އެފްއޭއެމް

ފުޓްބޯޅަ ޓީމުގެ ވީޑިއޯއާ ގުޅިގެން ކުޅުންތެރިންތަކެއް ވަކިކޮށްފި

ފަނަރަ އަހަރުން ދަށުގެ ގައުމީ ޓީމު ކުޅުންތެރިންތަކެއްގެ އަހްލާގީ ގޮތުން ދަށުދަރައިޖައިގެ ކަންތައްތަކެއް ހިންގާފައިވާ ވީޑިއޯއާ ގުޅިގެން، އެ މައްސަލަ ބެލުމަށް ފަހު އެކަމުގައި ބައިވެރިވާ ކުޅުންތެރިންތަކެއް ގައުމީ ޓީމުން ވަކި ކޮށްފި އެވެ.

އެފްއޭއެމުން ބުނީ، ސޯޝަލް މީޑިއާގައި އާންމުވަމުން ދިޔަ ވީޑިއޯގެ މައްސަލަ ބެލިބެލުމުން، އެއީ މިހާރު އައްޑޫގައި ކުރިއަށްދާ ޔޫއެފާ އެސިސްޓް 15 އަހަރުން ދަށުގެ އިންޓަނޭޝަނަލް މުބާރާތުގެ ތެރޭގައި ހިނގާފައިވާ ކަމެއް ނޫން ކަން އެނގިފައިވާ ކަމަށެވެ.

އެ އިދާރާއިން ބުނީ، އެ ވީޑިއޯ އަކީ މިދިޔަ އަހަރު ނޭޕާލްގައި ބޭއްވި މުބާރާތުގައި ވާދަ ކުރި ޓީމުގެ ތެރޭގައި ހިނގާދިޔަ ކަމެއް ކަމަށެވެ.

އެކަމާ ގުޅުން ހުރި ކުދިންތަކެއް ޔޫއެފާ އެސިސްޓް 15 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނޭތީވެ އެ ކުޅުންތެރިންނާ މެދު ޑިސިޕްލިނަރީ ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް،" މިއަދު އެ އިދާރާއިން ނެރުނު ބަޔާނުގައި ހާމަ ކޮށްފައި ވެއެވެ.

"އެގޮތުން އެ ކުޅުންތެރިން ޓީމުން ވަކިކޮށް ވަނީ މާލެ ގެނެވިފަ އެވެ." އެފްއޭގެ ބަޔާނުގައި ވެއެވެ.

އެފްއޭއެމުން ބުނީ، ޓީމުގެ ތެރޭގައި ހިނގި އަހްލާގީ ގޮތުން ދަށުދަރައިޖައިގެ އަމަލުތަކަކީ އެ އިދާރާއިން ބަލައި ގަންނާނެ ކަމެއް ނޫން ކަމަށާއި ކުޅުންތެރިންގެ ކަންތައްތައް ގާތުން ބެލުމަށާއި ކުޅުންތެރިންނާ މެދު އިތުރަށް ފަރުވާތެރި ވުމަށް، ޓީމުގެ އޮފިޝަލުންނަށް ނަސޭހަތް ތެރިވެފައިވާނެ ކަމަށްވެސް އެފްއޭއެމުން ބުންޏެވެ.