ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް ހާޒިރު ކުރުމަށް ނިންމައިފި އެވެ.
ބިޝާމް ހާޒިރު ކުރަން ނިންމާފައިވަނީ މި މަހުގެ 16 ވަނަ ދުވަހު ބާއްވާ އެ ކޮމެޓީގެ ބައްދަލުވުމަށެވެ. އޭނާ ހާޒިރުކޮށް ދިނުމަށް މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި އެދިވަޑައިގެންނެވީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ.
އޭނާ އެގޮތަށް އެދިވަޑައިގެންނެވުމުން ކޮމެޓީގެ މުގައްރިރު ވަނީ އޭގެ ކުރިން ވެސް ޕީޖީ ބިޝާމް ކޮމެޓީ ހާޒިރުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ ދެން ނިންމީ މާދަމާ ބިޝާމްއާ ސުވާލު ކުރާނެ ކަންކަމާމެދު ގޮތް ނިންމުމަށެވެ.
މީގެކުރިން ޖުޑިޝަރީ ކޮމެޓީއިން ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުން ވެސް ކޮމެޓީއަށް ހާޒިރުކޮށް އެ ކޮމިޝަންގެ މަސައްކަތްތަކާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ.
ޕީޖީ ބިޝާމް ކޮމެޓީއަށް ހާޒިރުކުރާއިރު ނިމިގެންދިޔަ ސަރުކާރާ އިދިކޮޅު ގިނަ ލީޑަރުންނާއި ސިޔާސީ ބޭފުޅުންނަށް ދައުވާކޮށްފައިވާތީ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. އަދި ސަރުކާރު ބަދަލުވުމުން ބައެއް މައްސަލަތަކުގައި ސްޓޭންޑް ބަދަލުކޮށް ދައުވާތައް އަނބުރާ ގެންދިޔުމުން ވެސް ފާޑުކިޔުން އަމާޒުވި އެވެ.
އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ނިމިގެންދިޔަ މަޖިލީހަށް ސަރުކާރު ބަދަލުވި ފަހުން ހުށަހެޅި އެވެ. ނަމަވެސް އެ މައްސަލަ ފަހުން އަނބުރާ ގެންދިޔަ އެވެ. އަނބުރާ ގެންދިޔަ ސަބަބެއް ސާފެއް ނޫނެވެ.