ދުނިޔެ

އިނގިރޭސި ބޮޑުވަޒީރަކަށް ބޮރިސް ޖޯންސަން

ކޮންޒަވެޓިވް ޕާޓީގެ ލީޑަރުގެ މަގާމަށް ހޮވިވަޑައިގަތުމާއެކު އިނގިރޭސި ވިލާތުގެ އާ ބޮޑު ވަޒީރުގެ މަގާމު ބޮރިސް ޖޯންސަން ކަށަވަރު ކުރައްވައިފި އެވެ.

ކޮންޒަވެޓިވް ޕާޓިގެ ލީޑަރު ހޮވުމަށް މެންބަރުންގެ މެދުގައި ނެގުނު ވޯޓުން ޖޯންސަން އަށް ލިބިވަޑައިގަތީ 92،153 ވޯޓެވެ. ޖޯންސަންއާ ވާދަކުރެއްވި އެ ގައުމުގެ ފޮރިން ސެކްރެޓަރީ ޖެރެމީ ހަންޓަށް ލިބިވަޑައިގެންނެވީ 46،656 ވޯޓެވެ. ޕާޓީގެ ލީޑަރަކު ހޮވުމަށް ވޯޓުލުމުގެ ހައްގު ކޮންޒަވެޓިވް ޕާޓީގެ 160،000 މެންބަރުންނަށް ލިބިފައިވެ އެވެ. ވޯޓުގައި ވަނީ 87.4 ޕަސެންޓް މީހުން ބައިވެރިވެފަ އެވެ.

އިނގިރޭސި ބޮޑުވަޒީރު ކަމުގެ މަގާމުގައި ވަގުތީ ގޮތުން މިހާރު ހުންނެވި ތެރީސާ މޭ އެވެ. އިންތިހާބު ކާމިޔާބު ކުރުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޖޯންސަން ވިދާޅުވީ، އިގިރޭސިވިލާތަކީ މިހާރަށް ވުރެ ހުރިހާ ގޮތަކުން ވެސް ބާރުގަދަ ގައުމަކަށް ހައްދަވާނެ ކަމަށެވެ. އަދި އިނގިރޭސިން ޔޫރަޕިއަން ޔޫނިއަނުން ވަކިވުމުން ހަގީގަތަކަށް ހައްދަވައި އެކަމުގެ ފައިދާ ރައްޔިތުންނަށް ހޯއްދަވައި ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އީޔޫއިން އިނގިރޭސި ވިލާތް ވަކިވުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު 31 ގަ އެވެ. ޖޯންސަންގެ ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވަނީ މާދާމާ އެވެ. ޖޯންސަން ވަނީ އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓަރުގެ މަގާމާއި، ލަންޑަނުގެ މޭޔަރުކަން ވެސް މީގެ ކުރިން ކުރައްވާފަ އެވެ.