ހަބަރު

ޝަރީއަތްތައް ލަސްވާތީ އެތައް ސިޓީއެއް ކޯޓަށް ފޮނުވިން: ބިޝާމް

ކޯޓުތަކުގައި ހިނގަމުންދާ ޝަރީއަތްތައް ލަސްވާތީ ކަންބޮޑުވުން ފާޅުކޮށް ޝަރުއީ ކޯޓުތަކަށާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް މިހާތަނަށް 120 ސިޓީ އަށްވުރެ ގިނަ ސިޓީ ފޮނުވާފައި ވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިއަދު ޕީޖީ ބިޝާމް ހާޒިރުކޮށް، ޝަރީއަތް ނިމެންދެން މީހުން ބަންދުގައި ބަހައްޓާ މައްސަލައާ ގުޅޭ ގޮތުން ބައެއް މެންބަރުން ވަނީ ސުވާލު ކުރައްވައިފަ އެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ބިޝާމް ވިދާޅުވީ ފުލުހުން ކުރަން ޖެހޭ ތަހުގީގުތައް ނިންމައި ޕީޖީން ދައުވާ ކުރަން ޖެހޭ މުއްދަތުގެ ތެރޭގައި ކުރަންޖެހޭ މަސައްކަތްތައް ނިންމި ނަމަވެސް ކޯޓުތަކުގައި މައްސަލަތަކުގެ ޝަރީއަތް ދިގުލައިގެންދާ ކަމަށެވެ. އެ ގޮތުން މައްސަލަތައް ނިންމަން ވަކި ތާރީހުތަކެއް ޖިނާއީ އިޖުރާއަތުގައި އޮތް ނަމަވެސް ކޯޓުތަކުން ޝަރީއަތް ކުރިއަށް ގެންދަނީ އެ އުސޫލުތަކަށް ނޫން ކަމަށެވެ.

"ގިނަ އަދަދެއްގެ ބޮޑެތި މައްސަލަތަކުގެ ޝަރީއަތް ނުނިމި ދިގުލާފައި އެބަހުރި. މަރުގެ މައްސަލަތައް، ހިއުމަން ޓްރެފިކިންގެ މައްސަލަތައް، ޑްރަގް ޓްރެފިކިން، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް، މިހެން ގޮސް ކިތަންމެ މައްސަލައެއް، މައްސަލަތައް ލަސްވެގެން 120 ސިޓީ ކަމާ ގުޅޭ ކޯޓުތަކަށް އަޅުގަނޑު ވާނީ ފޮނުވާފައި،" ބިޝާމް ވިދާޅުވި އެވެ.

އޭގެ ތެރެއިން ބައެއް މައްސަލަތައް ބިޝާމް ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެ ގޮތުން ވ. ރަކީދޫގައި އަނިޔާވެރި ގޮތަކަށް މަރާލި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލުގެ މައްސަލާގައި އޭނާގެ މަންމަގެ މައްޗަށް ދައުވާކުރި މައްސަލަ ކޯޓުގައި އޮންނަތާ ތިން އަހަރުވެފައިވާ ކަމަށާއި ކޯޓުގައި އެއްވެސް އަޑުއެހުމެއް ނުބާއްވާތާ އެއް އަހަރު ދުވަސް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިބްތިހާލުގެ މައްސަލާގައި އިހުމާލުވި ފަރާތްތަކުގެ މައްޗަށް ދައުވާ ކުރި މައްސަލާގައި ހައި ކޯޓުގައި އިސްތިއުނާފު ކުރީ މިދިޔަ 2017 ވަނަ އަހަރުގެ ޖުލައި މަހުގައި ކަމަށް ބިޝާމް ވިދާޅުވި އެވެ.

ނަމަވެސް އޭގެ ފަހުން މިއަދާ ހަމައަށް ދެ އަހަރަށްވުރެ ގިނަ ދުވަސްވީއިރު އިސްތިއުނާފު މައްސަލާގައި މިހާތަނަށް ހައި ކޯޓުގައި އެންމެ އަޑުއެހުމެއް ވެސް ތާވަލުކޮށްފައި ނުވެ އެވެ.

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ކަމަށް ބުނެ ޕީޖީއިން ދައުވާކޮށްފައިވަނީ ވ. އަތޮޅު ޕޮލިސް ސްޓޭޝަންގެ އެކްޓިން ކޮމާންޑަރަކަށް އޭރު ހުރި ލިސާން އަބޫބަކުރާއި ޖެންޑާ މިނިސްޓްރީގައި އޭރު މަސައްކަތްކުރި ދެ މުވައްޒަފެއް ކަމަށްވާ މުހައްމަދު ރަޝީދާއި މުހައްމަދު ޝަކީބާއި އޭރު މިނިސްޓްރީގެ ވ. އަތޮޅު ގޮފީގައި މަސައްކަތްކުރި އައިމިނަތު ޝިޔާޒާގެ މައްޗަށެވެ.

މީގެ އިތުރުން ގދ. ތިނަދޫ ޒިޔާދާ ނައީމްގެ މަރުގެ މައްސަލާގައި ހައި ކޯޓުގައި މިދިޔަ އޭޕްރީލް މަހު އިސްތިއުނާފަށް ހުށަހަޅާފައިވާ ކަމަށާއި އޭގެ ފަހުން މިހާތަނަށް ތިން މަސް ދުވަސް ވެގެންދިޔައިރު އެ މައްސަލާގައި ވެސް އެއްވެސް އަޑުއެހުމެއް ތާވަލުކޮށްފައި ނުވާ ކަމަށް ބިޝާމް ވިދާޅުވި އެވެ.

ބިޝާމް އިތުރަށް ވިދާޅުވީ އަތޮޅުތެރޭގައި ހުންނަ ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތަކުގައި ވެސް ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުންނަ ފަރާތްތައް މާލެ އަތޮޅުގައި ހުންނަ ޖަލުތަކުގައި ތިބޭ ކަމަށާއި ޝަރީއަތްތަކަށް އެ މީހުން ގެންދިއުމަށް ކަރެކްޝަންސްގައި ބަޖެޓެއް ވެސް ނޯންނަ ކަމަށެވެ. އަދި އޯޑިއާއި ވީޑިއޯ މެދުވެރިކޮށް ޝަރީއަތްތައް ކުރިއަށް ގެންދަން އެ ކޯޓުތަކުގައި އެކަށީގެންވާ ވަސީލަތްތައް ނުހުންނަ ކަމަށް ބިޝާމް ވިދާޅުވި އެވެ.