ހޮންގްކޮންގު ސަރުކާރުން އިސްލާހުތަކަކާއެކީ ފާސް ކުރަން ހުށަހަޅާފައިވާ އެ ގައުމުގެ އެކްސްޓްރެޑީޝަން ބިލް ފާސް ކުރުން ފަސް ކުރި ނަމަވެސް، ބިލް އަނބުރާ ނުގެންދާތީ އެކަމާ ދެކޮޅަށް ކުރިއަށް ގެންދާ މުޒާހަރާތަކުގައި އެމެރިކާގެ އޮފިޝަލުން ބައިވެރިވެ ވަޑައިގެން ހަމަނުޖެހުމަށް މަގުފަހިވާ ކަންކަން ކުރަމުން ގެންދާ ކަމަށް ޗައިނާއިން ބުނެފި އެވެ.
މިދޔަ އާދިއްތަ ދުވަހު ހޮންކޮންގުގައި ކުރި މުޒާހާރާ ހޫނުވެ ފުލުހުންނާ އާންމުނާ ވަނީ ކުރިމަތިލުންތަކަށް ގޮސްފަ އެވެ. މުޒާހަރާ ހޫނުވީ މާސްކު އަޅައިގެން ތިބެ މުޒާހަރާ ކުރަމުން ދިޔަ ބަޔަކު ފުލުހުންނާއި ކުރިމަލިލުމުންނެވެ.
ޗައިނާގެ ފޮރިން މިނިސްޓިރީގެ ސްޕޯކްސްޕާސަން ހުއާ ޗިންޔިންގް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، މާސްކު އަޅައިގެން ކޮން ބައެއްކަން ނޭގޭ ގޮތަށް ހޮންގްކޮންގެ މުޒާހަރާގައި ބައިވެރިވަނީ އެމެރިކާގެ އޮފިޝަލުންކަން ޗައނާއަށް އެނގިފައިވާ ކަމަށެވެ.
ހުއާ ޗިންޔިންގް ވިދާޅުވީ، އެމެރިކާއިން އެހެން ގައުމުތަކުގެ ކަންކަމަށް ނުބެހި ތިބެން ގޮވާލައްވާ ކަމަށެވެ. އަދި އެމެރިކާއިން ވެސް އެބިލަށް ތާއީދު ކޮށްފައިވާއިރު ގައުމުތަކުގެ ހަމަނުޖެހުން ނަގާލަން މަސައްކަތް ކުރާ ސަބަބު ސާފުކޮށްދޭން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
ހޮންގްކޮންގެ މަޖިލީހަށް ހުށަހެޅީ އެކްސްޓްރެޑިޝަން ބިލް ގައިވާ ގޮތުން އެހެން ގައުމެއްގެ ކުށްވެރިއެއް ހޮންގްކޮންގްގައި ހުރެ އެ މީހަކު ކުށްވެރިކުރާ ސަރުކާރަކުން އޭނާއާމެދު ގާނޫނީ ފިޔަވަޅު އަޅަން އެދި އެ ގައުމަކަށް ފޮނުވައިދޭން އެދިއްޖެ ހާލަތެއްގައި އެމީހަކު އަނބުރާ އެ ގައުމަކަށް ފޮނުވާލުމުގެ ބާރު ހޮންގްކޮންގަށް ލިބިގެންވެ އެވެ.
އޭގެ އިތުރުން ޗައިނާ ސަރުކާރުން އެދެފި ހާލަތެއްގައި ހޮންގްކޮންގް ފަސްގަނޑުގައި ހުރި ކޮންމެ މީހަކު ހައްޔަރުކޮށް އަނބުރާ ޗައިނާއަށް ފޮނުވާލުމުގެ ބާރު ޗައިނާއަށް ލިބެ އެވެ. ހޮންގްކޮންގުން 20 ގައުމަކާއެކީ އެކްސްޓްރަޑިޝަން އެއްބަސްވުމަށް ގޮސްފައިވާއިރު އޭގެ ތެރޭގައި އިނގިރޭސި ވިލާތާއި އެމެރިކާ ވެސް ހިމެނެ އެވެ.