ހޮންގްކޮންގް ގައި މިހާރު ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، އެގައުމަށް ދަތުރު ކުރުމުގައި ސަމާލުވެ ތިބުމަށް އެމެރިކާއިން ޓްރެވެލް އެލާޓް ނެރުމުން، ހޮންގްކޮންގައި ކުރަމުންދާ މުޒާހަރާތަކުގައި އިތުރު މީހުން ބައިވެރިވެ އިތުރަށް ވަރުގަދަ ކޮށްފި އެވެ.
ހޮންގް ކޮންގްގައި ކުރަމުންދާ މުޒާހަރާތަކަކީ، ހޮންގްކޮންގު ސަރުކާރުން އިސްލާހުތަކަކާއެކީ ފާސް ކުރަން ހުށަހަޅާފައިވާ އެ ގައުމުގެ އެކްސްޓްރެޑިޝަން ބިލް ފާސް ކުރުން ފަސް ކުރި ނަމަވެސް، ބިލް އަނބުރާ ނުގެންދާތީ އެކަމާ ދެކޮޅަށް ކުރިއަށް ގެންދާ މުޒާހަރާތަކެވެ.
މަޖިލީހަށް ހުށަހެޅި އެކްސްޓްރެޑިޝަން ބިލް ގައިވާ ގޮތުން އެހެން ގައުމެއްގެ ކުށްވެރިއެއް ހޮންގް ކޮންގްގައި ހުރެ އެ މީހަކު ކުށްވެރިކުރާ ސަރުކާރަކުން އޭނާއާމެދު ގާނޫނީ ފިޔަވަޅު އަޅަން އެދި އެ ގައުމަކަށް ފޮނުވައިދޭން އެދިއްޖެ ހާލަތެއްގައި އެމީހަކު އަނބުރާ އެ ގައުމަކަށް ފޮނުވާލުމުގެ ބާރު ހޮންގްކޮންގަށް ލިބިގެންވެ އެވެ.
އެމެރިކާއިން ހޮންގް ކޮންގަށް ދަތުރު ކުރުމުގައި ސަމާލުވެ ތިބުމަށް އެދުމުން، މުޒާހަރާތައް ވަރުގަދަ ކުރީ އެކްސްޓްރަޑިޝަން އެއްބަސްވުމުގައި އެމެރިކާ ވެސް ހިމެނޭތީ އެވެ. އެމެރިކާގެ އިތުރުން ޗައިނާ އެކުލެވޭ ގޮތަށް އިތުރު 20 ގައުމެއް އެކްސްޓްރަޑިޝަން އެއްބަސްވުމުގައި ވަނީ ބައިވެރިވެފަ އެވެ. އެމެރިކާއިން ނެރެފައިވަނީ ލެވެލް ހަތަރެއްގެ ޓްރެވަލް އެލާޓެކެވެ.
ދެ މަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ހޮންގްކޮންގް މުޒާހަރާތައް މިހާރު ވަނީ އާންމުންނާ ފުލުހުންގެ ކުރިމަތިލުންތަކަކަށް ބަދަލުވެފަ އެވެ. މުޒާހަރާ ހޫނުވީ މުޒާހަރާގެ ތެރެއިން މޫނު ނިވާކޮށްގެން ތިބި ގޭންގެއްގެ ބަޔަކު ސިޔާސީ ލީޑަރަކަށް ހަމަލާ ދިންއިރު، އެކަން ހުއްޓުވުމަށް ފުލުހުން އެކަށީގެންވާ މަސައްކަތް ނުކޮށް، އަދި މުޒާހަރާތައް ރޫޅާލުމުގައި ހާލަތާއި އެކަށީގެންނުވާ މިންވަރަށް ބާރުގެ ބޭނުންކުރަމުން ދިޔުމުންނެވެ.
ސީޔާސީ ލީޑަރަށް ހަމަލާ ދިނީ ޗައިނާއިން ކަމަށް ބުނެ މުޒާހަރާގެ ބައިވެރިން ވަނީ ޗައިނާގެ ބޯޑަރު ކައިރީގައި މުޒާހަރާ ކުރަން މަސައްކަތް ކޮށްފަ އެވެ. ޗައިނާއިން ބުނާ ގޮތުގައި މޫނު ނިވާކޮށްގެން ތިބެ ސިޔާސީ ލީޑަރަށް ހަމަލާ ދިނީ އެމެރިކާގެ އޮފިޝަލުންނެވެ. ބޭނުމަކީ ހޮންގްކޮންގް އާއި ޗައިނާ ޖެއްސުން ކަމަށްވެސް ޗައިނާ ސަރުކާރުގެ ސްޕޯކްސް ޕާސަން ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
ކުރިން އިނގިރޭސިވިލާތުގެ އަޅުވެތިކަމުގައި އޮތް ހޮންގް ކޮންގްގައި މިހާރު އަމިއްލަ ދައުލަތެއް އޮންނަ ނަމަވެސް އަސްކަރީ ކަންކަމުގައި ހަރަކާތްތެރިވަނީ ޗައިނާ އެވެ. ޗައިނާގެ ނުފޫޒުގެ ސަބަބުން އެ ގައުމަށް ބޭރުގެ އެހީތައް ނުލިބޭ ކަމަށްވެސް މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންނެވެ.