މަނީ ލޯންޑަރިންގް މައްސަލަތައް ބަލަން ގާނޫނުގެ ދަށުން މަރުކަޒީ ބޭންކުގައި އުފައްދާފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ ޑޭޓާބޭސްގެ ތެރެއަށް ލާފައިއިން ބޮޓެއް މެދުވެރިކޮށް މައުލޫމާތު ލީކު ކޮށްފައިވާ ކަމަށް ގަވަރުނަރު އަހުމަދު ނަސީރު މިއަދު ހާމަ ކުރައްވައިފި އެވެ.
އެފްއައިޔޫގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފް ފޮނުވާފައިވާ ސިޓީއެއްގައި ކުރި ތުހުމަތުތަކާ ގުޅިގެން، މިއަދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރު ކޮށްފައިވާއިރު، އަޝްރަފާ ގުޅޭގޮތުން ގަވަރު ނަސީރު ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ.
ނަސީރު ވިދާޅުވި ގޮތުގައި، އެފްއައިޔޫގެ ވެރިޔާގެ މަގާމުން އެހެން މަގާމަކަށް އަޝްރަފް ބަދަލު ކުރައްވަން ނިންމެވީ، އެ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރެވެމުން ނުދާ ކަމަށް ފާހަގަކުރުމުގެ އިތުރުން، އެ ޔުނިޓުން މައުލޫމާތުތަކެއް ލީކުވަމުންދާ ކަމަށް ޝައްކު ކުރެވިގެނެވެ.
އެގޮތުން، އަޝްރަފު އެހެން މަގާމަކަށް ބަދަލު ކުރުމަށްފަހު ބެލި ބެލުމުގައި، އެފްއައިޔޫގެ ޑޭޓާބޭސް ތެރެއަށް ބޮޓެއް ލާފައިވާ ވާކަން ފާހަގަޗކުރެވުނު ކަމަށެވެ.
"ޑޭޓާބޭސް ތެރޭގައި ލާފައި އިން ބޮޓަކުން، ބައެއް މައުލޫމާތުތައް ފޮނުވަމުން ދިޔައީ ޓެލެގްރާމްގައި ހަދާފައި އިން ގުރޫޕަކަށް،" އެ ގުރޫޕާބެހޭ އިތުރު ތަފްސީލެއް ނުދެއްވާ ނަސީރު ވިދާޅުވި އެވެ.
ގަވަރުނަރު އިތުރަށް ވިދާޅުވި ގޮތުގައި، އަޝްރަފް އެހެން މަގާމަކަށް ބަދަލުކުރި ފަހުންވެސް ހަތަރު މަސް ދުވަސް ވަންދެން އެމްއެމްއޭގެ އިންޓްރާނެޓް މެދުވެރިކޮށް އެފްއައިޔޫއަށް ފޮނުވާ ލިޔެކިޔުންތައް އަޝްރަފް ބަލަމުން ގެންދިޔަ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އަޝްރަފަށް ބޮޑެތި ތުހުމަތުތައް، އަދިވެސް ވަޒީފާގައި
އެފަދަ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ މީހަކު ވަޒީފާއިން ވަކިނުކޮށް ނޫނީ ސަސްޕެންޑު ނުކޮށް އެމްއެމްއޭގެ އެހެން އިސް މަގާމަކަށް ބަދަލުކޮށްފައި ވާތީ، ކޮމިޓީގެ ގިނަ މެންބަރުން ވަނީ ގަވަރުނަރާ ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވައިފަ އެވެ.
އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ގަވަރުނަރު ވިދާޅުވީ، އެފްއައިޔޫގެ ފަދަ މުހިންމު ޔުނިޓެއްގެ ވެރިޔާގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ނުކުޅެދުނު ކަމަށް ގަބޫލު ކުރެއްވުނަސް، އަޝްރަފަކީ އެމްއެމްއޭގެ ހަރަދުގައި ތަމްރީނު ކޮށްފައިވާ ފަރާތެއް ކަމަށްވާތީ އޭނާއަށް ވެސް ދެރައެއް ނުލިބޭ ގޮތަށް ބޭނުން ހިފޭނެ އެހެން ވަޒީފާއަކަށް ބަދަލު ކުރެއްވީ ކަމަށެވެ.
ގާނޫނީ ދާއިރާއިން ތައުލީމް ހާސިލްކޮށްގެން ހުންނެވި އަޝްރަފް މިހާރު ހުންނަވަނީ ރާއްޖޭގައި ޕޭމަންޓް ގޭޓްވޭ ނިޒާމުތައް ގާއިމު ކުރުމަށްޓަކައި ގާނޫނުތައް ޑްރާފްޓް ކުރުމުގެ މަސައްކަތްކުރާ ޑިޕާޓުމަންޓުގަ އެވެ.
ގަވަރުނަރު ވިދާޅުވި ގޮތުގައި، މައުލޫމާތު ލީކު ކުރުން ފަދަ ކަންކަން ފާހަގަވެފައި ވަނީ އަޝްރަފް އެފްއައިޔޫއިން ބަދަލު ކުރުމުން ކަމަށާއި، ނަމަވެސް، ހަމައެކަނި ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް އިތުރު ފިޔަވަޅެއް އަޅުއްވަން ބޭނުންފުޅު ނުވީ ކަމަށެވެ.
"އަޅުގަނޑުމެން އެ ހުރިހާ ކަމެއްގެ އިންޓާނަލް ރިވިއުއެއް ހަދާފައި މިހާރު ވަނީ ޕޮލިހަށް ފޮނުވާފައި. ދެން ތަހުގީގީ އިދާރާއަކުން ޖިނާއީ ކަމެއް އުޅޭ ކަމަށް ބުނުމުން އިތުރު ފިޔަވަޅެއް އެޅޭނީ. އެކަމަކު އަޅުގަނޑާއި ހިސާބުން އެޅޭނެ އެންމެ މަތީ ފިޔަވަޅު އެހެރީ އަޅާފައި. އެއީ އެފްއައިޔޫގެ ހެޑުގެ މަގާމުން ބަދަލު ކުރުން،" ނަސީރު ތަފްސީލުކޮށް ދެއްވި އެވެ.
އަޝްރަފްގެ ތުހުމަތުތަކެއް ގަވަރުނަރަށް
ގަވަރުނަރުގެ ކުރިން މިއަދު ކޮމިޓީއަށް ހާޒިރުވެ، އަޝްރަފް ވަނީ ގަވަރުނަރު ނަސީރަށް ވެސް ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. އެ ގޮތުން، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތުހުމަތުކުރާ މަނީ ލޯންޑަރިންގެ މައްސަލަތައް އެފްއައިޔޫން ފުލުހުންނަށް ރިޕޯޓް ކުރުމުން އެކަމާ ކޯފާ ވެގެން އެކަން ނުކުރަން ނަސީރު ވިދާޅުވި ކަމަށް އަޝްރަފް މިއަދު ބުންޏެވެ.
ރައީސް ޔާމީނާ ގުޅޭގޮތުން ފުލުހުންނަށް ހުށަހެޅީ މިދިޔަ ސެޕްޓެމްބަރު މަހު ކެމްޕޭނު ފައިސާގެ ގޮތުގައި ބޮޑެތި އަދަދުތަކެއް ޖަމާވި ކަމުގެ ސަސްޕިޝަސް ޓްރާންސްއެކްޝަން ރިޕޯޓް (އެސްޓީއާރު) އެއް ކަމަށެވެ.
އެކަމާ ގުޅިގެން ގަވަރުނަރު ވަނީ އެމްއެމްއޭގެ ޓެރަސްގައި ބައްދަލުކޮށް ރިޔާސީ އިންތިހާބުގެ ކުރިން އެފަދަ ހައި ޕްރޮފައިލް މައްސަލަތައް ނުފޮނުވަން އެދިވަޑައިގެންފައި ކަމަށްވެސް އަޝްރަފް ތުހުމަތުކުރި އެވެ.
"ވިދާޅުވި ތިކަން ތި ކުރަނީ ކަލޭ މޮޔަކަމުންހޭ ނޫނީ ތިމަންނާއަށް ޖެއްސުމަށްހޭ. ތިމަންނާއަށް މިހާރުވެސް މަގާމުން ދުރުކުރާނެކަމުގެ އިންޒާރު އެބަ އާދެއޭ. ޖަލަށް ވެސް ދާންޖެހިދާނެ އޭ. ތިމަންނަ ކަންބޮޑުވަނީ ފެމިލީއަށް ދެރަގޮތެއް ވެދާނެތީ އޭ،" އޭނާ ބުންޏެވެ.
އަޝްރަފްގެ ތުހުމަތުތަކަކީ މަގާމު ގެއްލުމުގެ ސަބަބުން ވެރިޔާއާ މެދު ހަސަދަވެރި ކަމެއްތޯ ބައެއް މެންބަރުން ވަނީ ސުވާލު ކުރައްވައިފަ އެވެ. އެކަމުގެ ރައްދުގައި އަޝްރަފް ބުނީ އޭނާ އެ ވާހަކަތައް ހިއްސާ ކުރަން ބޭނުންވީ މަގާމެއް ބޭނުން ވެގެން ނޫން ކަމަށާއި، މަރުކަޒީ ބޭންކުގެ އެންމެ މަތީ ވެރިޔާ މިނިވަން ޔުނިޓަކަށް ނުފޫޒު ފޯރުވާފައިވާތީ ކަމަށެވެ.
އަޝްރަފް ވާހަކަތައް ގަވަރުނަރު މިއަދުވެސް ވަނީ ދޮގު ކުރައްވައިފަ އެވެ. ނަސީރު ވިދާޅުވީ އަޝްރަފާ ވާހަކަ ދެއްކެވީ މަގާމު ބަދަލު ކުރުމުގެ އޭނާއާމެދު ޝައްކުކުރެވޭ ކަންތައްތައް އިތުރަށް ޔަގީން ކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެއްވެސް މީހެއްގެ މައްސަލައެއް ބަލަން ނޫނީ ނުބަލަން އެމްއެމްއޭގެ އެއްވެސް ޑިޕާޓްމަންޓަކަށް އަންގަވާފައި ނުވާނެ ކަމަށް ވެސް ނަސީރު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގައި އެފްއައިޔޫ ގެ އެއިރުގެ ވެރިޔާ އާތިފު ޝަކޫރު އިހުމާލުވެފައިވާ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ބައިވެރިވެރި އެސްއޯއެފް ކުންފުނިން މަނީ ލޯންޑަރިންގެ އަމަލުތައް ހިންގިކަން އެފްއައިޔޫގެ ރިޕޯޓުގައި ބަޔާން ކުރި ނަމަވެސް އެ މައްސަލާގައި އެސްއޯއެފަށް އެއްވެސް ފިޔަވަޅެއް ނަޅާއި ދޫކޮށްލަން ނިންމީ އާތިފު އަންގައިގެން ކަމަށް އޭސީސީން ނެރުނު ރިޕޯޓެއްގައި ވަނީ ބުނެފަ އެވެ.
އެ ނިންމުން ނިންމީ އޭނާގެ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައި ދިނުމަށް ކަން ސާބިތު ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށާއި އެ މައްސަލައިގައި އާތިފުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށް އެދި މިދިޔަ ފެބްރުއަރީ މަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި ކަމަށް ވެސް އޭސީސީން ބުންޏެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމްގެ ބޭނުމަށް ފަޅުތަކާއި ރަށްތައް ދޫކޮށްގެން ދައުލަތަށް ލިބިގެން ޖެހޭ 1.3 ބިލިއަން ރުފިޔާއަށް ހިޔާނާތްވެރިވެފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. ހިޔާނާތުގެ މައްސަލައާ ގުޅިގެން އެފްއައިޔޫ އިން ތައްޔާރުކުރި އެނަލިސިސް ރިޕޯޓުގައި މަނީ ލޯންޑަރިންއަށް ތުހުމަތު ކުރެވޭ ކަންތައްތައް ފާހަގަކޮށްފައިވީ ނަމަވެސް އޭޕްރީލް 6، 2015 ގައި ރިޕޯޓުގައިވާ ކަންކަން ތަހުގީގީ އިދާރާއަކަށް ނުފޮނުވަން އެ ޔުނިޓުން ނިންމި އެވެ.