ހަބަރު

ފެނަށް ޖެހޭ މައްސަލައާބެހޭ ބައްދަލުވުމެއް ފަށައިފި

މޫސުމީ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ރަށްރަށަށް ފެނަށް ޖެހޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށާއި ގުދުރަތީ އަދި އެހެނިހެން ކާރިސާތަކަށް ދުރާލާ ތައްޔާރުވެފައި ތިބެން އެކުލަވާލައި "ނެޝަނަލް ވޯޓާ ސެކިއުރިޓީ ޕްލޭން" ގެ ވޯކްޝޮޕް ފަށައިފި އެވެ.

ޗަމްޕާ ސެންޓަލް ހޮޓެލްގައި ވޯކްޝޮޕް ފެށީ ދެ ދުވަހަށެވެ. މިއަދު ވޯކްޝޮޕްގައި ފެނާއި ނަރުދަމާގެ ދާއިރާގެ ކަމާބެހޭ ވުޒާރާތަކުގެ ހިޔާލުތަކާއި ލަފާގެ މަތިން މި ޕްލޭން އެކުލަވައިލާން ކުރަން މަސައްކަތް ކުރާނެ އެވެ.

މި ވޯކްޝޮޕް ފައްޓަވައި ދެއްވާ ވާހަކަފުޅު ދެއްކެވީ އެންވާރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުޖުތަބާ އެވެ. އޭނާ ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ފެން އަބަދުވެސް ލިބެންޖެހޭނެ ކަމަށާއި ރަށު ފެންވަރުގައި ފެނުގެ ސާފުތާހިރު ކަމާއި ރައްކާތެރިކަން ގާއިމްކޮށް ކަށަވަރު ކުރަން ޖެހޭނެ ކަމަށެވެ.

"ސަރުކާރުގެ އަމާޒަކީ ރައްޔިތުން ބޭނުންވާ ފެނަކީ ސާފުތާހިރު ރާއްކާތެރި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ފެނަކަށް ވުން. ނަމަވެސް، ވިސްނަން ޖެހޭ ދައުލަތުން ބޮޑު ހަރަދެއް ކޮށްގެން ރައްކާތެރި ފެން ފޯރުކޮށްދޭއިރު ރައްޔިތުންގެ ޒިންމާ ވެސް އަދާ ކުރަން ޖެހޭ. ފެން ބޭކާރު ނުވާނެ ގޮތަކަށް ރައްޔިތުން މަސައްކަތް ކުރަން ޖެހޭ" ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.

މި ވޯކްޝޮޕްގައި މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ގިނައިން ފެނަށް ޖެހޭ ރަށްތައް ފާހަގަ ކުރުމާއި، ޑްރައި ސީސަންގައި ފެނަށް ޖެހޭ ޖެހުން ހުއްޓުވުމަށް ކޭސް ސްޓަޑީތަކާއި ތަހުލީލުތައް ކޮށް، ގެންނަ ޕްލޭން ފުރިހަމަ ކުރުމަށް މަސައްކަތް ކުރާނެ އެވެ.

ކޮންމެ އަހަރަކު ވެސް އަރުގެ ކުރީކޮޅު ރާއްޖޭގެ ގިނަ ރަށްރަށްރަށް ފެނަށްޖެހޭތާ އަހަރުތަކެއް ވެފައި ވެއެވެ.