އެކްޓަރު އަބްދުﷲ މުއާޒު (މުއާ) ގެ ފުރަތަމަަ ފީޗާ ފިލްމު "ލީނާ" ރެޑް ކާޕެޓް އިވެންޓަކާ އެކު، އޮލިމްޕަހުގައި ރޭ ޕްރިމިއާ ކޮށްފި އެވެ.
އަންހެން ކުއްޖެއްގެ މަރުގެ ވާހަކަ ކިޔައިދޭ ފިލްމު ބޯއިކޮޓްކޮށް ނޭޅުވުމަށް އެކި ފަހަރުމަތިން ސޯޝަލް މީޑިއާގައި އަޑުގަދަ ކޮށްފައި ވަނިކޮށް މި ފިލްމު އެޅުވީ ދެ އަހަރުގެ މަސައްކަތަށް ފަހު އެވެ. ފިލްމު ޕްރިމިއާ ކުރުމަށް އޮލިމްޕަހުގައި ރޭ ބޭއްވި ހަފުލާގައި ވާހަކަ ދައްކަމުން ފިލްމުގެ ޑައިރެކްޓަރު މުއާ ބުނީ މި ފިލްމުގެ މަސައްކަތުގައި އެންމެ ފުރަތަމަ ދުވަހުން ފަށައިގެން ޕްރިމިއާ ކުރުމާ ހަމައަށް އެއްބާރުލުން ދިން މީހުނާއި، ފިލްމު ނާޅުވަން ގޮވާލި މީހުންނަށް ވެސް ޝުކުރު އަދާ ކުރާ ކަމަށެވެ.
"މި ފިލްމުގައި ހުރިހާ ބޭފުޅުން ވެސް ވަރަށް ފުރިހަމައަށް މަސައްކަތް ކޮށްދިން. މި ފިލްމުގެ މަސައްކަތުގައި އަޅުގަނޑަށް އެއްބާރުލުން ދިން ބޭފުޅުންނާއި މި ފިލްމު ދުވަހަކު ވެސް ނާޅުވާނޭ ނޭޅުވޭނޭ ހިތާހިތުން ކިޔައިލަ ކިޔާލާ ތިބި މީހުންނަށްވެސް ޝުކުރު އަދާ ކުރަން"
އޭނާ އަދި ބުނީ ފިލްމުގެ ހުރިހާ މަސައްކަތެއްގައި ލީޑް އެކްޓްރެސް އައްޒަގެ އެއްބާރުލުމަށް ހާއްސަކޮށް ޝުކުރު އަދާ ކުރާ ކަމަށެވެ.
"މި ފިލްމުގައި އެންމެ ބޮޑު އެހީތެރިކަމެއް ދިނީ މަރިޔަމް އައްޒަ، ފިލްމުގެ އެކްޓްރެސް އެއްގެ ހައިސިއްޔަތުން. ތިއީ ހަމަ ރަން މުތެއް!" މުއާ ބުންޏެވެ.
ފިލްމުގެ ޓައިޓްލް ރޯލް ކުޅެފައި ވަނީ މަރިޔަމް އައްޒަ އެވެ. އައްޒަގެ ލޯބިވެރިޔާގެ ރޯލު އަލީ އާޒިމް (ދޮން އައްޔަ) ކުޅެފައިވާއިރު ގާތިލުގެ ރޯލު ކުޅުނީ މުއާ އެވެ. އިތުރު މުހިއްމު ބައިތަކުގައި ނުޒުހަތު (ނުޒޫ) ޝުއައިބް، ޒީނަތު އައްބާސް، އަހުމަދު ނިމާލް އަދި އަހުމަދު އީސަ (އާނަންދު) ވެސް ހިމެނެ އެވެ.
ފިލްމުގެ ފުރަތަމަ ރެއަށްފަހު، ގިނަ ބެލުންތެރިންވަނީ އައްޒަ އަދި މުއާގެ އެކްޓިން އަށް ތައުރީފުކޮށްފަ އެވެ. އަދި ސަޕޯޓިން ރޯލަކުން ފެނުނު ކުރިއަރަމުން އަންނަ ތަރި ނުޒޫ، މި ފިލްމުގައި ދެއްކި އެކްޓިން މޮޅު ކަމަށާއި ފިލްމުގެ އަސްލު "ޝޯ ސްޓޮޕާ" އަކީ ނުޒޫ ކަމަށް ބުންޏެވެ.
"ލީނާ" އަކީ ރާއްޖޭގައި ކުރިން ހިނގާފައިވާ މަރުގެ ހާދިސާއަކުން އިންސްޕަޔާ ވެގެން އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ. އޮލިމްޕަހުގައި ލީނާގެ 15 ޝޯ ދައްކަންވަނީ ހަމަޖެހިފަ އެވެ.
މި ފިލްމަކީ އޮލިމްޕަހަށް މި އަހަރު ގެންނަ ހަތް ވަނަ ފިލްމެވެ. އެންމެ ފަހުން އެޅުވީ ޑާކް ރެއިންގެ ކޮމެޑީ ފިލްމު "މާމުއި" އެވެ.