ރައީސް މުހައްމަދު ނަޝީދު

ޖޭއެސްސީން އިއާދަކޮށްދިނީ ގެއްލިފައިވާ އަސާސީ ހަމައެއް: ނަޝީދު

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކަށް ނަސޭހަތް ދީ، ޖަވާބުދާރީވާން މަސް ދުވަސް ދޭން ޖޭއެސްސީ ން އިއްޔެ ނިންމުމުން ގާނޫނު އަސާސީގައި އޮތް ނަމަވެސް ގެއްލިފައިވާ އަސާސީ ހަމައެއް އަލުން އިއާދަވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެހެން ވިދާޅުވީ މިއަދު މަޖިލީހުގެ ޖަލްސާ ފައްޓަވައި ދެއްވަމުންނެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި އެ ކޯޓުގެ ފަނޑިޔާރުން ކަމަށްވާ އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދާ ގުޅިގެން ޖޭއެސްސީއަށް ހުށަހެޅި ޝަކުވާއެއް ބަލައި ތިން ފަނޑިޔާރުންނަށް ނަސޭހަތް ދިނުމަށް އެ ކޮމިޝަނުން އިއްޔެ ނިންމި އެވެ. އެނގިފައިވާ ގޮތުގައި އެ ޝަކުވާއަކީ ސިވިލް ކޯޓުގައި އޮތް ޕީއެސްއެމްގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފްގެ ދަރަނީގެ މައްސަލާގެ ލިޔުންތައް ސުޕްރީމް ކޯޓުން ނެގުމާ ގުޅިގެން ހުށަހެޅި ޝަކުވާއެކެވެ.

އެ ކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖޭއެސްސީގައި ވެސް ހިމެނިވަޑައިގަންނަވާ ނަޝީދު ވިދާޅުވީ ކުށުގެ ތުހުމަތުން ބަރީއަވުމަށްޓަކައި މަސައްކަތް ކުރަން ތިން ފުރުސަތުގެ ހައްގު ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވާ ކަމަށެވެ.

"ގާނޫނު އަސާސީގައި ބޭނުން ކުރާ ވަރަށް އާންމު އަސާސީ ހަމައެއް އެބަ އޮވޭ. އެއީ މި ދިވެހިރާއްޖޭގެ ވެސް ވަރަށް އަސާސީ ހަމައެއް. ރައިވެރިންގެ ދަރިންނަށް ވެސް ތިނެތިން އެކަތި އޮވޭ. ކޮންމެ ރައްޔިތަކަށް ވެސް ކުށުގެ ތުހުމަތުން ބަރީއަވުމަށްޓަކައި ތިން ފުރުސަތު އަސާސީ ހައްގުތަކުގެ ތެރޭގައި ދީފައި މި އޮންނަނީ. އެއީ ދަށު ކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓު." ނަޝީދު ވިދާޅުވި އެވެ.

އެހެންކަމުން ދަށު ކޯޓުގައި އޮންނަ މައްސަލައެއް ސުޕްރީމް ކޯޓަށް ގެންދިޔުމުން ގާނޫނު އަސާސީގައި އޮންނަ އާންމު އުސޫލާއި ހިލާފުވެގެން އެބަދާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެއްވެސް ފަނޑިޔާރަކީ އެހެން ފަރާތެއްގެ ނުފޫޒު އޮވެގެން ވާނެ ބޭފުޅެއް ނޫން ކަމަށާއި އެހެން ފަނޑިޔާރެއްގެ ނުފޫޒު ވެސް އެ ފަނޑިޔާރުގެ މައްޗަށް އޮވެގެން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ފަނޑިޔާރުންގެ މައްޗަށް އެހެން ފަރާތެއްގެ ނުފޫޒު އޮވެގެން ވާނެ ކަމަށް ޖޭއެސްސީން ނުދެކޭ. އޭގެ ތެރޭގައި އެހެން ފަނޑިޔާރުން ވެސް ހިމެނޭ. އެއް ފަނޑިޔާރަކު ގޮތެއް ނިންމަވަމުން ދަނިކޮށް އެ ކަމުގެ ތެރެއަށް އެހެން ފަނޑިޔާރަކަށް ވަދެވަޑައެއް ނުގަނެވޭނެ." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ޖޭއެސްސީގައި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ހުންނަވާތީއާއި މަޖިލީހުގެ މެންބަރަކު ވެސް ޖޭއެސްސީގައި އިންނަވާތީވެ އެ ކޮމިޝަނުގައި ރައްޔިތުންގެ މަޖިލިސް ވަރަށް ބޮޑަށް ތަމްސީލުވެ އެވެ. އެހެންކަމުން ގާނޫނު އަސާސީ ތަރުތީބުވެފައި އޮންނަ ގޮތުން ޖޭއެސްސީ މި އޮންނަނީ ވަރަށް ބޮޑަށް މަޖިލީހުގެ ބެލުމުގެ ދަށުގައި ކަމުން ޖޭއެސްސީގެ ނިންމުމުގައި މަޖިލީސް ތަމްސީލުވެގެންދާ ކަމަށެވެ. އެ ގޮތުން ގާނޫނު އަސާސީގައި އޮތް ނަމަވެސް ގެއްލިފައިވާ ހައްގުތައް އަލުން އިއާދަވާން މިހާރު ހިނގަމުންދާ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ގާނޫނު އަސާސީގެ އެންމެހާ އުސޫލުތައް އަލުން އަނބުރާ އިއާދަކުރުމަށް މި ރައްޔިތުންގެ މަޖިލީހުން ވަރަށް ބޮޑަށް އެދޭ. އަޅުގަނޑަށް ފެންނަ ފެނުމުގައި ޖޭއެސްސީން އިއްޔެ އެ އިއާދަކޮށްދިނީ ގާނޫނު އަސާސީގައި އޮތް ނަމަވެސް ގެއްލިފައި އޮތް މުހިއްމު އުސޫލެއް." ނަޝީދު ވިދާޅުވި އެވެ.