ވިޔަފާރި

އިންޑިއާ އާއި ރާއްޖެއާދ ދެމެދު ކަރަންސީ ސްވޮޕް އެއްބަސްވުމެއް ހަދައިފި

Jul 22, 2019
3

އިންޑިއާ އާއި ރާއްޖެއާ ދެމެދު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދުވި ކަރަންސީ ސްވޮޕް އެއްބަސްވުމުގައި އެމްއެމްއޭގެ ފަރާތުން ސޮއި ކުރެއްވީ ގަވަރުނަރު އަހުމަދު ނަސީރެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާގެ އެގްޒެކްޓިވް ޑިރެކްޓަރު ރަބީ އެން މިޝްރާ އެވެ.

ރާއްޖެ އާއި އިންޑިއާއިން ސޮއިކުރި މި އެއްބަސްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޑިސެމްބަރު މަހު އެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި ސޮއި ކުރެއްވި 1.4 ބިލިއަން ޑޮލަރުގެ އިގްތިސާދީ ޕެކޭޖުގެ ބައެކެވެ. މި ސްވޮޕް ފެސިލިޓީ ހަމަޖެހިގެން ދާނީ މިހާރު ވެސް އަމަލުކުރަމުންދާ 'ފްރޭމްވާކް އޮން ކަރަންސީ ސްވޮޕް އެރޭންޖްމަންޓް ފޮ ސާކް ކަންޓްރީސް' އަދި މި ފްރޭމްވާކްގެ 'ސްޓޭންޑްބައި ސްވޮޕް އެރޭންޖްމަންޓް' ގެ ތެރެ އިންނެވެ.

ކަރަންސީ ސްވެޕް އެއްބަސްވުމަކީ ދެ ގައުމެއްގެ ފައިސާ ބަދަލު ކުރަން ހަދާ އެއްބަސްވުމެކެވެ. މި އެއްބަސްވުން ގާއިމްކުރާނީ ދެ ގައުމުގެ މަރުކަޒީ ބޭންކުގެ ދެމެދުގަ އެވެ.



ކަރަންސީ ސްވެޕްގެ ސަބަބުން ރިޒާވު ބޮޑުވުމަށް މަގު ފަހިވެ އެވެ. ނަމަވެސް މިގޮތަށް ކަރަންސީ ސްވޮޕަށް ނަގާ ފައިސާ ދައްކަން ޖެހެ އެވެ. މި ފައިސާ ދައްކާނީ ރިޒާވް އިންނެވެ. މި އަހަރުގެ މާޗު މަހު ރިޒާވް 251.8 މިލިއަން ޑޮލަރަށް ދަށްވި މައިގަނޑު ސަބަބަކީ ކަރެންސީ ސްވޮޕުގެ ގޮތުގައި ދިވެހި ސަރުކާރުން އަނބުރާ 100 މިލިއަން ޑޮލަރު ދެއްކުމުން ކަމަށް އެމްއެމްއޭއިން ވަނީ ބުނެފަ އެވެ.

މި ކަރަންސީ ސްވެޕް އެއްބަސްވުމުގެ ސަބަބުން އިންޑިއާގެ ސެންޓްރަލް ބޭންކުން ދިވެހި ރުފިޔާ ބަހައްޓާނެ އެވެ. މި އެއްބަސްވުންތަކުގެ ސަބަބުން ބޭރު ފައިސާ އަށް އޮންނަ ޑިމާންޑު ކުޑަވެ، ރާއްޖެއިން އިންޑިއާ އަށް ދައްކަން ޖެހޭ ފައިސާ ދިވެހި ރުފިޔާ އިން ދެއްކުމަށް މަގު ފަހި ވެގެންދެ އެވެ.

ރާއްޖެ އިން މީގެ ކުރިންވެސް އިންޑިއާއާއެކު ކަރަންސީ ސްވޮޕް އެއްބަސްވުން ހަދާފައި އެބަހުއްޓެވެ. ނިމިދިޔަ ސަރުކާރުން ވަނީ އިންޑިއާއެކު 200 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ގާއިމްކޮށްފަ އެވެ.