ދުނިޔެ

ސީއައިއޭއާ ގުޅުން ހުރި ބަޔަކު އިރާނުން ހައްޔަރެއް ނުކުރޭ: ޓްރަމްޕު

އެމެރިކާގެ ޖާސޫސީ އިދާރާ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) އާއި ގުޅުން ހުރި ބަޔަކު ހައްޔަރުކޮށް އަދަބު ދީފައިވާ ކަމަށް ބުނެ އިރާނުން ހަދަނީ ދޮގު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.

ޓްރަމްޕު ވިދާޅުވި، އިރާނަކީ މަރުވެފައިވާ ފެއިލް އިގްތިސޯދެއް އޮންނަ ގައުމަކަށް ވުމުން އެއްވެސް ކަމެއްގައި ތެދެއް ނުހަދާނެ ކަމަށެވެ. އިރާނުން އަދަބު ދިން މީހުނާ ސީއައިއޭ ގުޅުވައިގެން އިރާނުން މިހާރު އެ ގެންދަނީ ޕްރެޕެގެންޑާއެއް ފަތުރުވަމުން ކަމަށް ވެސް ޓްރަމްޕު ވިދާޅުވި އެވެ.

އިރާނަކީ މުޅިން އޮޅުންބޮޅުން ވެފައިވާ ގައުމެއް ކަމަށާއި ދޮގު ހަދައި އޮޅުވާލައިގެން އިރާނުގެ އިގްތިސޯދު ދުވަހަކުވެސް ކުރި ނާރާނެ ކަމަށް ވެސް ޓްރަމްޕު ވިދާޅުވި އެވެ.

"އިރާނުން ދައްކާ ވާހަކައިގެ އެއްވެސް ހަގީގަތެއް ނެތް، ފެއިލްވެފައިވާ ސަރުކާރެއް، މަރުވެފައިވާ އިގްތިސޯދެއް އެހެންވީމާ އެއްވެސް ކަމެއްގައި ކަން އޮންނަ ގޮތަކަށް ވާހަކަ ނުދައްކާނެ، އަބަދުވެސް ބޭނުންވާނީ ޕްރެޕެގެންޑާ ފަތުރަން. އިރާނުގެ އިގްތިސޯދުގެ ކުރި ނާރާނެ، މުޅި އިރާނަކީ ވެސް އޮޅުން ބޮލުން ވެފައިވާ ތަނެއް" ޓްރަމްޕު ވިދާޅުވި އެވެ.

މިއަދުގެ ވަގުތެއްގައި ސީއައިއޭއަށް ޖާސޫސް ކޮށްދިން 17 މީހަކަށް އަދަބު ދީފައިވާ ކަމަށް އިރާނުން ވަނީ ބުނެފަ އެވެ. އޭގެ ތެރެއިން ގައުމަށް ޣައްދާރުވި ބައެއް މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވިއިރު، ދެން ހިމެނޭ ބައެއް މީހުން ދިގު މުއްދަތަކަށް ޖަލަށް ލާން އިރާންގެ ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.