ހަބަރު

ނޯޓިސް ހަމަވިއިރު ތިން ވަޒީރަކަށް ވަޑައެއްނުގަނެވުނު

ތިން ވަޒީރަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރަން ފޮނުވި 14 ދުވަހުގެ ނޯޓިހުގެ މުއްދަތުގެ ތެރޭގައި އެ ބޭފުޅުން މަޖިލީހުގެ އިދާރާއަށް ވަޑައިނުގެން އެ ނޯޓިހުގެ މުއްދަތު ހަމަވެއްޖެ އެވެ.

ވަޒީރުން ހާޒިރު ކުރަން ފޮނުވި 14 ދުވަހުގެ ނޯޓިހުގެ މުއްދަތުގައި މަޖިލީހަށް ހާޒިރުވެވަޑައިނުގަނެންނެވުނު ތިން ވަޒީރުންނަކީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

އެ ތިން ވަޒީރުން ވެސް ހާޒިރުކޮށް ސުވާލު ކުރައްވަން ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ތިން މިނިސްޓަރުންނާ ސުވާލު ކުރުމަށްޓަކައި ފޮނުވި 14 ދުވަހުގެ ނޯޓިހުގެ މުއްދަ މިހާރު ހަމަވެފައިވާ ކަމަށެވެ. އެހެންކަމުން މަޖިލީހުން ދެން އަމަލު ކުރާ އުސޫލަކީ ސުވާލުތައް ރައްދުވާ މިނިސްޓަރަކާ މަޝްވަރާ ކޮށްގެން މިނިސްޓަރަށް ފަސޭހަފުޅު ދުަވަހެއްގައި މަޖިލީހަށް ވަޑައިގަތުން ކަމަށެވެ.

"މަޖިލީހުން ދެން އަމަލު ކުރާ އުސޫލަކީ ވަޒީރަށް ފަސޭހަ ދުވަހެއް ނޫނީ ރާއްޖޭގައި އުޅުއްވާ ދުވަހެއް ހޯދައި ވަޒީރުގެ މަސައްކަތަށް ބަލައިގެން އަދި ސުވާލު ކުރައްވާފައިވާ މެންބަރާ ވާހަކަ ދެކެވިގެން މިނިސްޓަރުން މަޖިލީހަށް ވަޑައިގެންނެވުން، އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެ ވަޒީރުން މަޖިލީހަށް އަދި ވަޑައިގަންނަވާނެ،" ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މެންބަރަކު ވަޒީރަކާ ސުވާލު ކުރައްވަން ހުށަހަޅުއްވާ ދުވަހުން ފެށިގެން ރަސްމީ ބަންދު ދުވަސްތައް ނުލައި އެ ވަޒީރަކަށް މަޖިލީހުގެ އިދާރާއިން 14 ދުވަހުގެ ނޯޓިހެއް ދޭން ޖެހެ އެވެ.

މިނިސްޓަރު ޝާހިދާ ސުވާލު ކުރައްވަން ހުށަހެޅުއްވީ ރާއްޖެއިން ސިޔާސީ ގުޅުން ކަނޑާލާފައިވާ ގަތަރާއެކު އަލުން ގުޅުން ގާއިމު ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތަކުގެ ފަހުގެ މައުލޫމާތުތަކާ ގުޅޭ ގޮތުންނެވެ.

މިނިސްޓަރު އައިޝާއާ ސުވާލު ކުރައްވަން ހުށަހަޅުއްވާފައި ވަނީ މާލޭގެ ޕާކިން މައްސަލައަށް ހައްލެއް ނުހޯދައި ގަވާއިދާ ހިލާފަށް ޕާކް ކުރާ އުޅަނދުތަކުގައި ޕާކިން ސްޓިކާ ޖަހައި ޖޫރިމަނާ ކުރަމުންދާ މައްސަލައާ ގުޅޭ ގޮތުންނެވެ.

މިނިސްޓަރު އިމްރާނާ ސުވާލު ކުރައްވަން ހުށަހެޅުއްވީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވިއިރު ހިނގައިދިޔަ ހަމަނުޖެހުންތައް ތަކުރާރުވިޔަ ނުދިނުމަށް ހޯމް މިނިސްޓްރީން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ.