ގައުމީ ފުޓްބޯޅް ޓީމް

ނިންމުންތައް ގޯސް، ހާލަތު ދިޔައީ ދަށަށް

މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި، ފުޓްބޯޅަ އާއި ބާސްކެޓް ފިޔަވައި މައިގަނޑު ގޮތެއްގައި، ހުރިހާ ކުޅިވަރަކުން މެޑަލް ހޯދައިފި އެވެ. އެންމެ ބޮޑު ނާކިމިޔާބެއް ކުރިމަތި ވެފައި ވަނީ، ބާސްކެޓާއި ފުޓްބޯޅައަށެވެ. އެންމެ ބޮޑު ފާޑުކިޔުންތަކެއް އަމާޒު ވަނީ ވެސް އެ ދެ ކުޅިވަރަށެވެ.

އޭގެތެރެއިން ހާއްސަކޮށް، ފުޓްބޯޅަ އަށް އޮތް ފާޑު ކިޔުން ބޮޑެވެ. ކޯޗް، ޕީޓާ ޝެގަޓަށް އޮތް ފާޑު ކިޔުންތަކާއި އެފްއޭއެމްއަށް އަމާޒުވާ ރައްދުތަކެވެ. ރާއްޖޭގައި އެންމެ ބޮޑު ހޭދައެއް ކުރެވޭ އެއް ކުޅިވަރަކީ ފުޓްބޯޅަ އެވެ. އެންމެ ބޮޑު ބަޖެޓާއި އުމްރާނީ ލެވަލްގައިވެސް އެންމެ ބޮޑު މަސައްކަތްތަކެއްވެސް ހިންގިފައިވަނީ ފުޓްބޯޅަ އަށެވެ. އެހެންވެ ފުޓްބޯޅަ ޓީމަށާއި، އެފްއޭއެމް އަދި ގައުމީ ކޯޗަކަށް ހުންނަ މީހަކަށް، އެހެން ކުޅިވަރުތަކަށް ވުރެ ބޮޑަށް ފާޑު ކިޔުން އޮންނަން ޖެހޭނެ އެވެ.

ޓީމު ތައްޔާރު ކުރުމުގައި ޝެގަޓްގެ މައްސަލަ ވެސް އެބަހުއްޓެވެ. ޓީމަށް ތައްޔާރުވާން ލިބުނީ ހަތަރު ދުވަސް ކަމާއި، ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނުފެށި ދިގުލައިގެން ދިއުމުން ކުރިމަތިވި ގެއްލުމުގެ ވާހަކަ ތަކުރާރުކޮށް އޭނާ ދަައްކައިފި އެވެ. ކުލަބުތަކުގެ ދިވެހި ކޯޗުންނަށް ވުރެ ބޮޑަށް އޭނާގެ އަޑު އެކަމުގައި ގަދަ އެވެ.

ފުޓްބޯޅައިގެ މުހިންމު އަހަރެއްގައި، ފުޓްބޯޅަ ސީޒަން ޖޫން މަހު ފެށުމަކީ އެފްއޭއެމުން އެޅި ގޯސް ފިޔަވަޅެކެވެ. އެފްއޭއެމުން ބުނަނީ އެގޮތަށް ނިންމީ ކުލަބުތަކުން ކަމަށެވެ. ރާއްޖޭގައި ހަރުދަނާ ކޮށް ހިނގާ އެއްވެސް ކުލަބެއް ނެތެވެ. ރާއްޖޭގެ ފުޓްބޯޅަ ސީޒަނަށް އެކަށީގެންވާ ބަދަލެއް ގެންނައިރު އެކަން ދިރާސާކުރުމަށް އެކަށީގެންވާ ފުރުސަތު ދޭން ޖެހެ އެވެ. އެފަދަ އެއްވެސް ފުރުސަތެއް ނުދީ، އެފްއޭއެމުން ކުލަބުތަކަށް ވިސްނައިދިނީ ޖޫން އަށް ސީޒަން ބަދަލު ކުރުމުން ގައުމީ ޓީމަށާއި، އޭއެފްސީ ކަޕަށް ތައްޔާރުވާ ކުލަބުތަކަށްވެސް ފަސޭހަ ވެގެންދާނެ ކަމަށެވެ. އެހެންނަމަވެސް ގައުމީ ޓީމަށް މުހިންމު އަހަރެއްގައި އެގޮތަށް ނިންމުމުން ރާއްޖޭގެ ފުޓްބޯޅައަށް އެކަމުން ލިބޭނެ ގެއްލުމެއް ކުލަބުތަކުން ވިސްނާފައެއް ނެތެވެ. ލޯ މަރާލާފައި ކުލަބުތަކުން އެކަމަށް އާނ ބަސް ބުނީ އެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ފުޓްބޯޅައަށް އެބަދަލެއް ގެންނައިރު ދެ އަހަރުގެ މުއްދަތެއް ކުރިއަށް ލާފައި ބަދަލު ގެނެ އެވެ.

އެބަދަލު ގެންނަން ނިންމުމުން، އެކަމާ ބެހޭގޮތުން ވާހަކަ ދެއްކުން ކުލަބުތަކުގެ ތިބި ދިވެހި ކޯޗުން ހުއްޓާލި އެވެ. ކޮށްފައި އޮތް ކަމެއް ބަދަލު ނުކުރެވޭނެތީ އެ ހާލަތާ ކުރިމަތިލުން ނޫން ގޮތެއް ނެތް ކަމަށް ބުނެ އެވެ. ގިނަ ކުލަބުތަކުން އެކަމާ ކުރިމަތިލީ ރަނގަޅަށެވެ. ވިކްޓަރީ އާއި ފ. ނިލަންދޫ ފިޔަވައި އެހެން ކުލަބުތަކުން އެ ހާލަތު އެނގިގެން ވީ އެންމެ ރަނގަޅަކަށް އެކަމަށް ދުރާލައި ތައްޔާރުވި އެވެ.

ގައުމީ ކޯޗް ޝެގަޓަށް އެކަމަށް ތައްޔާރު ނުވެވެންވީ ކީއްވެ ހެއްޔެވެ. ދިވެހި ޕްރިމިއާ ލީގް ޝެޑިއުލް އޮތް ގޮތުން، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވާން ލިބޭނީ ހަތަރު ފަސް ދުވަސްކަން މާ ކުރިންވެސް އެނގެ އެވެ.

އެކަން އެނގި ހުރެ، ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިން ގޮވައިގެން އޭނާ ދިއުމަކީ ރަނގަޅު ގޮތެއް ކަމަކަށް ނުދެކެމެވެ. ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން އެންމެވެސް ބޭނުންވެ އެވެ. އެ ވާހަކަ ހުރިހާ ކޯޗުންވެސް ދައްކަ އެވެ. އެހެންނަމަވެސް ޒުވާން ކުޅުންތެރިން އެ ސްކޮޑެއްގައި ގިނައިން ހިމަނަން ޖެހޭނީ، އެކަށީގެންވާ މިންވަރަށް ޓްރެއިނިން ކުރަން ވަގުތު ލިބުމުންނެވެ. ޒުވާން ކުޅުންތެރިންގެ ހަގީގީ ޑިވްލަޕްމެންޓް ގެނެވޭނީވެސް އޭރުންނެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް އޭނާ ނެގި ސްކޮޑުން ކެޕްޓަން އަކުރަމް އަބްދުލް ގަނީ އާއި މާޒިޔާގެ ފޯވަޑް އަސަދުﷲ އަބްދު އަށް ފުރުސަތެއް ނުދެ އެވެ. މުބާރާތަށް ތައްޔާރުވާން ގައުމީ ޓީމު ފުރަތަމަ ޕްރެކްޓިހަށް ނުކުތް ދުވަހު އަލީ ފާސިރު (ސެންޓޭ) ވެސް ހިމަނާފައި ނުވެ އެވެ. ސެންޓޭއަށް ފުރުސަތު ދިނީ މާ ފަހުންނެވެ.

މިކަހަލަ ގޮތަކަށް މުބާރާތަށް ތައްޔާރުވާއިރު، ސީނިއާ ގިނަ ކުޅުންތެރިން ހިމެނިނަމަ، އެކުޅުންތެރިންގެ މެޗުއަރިޓީ އާއި ތަޖުރިބާ ބޭނުންކޮށްގެން ރާއްޖެއަށް ކޮންމެވެސް ކަހަލަ ކުރިއެރުންތަކެއް ހޯދުނީހެވެ. ރަނގަޅަށް ތައްޔާރު ވާން ފުރުސަތު ނުލިބި ގިނަ ޒުވާން ކުޅުންތެރިން ސްކޮޑުގައި ހިމަނާނަމަ އެންމެ އެދެވޭ ގޮތުގައި އެ ކުޅުންތެރިންނަށް ކުރިއެރުން ހޯދަން ޖާގަ ނުލިބޭނެ އެވެ.

އެހެން ކުޅިވަރުތަކުން ޒުވާން ކުޅުންތެރިން ގޮވައިގެން މެޑަލް ހޯދީ، ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެންނެވެ.

ފުޓްބޯޅަ މައްޗަށް ހިއްލާލަން ރަނގަޅު ވަގުތެއް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް އެފްއޭއެމްގެ އަހަމިއްޔަތުކަން ފެނުނީ ކުޑަ ކޮށެވެ. މި ގޭމްސްއަކީ ފުޓްބޯޅައަށް އެހާ މުހިންމު ގޭމެއް ނޫން ކަމަށް ބުނެ އެފްއޭއެމްގައި މަސައްކަތް ކުރާ ބައެއް ޓެކްނިކަލް ސްޓާފުން ވަނީ ނޫސްވެރިން ގާތު ވާހަކަ ދައްކާފަ އެވެ.

އެއީ ފުޓްބޯޅައިގެ ކުރިއެރުމަށް މަސައްކަތް ކުރަން ތިބި މީހުންގެ ވިސްނުން ހުރި ގޮތެވެ. އޭގެ ބަދަލުގައި، ގޭމްސް އަށް ރަނގަޅަށް ތައްޔާރުވެ، މުބާރާތުގައި ކާމިޔާބު ހޯދަން ވިސްނުން ގެންގުޅުނުނަމަ، ވަޅު ޖެހިފައިވާ ފުޓްބޯޅައިގެ ފޯރި އަލުން ހިއްލާލުމަށް އިތުރު ބާރަކަށް އެކަން ވެގެންދާނެ އެވެ.

އެ ފޯރި އާއެކު އަންނަ ސެޕްޓެމްބަރު މަހު ވޯލްޑްކަޕް ކޮލިފައިން ކުޅޭއިރު، މާލޭގައި ކުޅޭ މެޗުތަކަށް ސަޕޯޓަރުން ދަނޑަށް ވައްދަން ފަސޭހަ ވެގެންދާނެ އެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މިވީ ގޮތުން ސަޕޯޓަރުން ދަނޑާ އިތުރަށް ދުރުވެގެންދާ ސަބަބަކަށް އެކަން ވީ އެވެ.