ދުނިޔެ

ޕަލަސްތީނު ބައެއް ގެތައް އިޒުރޭލުން ބިމާ ހަމަކޮށްލައިފި

އިޒްރޭލް ސިފައިން ޕަލިސްތީނުގެ ރައްޔިތުން ދިިރި އުޅޭ 16 އިމާރާތެއް ތަޅާލުމުގެ މަސައްކަތް ފަށައިފި އެވެ. ގެތައް ތަޅައި ބިމާ ހަމަ ކުރަނީ ސޫބަހެރްގެ ސަރަހައްދުންނެވެ. އެ ސަރަހައްދުގެ ގިނަ މީހުން ދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ. އަދި ދުނިޔޭގެ ގައުމުތަކުން ވެސް ވަނީ އިޒްރޭލުގެ އެ އަމަލު ކުށްވެރިކޮށްފަ އެވެ.

ޕަލަސްތީނުގެ 100 ވަރަކަށް މީހުން ދިރިއުޅޭ 16 އިމާރާތެއް ތަޅާލަން އިޒްރޭލުން ނިންމީ ޕަލަސްތީނާއި އިޒްރޭލް ވަކިކުރާ ބޯޑަރާއި ކައިރީގައި އެ އިމާރާތްތަށް ހުރުން ސަބަބަކަށް ދައްކައިގެނެވެ. އިޒްރޭލުގެ ސުޕްރީމް ކޯޓުން ވަނީ މިދޔަ މަހު އެ އިމާރާތްތަކުގައި ދިރިއުޅޭ މީހުން އެތަން ދޫކޮށް ދާން އަމުރުކޮށްފަ އެވެ. އެގޮތަށް ސުޕްރީމް ކޯޓުން އަމުރުކުރީ އިޒްރޭލު ސިފައިންގެ އެދުމަށެވެ.

އިޒްރޭލު ސިފައިން ގޮސް ފަލަސްތީނުގެ ގިނަ ބަޔަކު ދިރިއުޅޭ ގެދޮރުން ބޭރުކޮށް ގެތައް ތަޅާލަން ނިންމީ ވަންނާނެ އިތުރު ތަނެއް ވެސް ނުދައްކާ ކަމަށް އިމާރާތުގައި ދިރިއުޅޭ މީހަކު ވަނީ ބުނެފަ އެވެ.

މިދިޔަ ހަފުތާގައި އދ. އިންނާއި އިންސާނީ ހައްގުތަކާބެހޭ ޖަމިއްޔާތަކުން ވަނީ ޕަލަސްތީނު ރައްޔިތުންގެ ގެދޮރު އެގޮތަށް ތަޅައި ސުންނާފަތި ނުކުރަން ގޮވާލާފަ އެވެ. ނަމަވެސް އިޒްރޭލު ސުޕްރީމް ކޯޓުން ބުނީ، ބޯޑަރު ކައިރީގައި ޕަލަސްތީނު ރައްޔިތުންގެ ގެތައް ހުރުމަކީ އިޒްރޭލު ރައްޔިތުންނަށް އޮތް ނުރައްކަލެއް ކަމަށެވެ. ހަމަލާތަކުން ދިފާއުވުމުގެ ފުރިހަމަ ބާރު އިޒްރޭލަށް ލިބިގެންވާ ކަމަށެވެ.

ޕަލަސްތީނުން އިޒްރޭލު ސިފައިންގެ އަމަލު ކުށްވެރިކޮށް ބުނީ، ބޯޑަރު ކައިރީގައި ހުރި ގެދޮރުތަށް ތަޅާލަން އިޒްރޭލުން ނިންމީ އަމިއްލަ އެދުމެއްގެ ބޭނުމުގައި އަނެއްކާވެސް ޕަލަސްތީނުން ބިންކޮޅެއް ބޭނުވެގެން ކަމަށެވެ.