ރާއްޖޭގައި އުޅޭ ބިދޭސީން ގަވައިދާ ހިލާފަށް މަސައްކަތްތައްކޮށް ވިޔަފާރި ކުރާ މައްސަލާގައި މިއަދު ބޭއްވި ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމަށް މީޑިއާއަށް ނުވަދެވޭ ގޮތަށް ސިއްރު ކުރަން އެ ކޮމިޓީން ނިންމައިފި އެވެ. ބިދޭސީންގެ މައްސަލާގައި މީގެ ކުރިން ބޭއްވި ކޮމިޓީ ބައްދަލުވުން ވެސް ވަނީ ސިއްރުކޮށްފަ އެވެ.
މަޖިލީހުގައި މިއަދު ތާވަލުކޮށްފައި ވަނީ ބިދޭސީންގެ މައްސަލާގައި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ކަމާބެހޭ މުއައްސަސާތަކުގެ ވެރިން ހާޒިރު ކުރާށެވެ. އެގޮތުން ފޮރިން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންނާއި މޯލްޑިވްސް އިމިގްރޭޝަންގެ އިސް ބޭފުޅުން ވެސް ހިމެނެ އެވެ.
ކޮމިޓީ ބައްދަލުވުން ފެށުމަށް ފަހު އެ ކޮމިޓީގެ މުގައްރިރު، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވީ ކޮމިޓީގައި ދޭދޭ ގައުމުތަކާބެހޭ ވާހަކަތަކާއި ދައްކަން ޖެހޭތީ ކޮމިޓީ ސިއްރު ކުރަން ކުރިން ވެސް ނިންމާފައި އޮތް ގޮތަށް މިއަދު ވެސް އަމަލު ކުރަން ޖެހޭނެ ކަމަށެވެ.
ފަހަކަށް އައިސް ބައެއް މުހިންމު ކޮމިޓީތައް ސިއްރުކޮށް ކުރިޔަށް ގެންދަން ނިންމާފައިވާތީ ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުން ވަރަށް ބޮޑަށް މަޖިލީހަށް ފާޑު ކިޔަ އެވެ.