ފިނިޕޭޖް

އެކަތި ބޮޑުބެރު ގުރޫޕް، މިފަހަރު "މާ އީދު" ޓުއާއަކަށް!

Jul 23, 2019

ކުރިއަރަމުން އަންނަ ޒުވާން ބޮޑުބެރު ގުރޫޕް، އެކަތި ބޮޑުބެރު ގުރޫޕުން އަންނަ ބޮޑު އީދުގައި ފޯރިގަދަކޮށްލަން ތައްޔާރުވެއްޖެ އެވެ. އެ ގުރޫޕުން މިފަހަރު ރަށްރަށް ދާނީ "މާ އިދު" ޓުއާއަކާއެކު އެވެ.

މުޅިން ވެސް ޒުވާނުން ހަރަކާތްތެރިވާ މި ގުރޫޕުން ރޭ ވަނީ "މާ އީދު" ޓުއާ ލޯންޗުކޮށްފަ އެވެ. އަދި ދެ ރަށަކާއެކު ސޮއި ވެސް ކޮށްފަ އެވެ. "މާ އީދު" ޓުއާގައި އެކަތި ބޮޑުބެރު ގުރޫޕުން ތ. ގުރައިދޫ އަދި ލ. ގަމަށް ދަތުރު ކުރާނެ އެވެ. ގުދައިދޫއަށް ދެވަނަ އީދު ދުވަހެވެ. ގަމަށް ތިންވަނަ އީދު ދުވަހު އެވެ.

މި ޓުއާއަށް އަދިވެސް ރަށްތައް އިތުރުވެގެން ދާނެ އެވެ. މިފަހަރު ހަމަ ގައިމު ވެސް "މާ އީދު" ޓުއާގެ ފޯރިގަދަ ވާނެ އެވެ. ޓުއާއަށް “މާ އީދު”ގެ ނަން ދިނީ ބޮޑު އީދު ކަމަށްވެފައި އީދު ދުވަސް މާ ނަކަތާ ދިމާވާތީ އެވެ.

އެކެވެރިކަމާއި އެއްބައިވަންތަކަން އަދި އެކަތިގަނޑަކަށްވުމުގެ ވަރުގަދަ ރޫހާއެކު އުފައްދާފައިވާ އެކަތި ބޮޑުބެރު ގުރޫޕަކީ ސަގާފީ ހުރިހާ ކުޅިވަރެއް ވެސް ވަރަށް މޮޅަށް ދައްކާލާ ބައެކެވެ. ނެށުންތަކުން ފެށިގެން ފޯރިގަދަ ބެރާ ހަމައަށެވެ. މި ޓުއާގައި އެ ހުރިހާ ހަރަކާތެއް މި ގުރޫޕުން ރަށްތަކުގައި ދައްކާލާނެ އެވެ. މުޅި ޝޯ ހުށަހަޅާނީ އެކަތި ގުރޫޕުންނެވެ.

އުމުރުން ހަގަސް، އެކަތީގެ ނަން މިހާރު ވަރަށް ވަރުގަދަ އެވެ. ބޮޑެތި ޝޯތަކާއި ހަފުލާތަކުގައި ފަޅު ފިލުވާލަދެނީ އެ މީހުންނެވެ. ސަގާފީ ނެށުންތަކުގެ އެންމެ އަސްލީ ހުށަހެޅުންތައް ވެސް ލިބެނީ އެކަތީގެ ފަރާތުންނެވެ. އެހެންވީއިރު މިފަހަރުގެ އީދަށް "މާ އީދު" ޓުއާ ހަމަ ވަރަށް ފައްކާވާނެ އެވެ.