ނަވާރަ ސަތޭކަ ހަތް ދިހައިގެ އަހަރުތަކުގައި "ހޯކޯމާރު" ބޯޓު ފަހަރު ނޫންނަމަ ހޯކޯ ބޯޓުތަކަށް ދިވެހި މަސްވެރިންގެ އަތުން މަސް ގަންނަމުން ދިޔަ އެވެ. ތާރީހީ މައުލޫމާތު ތަކުން އެނގެން އޮތް ގޮތުގައި އެ ދުވަސްވަރު އެ ބޯޓުތައް މަސް ގަންނަން މުޅި ރާއްޖޭގައި ދުއްވި އެވެ. ސަބަބަކީ އޭރު ރާއްޖޭގައި ދިވެހިން ބާނާ މަސް ކޮޅު ގަނެލެވޭނެ ފަދަ ވެސް ނެތުމެވެ. އޭރަކު މިހާރު ހުންނަ ގޮތަށް ރާއްޖޭގައި މަސް ރައްކާކޮށް ބަންދުކުރާނެ ކާރު ހާނާތަކެއް ނުހުރެ އެވެ.
ނަމަވެސް 1978 ގައި ފެލިވަރު އުފެއްދި، އަދި އޭގެ ފަހުން ކޫއްޑުގައި ފެކްޓްރީއެއް އެޅި ހިސާބުން ދިވެހި މަސްވެރިކަމަށް ބޮޑު ބަދަލެއް އައެވެ. އެ ދުވަހުން ފެށިގެން މިއަދާހަމަ އަށް ވެސް ދިވެހި ބާނާ މަސް ގަންނަމުން ގެންދިޔައީ ދިވެހިންނެވެ. އޭގެ ފުރިހަމަ ފައިދާ ހޯދަމުން ގެންދިޔައީ ދިވެހި ކުންފުނި ތަކެވެ. މަސް ގަންނަން ހަރަކާތެރިވާ ބޯޓުފަހަރަކީ ވެސް ދިވެހި ކުންފުނިތަކުގެ އުޅަނދު ފަހަރެވެ. ހޯކޯ ބޯޓު ފަހަރުން މަސް ގަތް ޒަމާން ނިމި އޭގެ ފަންސާސް އަހަރު ފަހުން އަނެއްކާ ވެސް ބޭރުގެ ބޯޓު ފަހަރަށް ރާއްޖޭން މަސް ގަނެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ވިސްނުމެއް މިވަނީ އުފެދިފަ އެވެ. ސަބަބަކީ ދިވެހި މަސްވެރިން އުޅޭ ހާލުން އަރައި ގަނެ، މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރު ކުުރުމެވެ. މަސްވެރިންނަށް ނުލިބި އޮތް "ހަމަ އަގު" ހޯދައިދިނުމެވެ.
އެކަމަކު މި ބަދަލާއެކު ރާއްޖޭގެ މަސްވެރިކަމަށް ކުރާނީ ކޮން އަސަރެއް ހެއްޔެވެ؟
"ބޭރުގެ ބޯޓު ފަހަރު ރާއްޖެ އައިސް މަސް ގަންނަން ހުއްދިދީފިނަމަ އެއީ މަސްވެރިކަން އެތައް އަހަރެއް ފަހަތަށް ދާނެ ކަމެއް. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ބޭރުގެ ބޯޓު ފަހަރުން މަސް ގަންނަ ހުއްދަ ދިނުމަކީ މަސްވެރިކަމަށް ރަނގަޅު ބަދަލަކަށް ނުވާނެ،" މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރައްވާތާ 30 އަހަރުވެފައިވާ، ހޮރައިޒަން ފިޝަރީޒްގެ މެނޭޖިން ޑިރެކްޓަރު އަދްނާން އަލީ ވިދާޅުވި އެވެ.
މަސްވެރިންނަށް ހަމަ އަގު ލިބެން ޖެހޭ
ބޭރުގެ ބޯޓު ފަހަރު ރާއްޖެ އައިސް މަސް ގަތުމުގެ ހުއްދިނުމަށް އެދި މަޖިލީހަށް ޤަރާރެއްލައި ބަހުސް ފަށައިފި އެވެ. މީގެ މައިގަނޑު ބޭނުމަކީ މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމެވެ. ނޫނީ މަސްވެރިންނަށް މަސް ކިރުވާފައި ލިބޭ އާމްދަނީ އިތުރު ކޮށްދިނުމެވެ.
ގަރާރަށް ބަހުސް ކުރެއްވި ގިނަ މެންބަރުންގެ ވާހަކަފުޅު ތަކުން ދޭހަވަނީ ވެސް ހަމަ އެގޮތެވެ. މަޖިލީހުގެ އެ މެންބަރުން ދެކިވަޑައިގަންނަވާ ގޮތުގައި މި ބަދަލު ގެނެވިއްޖެނަމަ މަސްވެރިންގެ އާމްދަނީ އިތުރުވެ، ރާއްޖޭން އެކްސްޕޯޓް ކުރާ މަހުގެ އަދަދު ވެސް އިތުރު ވެގެންދާނެ އެވެ.
އެކަަމަކު މަސްވެރިކަމުގެ ތަޖުރިބާކާރުންގެ ވިސްނުން ތަފާތެވެ. ތަޖުރިބާކާރުން ދެކި ވަޑައިގަންނަވާ ގޮތުގައި މި ބަދަލު ގެނައުމުގެ ކުރިން ވަރަށް ބޮޑަށް ވިސްނަން ޖެހެ އެވެ. އެ ބޭފުޅުންގެ ނަަޒަރުގައި މިއީ ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތު އެއްބައި ކަމަށްވާ ރާއްޖޭން ބާނާ މަހުން "ވެލިއުއެޑިޝަން" ނުވަތަ އިތުރު ބާވަތްތަކެއް އުފެއްދުމުގެ ވިސްނުމާ ދެކޮޅު ކަމެކެވެ. ސަބަބަކީ ރާއްޖެއަށް ބާނާ މަހުގެ ބޮޑުބައި ބޭރުކޮށްލަން ޖެހޭނެތީ އެވެ.
ދެން އޮތީ، މި ބަދަލު ގެނެސްފިނަމަ ދިވެހިންގެ އުފެއްދުންތެރި ކަމަށް ކުރާނެ އަސަރަކާމެދު ވިސްނައިލުމެވެ. ބޭރު ބޯޓު ފަހަރަށް މަސް ގަންނަން ފުރުސަތު ދީފިނަމަ ދިވެހި މަސް ކުންފުނި ތަކަށް ވާނީ ކިހިނެއް ހެއްޔެވެ؟ މި ދާއިރާގައި ހުރި އިންވެސްޓްމަންޓު ތަކަށް އަސަރު ކޮށްފާނެ ހެއްޔެވެ؟ މަހުގެ އަގު ދަށްވާ ދުވަސްވަރު ބޭރުގެ ކުންފުނި ތަކުން ގެއްލުމުގައި ރާއްޖެ އައިސް މަސް ގަންނާނެ ހެއްޔެވެ؟
މަހުގެ އަގު ވެސް މަސައްކަތް ކުރަނީ ތެލުގެ އަގާ ދާދި އެއް ގޮތަކަށެވެ. ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ވެއްޓޭ ދުވަސްވަރު ކުންފުނިތަކުން ހަރަދުތައް ކުޑަ ކުރެ އެވެ. އަދި ރާއްޖޭގެ މަސްވެރިކަމަކީ ސީޒަނަލް ކަމެކެވެ. ދިވެހި މަސްވެރިން މިހާރުވެސް އަދި ކުރިން ވެސް މުޅި އަހަރުގެ 360 ދުވަހު ހައްސަ ބާނައިގެނެއް ނާދެ އެވެ. މަސްވެރިކަމުގެ ތަފާސް ހިސާބަށް ބަލާއިރު އަހަރު ދުވަހު މަސްވެރިކަން ރަނގަޅު ވަނީ ގާތްގަނޑަކަށް ދެ ތިން ހަފުތާގަ އެވެ. ދެން ބާކީ ހުރި ހުރިހާ ދުވަސްތަކުގައި މަސްވެރިކަން އޮންނަނީ ދަށުގަ އެވެ. ނޫނީ އެވްރެޖު ވަރެއްގައި އޮވެދާނެ އެވެ.
ދުނިޔޭގެ ކަނޑު މަހުގެ ބާޒާރަށް ބަލާއިރު މަހުގެ އަގު ކޮންޓްރޯލް ކުރަނީ ތައިލެންޑު މީހުނެވެ. ނޫނީ އެ ގައުމުގެ ކުންފުނި ތަކުންނެވެ. ދުނިޔޭގެ ތެލުގެ އަގު ކޮންޓްރޯލް ކުރާ ދުނިޔޭގެ ތެލުގެ ޖަމިއްޔާ "އޯޕެކް" ފަދައިން ކަޅު ބިލަ މަހުގެ އަގު ކަނޑައަޅަނީ ތައިލެންޑުގެ ބާޒާރަށް ބަލާފަ އެވެ. އެހެންވެ، އެ މީހުން ބައެއް ފަހަރު އަގުތައް ވައްޓާލައި އަގުތައް މަތި ވެސް ކޮށްލަ އެވެ.
ފިޝަރީޒް މިނިސްޓްރީގެ މި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް އާއްމުކޮށްފައިވާ މަސްވެރިކަމުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ތައި ބާޒާރުގައި މަސް ޓަނެއް ގަންނަމުން ގޮސްފައިވަނީ 19،275ރ. އަށެވެ. ނަމަވެސް މި މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް މަސް ޓަނެއްގެ އަގު ވަނީ 20 ޕަސެންޓް ވެއްޓި، 15،420ރ. ގައެވެ.
މީގެ މާނައަކީ މިހާރު ރާއްޖޭގެ ބާޒާރުގައި މަސް ކިލޯއެއް ހުރި 20ރ. އާއި 19ރ. އަށް ކަމަށް ބަލާނަމަ ރޯމަސް އެކްސްޕޯޓު ކުރާ ކުންފުނި ތަކަށް މަސް ޓަނަކުން 200 ޑޮލަރުގެ ގެއްލުމެއް މިހާރު ވާނެ އެވެ. މި ގެއްލުންވާނަމަ ކުންފުނިތައް އަބަދު މަސް ގަންނަން ތިބޭނެ ހެއްޔެވެ؟ ރާއްޖޭން ލިބޭ ކުޑަކުޑަ މަސްކޮޅު ގަންނަން ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން އަންނާނެ ހެއްޔެވެ؟
މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުންޏެއްގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި ދުނިޔޭގެ ބާޒާރުގައި އެންމެ ރަނގަޅު އަގެއް ލިބެނީ ރާއްޖޭގެ މަހަށެވެ. ރާއްޖޭން މަސް ގަންނަން ބޭރުގެ ބޯޓު ފަހަރަށް ހުޅުވާލައިފިނަމަ ދިވެހިންނަށް މި ބޮޑު އަގުން ލިބޭ މަންފާ ބީވުމުގެ ބިރު އެބައޮތެވެ.
"ދާ އެޅި މަސް މި ގަންނަނީ ޓަނެއް 1،000 ޑޮލަރު [15،420ރ] އަށް. އެކަމަކު ރާއްޖޭގެ މަހަކީ ސަސްޓޭނަބަލް މަސްވެރި ކަމަކަށް ވުމުން ލިބޭ އިތުރު 300 ޑޮލަރު. މިހާރު ވެސް ރާއްޖޭގެ މަހަށް ރަނޅު އަގެއް ނުލިބެނީ ރޯމެޓީރިއަލް [ރޯ މަހުގެ ގޮތުގައި] ބޭރުކުރާތީ. އެހެންވީމަ ކުރަން ޖެހޭ ކަމަކީ މަހުން އެހެން ބާވަތްތައް އުފައްދައި އެ އެކްސްޕޯޓް ކުރުން،" ކުންފުނުތައް ހިންގާފައިވާ މަސްވެރިކަމުގެ ތަޖުރިބާކާރަކު ނަން ނުޖެހުމަށް އެދިވަޑައިގެން ވިދާޅުވި އެވެ.
ރާއްޖެ އަށް އަހަރަކު ގާތްގަނޑަކަށް 150،000 މެޓްރިކް ޓަނުގެ މަސް ބާނަ އެވެ. މީގެ ތެރެއިން 42،000 ޓަނުގެ ކިރު ވަނީ ސަރުކާރުގެ މަސް ކުންފުނި މިފްކޯ އަށެވެ. އަދި ބާކީ އޮތްބައި ކިރުވަނީ އެހެން ކުންފުނި ތަކަށެވެ. ނަމަވެސް މި 150،000 ޓަނުގެ މަަސް ގަންނަން ބޭރުގެ ބޯޓު ފަހަރަށް ފުރުސަތު ދީފިނަމަ ވާދަވެރިކަން އުފެދުުމުގެ ބަދަލުގައި ދިވެހި ކުންފުނިތަކަށް ގެއްލުންވުމުގެ ފުރުސަތު ބޮޑުވާނެ އެވެ.
ސަބަބަކީ ބޭރުގެ ކުންފުނިތަކުން އަގު ހެޔޮ ލޭބަރުންނާއެކު ހަރަދު ކުޑަކޮށް ހިންގާ މަސްވެރިކަމުގެ އޮޕަރޭޝަން ދިވެހި ކުންފުނިތަކަށް ނުހިންގުމެވެ. ނަތީޖާއަކަށް ވާނީ ކުންފުނިތައް ބަނގުރޫޓުވުމުގެ ފުރުސަތު އޮތުމެވެ. ނަމަވެސް، ސަރުކާރު ކުންފުންޏެއްނަމަ ބަނގުރޫޓު ވިޔަ ނުދީ ސަބްސިޑީ ދީގެން ހިފަހައްޓާލެވިދާނެ އެވެ. އެކަމަކު ދެން ތިބި އަމިއްލަ ކުންފުނި ތަކަށް މަސް ނުލިބި ކުންފުނި "ޑައުންގްރޭޑް" ކުރަން މަޖުބޫރުވާނެ އެވެ.
ކުންފުނީގެ އޮޕަރޭޝަން ދަށްކުރަން ޖެހިއްޖެނަމަ ވަޒީފާ ތަކެއް ގެއްލިގެން ދިއުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. މިކަން ވެގެން ދާނީ ރާއްޖޭގެ އުފެއްދުންތެރިކަމަށް ކުރާނެ ނޭދެވޭ އަސަރަކަށް ނޫނީ ނުވާނެ އެވެ.
މަސްވެރިކަމުގެ ދާއިރާގެ އެހެން ތަޖުރިބާކަރު ވިދާޅުވި ގޮތުގައި ރާއްޖޭން މަސް ގަންނާނެ ބޭރުގެ ކުންފުނި ތަކަށް ފުރުސަތު ދީފިނަމަ ތައިލެންޑު ފަދަ ގައުމުތަކުގެ ކުންފުނިތައް އަންނާނެ އެވެ. ނަމަވެސް މީގެން ދިވެހިންނަށް ލިބޭ ގެއްލުން މާ ބޮޑު ވާނެ އެވެ.
"ތައި މާކެޓުގައި އެބަހުރި ކިތަންމެ ކުންފުންޏެއް އަންނާނެ. އެ މީހުން ރާއްޖޭން މަސް ހިފައިގެން ގޮސް ދާއެޅި މަހާއެކު ބޮޑު އަގުގައި އެކްސްޕޯޓު ކޮށްލާނީ. އަޅުގަނޑުގެ ސުވާލަކީ މިފްކޯއަށް މަސް ގަނެވޭނެ ގޮތް ހެދުން ތޯ މުހިންމީ ނޫނީ، ތައިލެންޑު މީހުންނަށް ރާއްޖެ ހުޅުވާލުންތޯ ރަނގަޅީ؟ ދިވެހިންނަށް ކިހިނެއްތޯ ތައިލެންޑު ނޫނީ ލަންކާ ކުންފުނިތަކާ ވާދަ ކުރާނީ؟،" އޭނާ ދާޅުވި އެވެ.
މިހާރު ވެސް ކަޅުބިލަ މަސް އެކްސްޕޯޓް ކުރާ ކުންފުނިތަކަށް ގެއްލުންވެ އެވެ. އެއް މިސާލަކީ ސަރުކާރުގެ މަސް ކުންފުނި މިފްކޯ އެވެ. އެ ކުންފުނުންޏަށް މި ގެއްލުންވުމުގައި ހަމައެކަނި އޮތީ މަހުގެ އަގަށް އަންނަ ބަދަލު އެކަންޏެއް ވެސް ނޫނެވެ. ކުންފުންޏާ މެދު ވޭތުވެދިޔަ އަހަރުތަކުގައި ވެފައިވާ އިހުމާލާއި ކުންފުނި ތަރައްގީއަށް އާ އިންވެސްޓްމަންޓު ތަކެއް ކުރެވިފައި ނެތުމުން މިފްކޯ އޮތީ ގާތްގަނޑަކަށް "ހުއްޓިފަ" އެވެ.
އެ ކުންފުނީގެ އެކްސްޕޯޓުގެ ބޮޑު ބައެއް ރޯމަހަށް ބަރޯސާވެފައި އޮތުމުން ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލު "ހިންދިރުވާލައިގެން" ތިބުން ނޫން ގޮތެއް އެ ކުންފުންޏަކަށް ނެތެވެ.
ރައްޔިތުންގެ ޕްރެޝަރާ ހެދި މަހުގެ އަގު ކުޑަ ކުރެވޭކަށް ނޯވެ އެވެ. ނަތީޖާއަކީ ގެއްލުން ބޮޑުވެ މިފްކޯ ބަނގުރޫޓު ވާން ކައިރިވުމެވެ. އެހެންވެ ސަރުކާރުން ވަނީ އެސްޓީއޯގެ ދަށަށް މި ކުންފުނި ބަދަލުކޮށް ސަލާމަތް ކޮށްފަ އެވެ. މި ބަދަލާއެކު މިހާރު ވެސް 400 މިލިއަން ރުފިޔާ އިން އެ ކުންފުނި އޮތީ ގެއްލުމުގަ އެވެ. އަދި ބޭރުގެ މަސް ބޯޓު ފަހަރު ގެނެސް މަސް ގަންނަން ފަށައިފިނަމަ މިފްކޯއަށް އެކަނި ބެލި ނަމަވެސް ވާނީ ބަލިފައި މައްޗަށް ބަރެއް ވެއްޓުން ފަދަ ކަމަކަށެވެ.
ހަމަ އަގު ދެވޭނީ އިންވެސްޓް ކޮށްގެން!
މައިގަނޑު ސުވާލަކީ މި އެވެ. މަސްވެރިންނަށް ހަމަ އަގު ދެވޭނެ ގޮތަކީ ކޮބައި ހެއްޔެވެ؟ ސަރުކާރުން ވެސް މަސްވެރިންނަށް ދޭނެ ހަމަ އަގަކީ ކޮބައި ކަމެއް އަދިއެއް ނުބުނެ އެވެ. އެކަަމަކު އެނގޭ ކަމަކީ މަސްވެރިންނަށް ދެވޭ އަގު ބޮޑު ކުރެވޭނީ މަސް ކުންފުނި ތަކަށް ރަނގަޅު އެއްޗެއް ލިބިގެން ކަމެވެ. އެހެން ނޫނީ ޖެހޭނީ ސަބްސިޑީ ދޭށެވެ. ހަމަ އަގު ދޭނަމަ ކުރަން ޖެހޭ ކަމަކީ މަސްވެރިކަމުގައި އިތުރަށް އިންވެސްޓް ކުރުމެވެ. ފައިސާ ހޯދައިގެން ކުންފުނި ތަރައްގީ ކުރުމެވެ.
ސަރުކާރުގެ މައި ކުންފުނި މިފްކޯ އަށް ބަލާނަމަ އެ ކުންފުންޏަށް މިހާރު ވެސް 10 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓު ބޭނުންވެ އެވެ. ދިވެހި މަސްވެރިން ނަށް ދެވޭ މަގު މަތި ކުރެވެގެން ވެސް އޮތީ ވެލިއުއެޑިޝަން އިތުރު ކޮށްގެންނެވެ. މިކަން ކުރުމަށް މިފްކޯއަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ ދަޅު މަސް އުފައްދާ ކުންފުނި ފެލިވަރު "ވިރާނާ" ވާން ކައިރިވެފައިވުމެވެ. ނިމިދިޔަ ސަރުކާރުން ކުރި ކުޑަ އިންވެސްޓްމަންޓާއެކު ފެލިވަރު 15 ޓަނުން 50 މެޓްރިކް ޓަނަށް ކެޕޭސިޓީ ބަދަލު ވިނަމަވެސް ކުރަން ޖެހޭ މަސައްކަތް ލައްކަ ގިނަ އެވެ.
ކޫއްޑޫގައި ދަޅު މަސް ބަންދު ކުރުން
ރާއްޖޭގެ މަސްވެރިންގެ 70 ޕަސެންޓު ތިބީ ހުވަދު އަތޮޅުގަ އެވެ. ނަމަވެސް ހުވަދު އަތޮޅުން މަސް ބާނައިގެން މަސް ކިރުވަން ދާން މި ޖެހެނީ ޅ. އަތޮޅަ އެވެ. ނޫނީ ލ. އަތޮޅަށެވެ. ގއ. ކޫއްޑޫގައި މަސް ބަންދު ކުރާ ފެކްޓްރީއެއް ނާޅަންވީ ކީއްވެގެން ހެއްޔެވެ؟
މަސް ކުންފުންޏެއްގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި ރާއްޖެއަށް ބާނާ މަހުގެ 90 ޕަސެންޓް ހުވަދު އަތޮޅުގެ މަސްވެރިން ބާނާއިރު ކޫއްޑޫގައި މަސް ބަންދު ކުރެވޭނެ ގޮތް ހަދަން ޖެހެ އެވެ.
"ގާތްގަނޑަކަށް 20 މިލިއަން ޑޮލަރު [309 މިލިއަން ރުފިޔާ] އިންވެސްޓްކޮށްގެން ފެކްޓްރީއެއް އެޅޭނެ. އޭރުން ފެލިވަރާއި ކޫއްޑޫގައި ދަޅު މަސް ބަންދު ކުރެވޭނެ. މިހެން ހެދީމަ، ރާއްޖެ އަށް ބާނާ މަސް ރޯމަހުގެ ގޮތުގައި އެކްސްޕޯޓް ނުކޮށް ފުއްދައިލެވޭނެ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
ސުވާލަކީ ރޯމަސް ގަންނަން ބޭރުގެ ބޯޓު ފަހަރު ގެނައުމަކީ މަސްވެރިންނަށް ހަމަ އަގު ދެވޭނެ ގޮތް ހެއްޔެވެ؟