް ނިދީގައި ކުރެހި އެވެ. އޭގެ ކުރިން ހުވަފެނުގައި އެ ފިލްމީ ތަރި ލީއަށް ފެނިފައި ވެއެވެ. އަދި ފަހަރު އޭނާ ކުރެހި އެ ކުރެހުން ކަމުގޮސްގެން ވަރަށް ގިނަ ބައެއްގެ ތައުރީފުވެސް ލިބުނެވެ.

ލި ކިޔައި ދިން ގޮތުންނަމަ މީގެ ކުރިން އޭނާވަނީ ބައްޔަށް ބޭސްކުރަން ތަފާތު ކްލިނިކްތަކަށް ދައްކާފަ އެވެ. އެދެވޭ ނަތިއްޖާއެއް ނާންނަކަން އެނގުމުން ބޭސްކުރުން ހުއްޓާލީ އެވެ. ލީގެ ކުރެހުންތަކަށް ތައުރީފު ލިބުނު ނަމަވެސް، ނިދީގައި އޮވޭ ކުރަހާ ބިރުވެރި ސޫރަ ފެންނަ ކުރެހުންތަކުގެ ސަބަބުން އޭނާއަށް އަމާޒު ވެގެންދަނީ އަޑުއަހަން ފަސޭހަ ބަސްތަކެއް ނޫނެވެ.

"ނިދީގައި އޮވެ ކުރެހީ، ހޭލާއިރު ހަނދާނެ ނުހުންނާކެ ކުރަހާ ކަމެއް، ބައެއް ފަހަރު މަގުމަތިން ފެންނަ މަންޒަރެއްގައި ނުވަތަ ދިމާވާ މީހެގެ ކުރެހުމެއް ކުރެހިފައި އެބަހުރި، ބިރުވެރި ކުރެހުން ފެނިފަ ބައެއް މީހުން ބުނާނެ ޖިންނި އަވަލާފަ، ޖިންނި އޭ ކުރަހަނީ، ބިރުވެރި ކުރެހުންތައް އެހާވަރަކަށް ނުވެސް ވިކޭ، އާދައިގެ ކުރެހުންތައް ހަމަ އަގު ބޮޑުކޮށް ވިއްކާލެވޭ" ލީ ބުންޏެވެ.

މިހާރު ލީ އެޑްވިން ދަނީ އޭނާ ނިދީގައި ކުރަރާ ކުރެހުންތައް އާޓް އެގްޒަބިޝަންތަކުގައި ވަރަށް އަގު ބޮޑުކޮށް ވިއްކަމުންވެ. ލީ އަށް ދިމާވެފައިވާ ޕަރަސޯމާނިއާ އަކީ ނާރުތަކަަށް އަންނަ ބަދަލުތަކެއްގެ ސަބަބުން މީހާގެ ދިރިއުޅުމަށް އަންނަ ބަދަލުތަކެވެ. ލީ އަށް މިބަލި ޖެހިފައިވަނީ އުމުރުން ފަސް އަހަރުގަ އެވެ.