ދުނިޔެ

ހޮރޮމުޒް ކަނޑުއޮޅި ބަލަހައްޓަން ކޯލިޝަނެއް ނުހެދޭނެ: އިރާން

އިރާނުގެ އިގްތިސޯދީ ކަނޑުގެ ސަރަހައްދުގައި ހިމެނޭ ހޮރުމުޒް ކަނޑުއޮޅި ބަލަހައްޓަން އިނގިރޭސިވިލާތަށް އަސްކަރީ ކޯލިޝަނެއް ނުހެދޭނެ ކަމަށް އިރާނުން ބުނެފި އެވެ.

އިރާން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ، އަސްކަރީ ކޯލިޝަނެއް ހަދައިގެން ހޮރުމުޒް ކަނޑުއޮޅި ބަލަހައްޓަން ފަށައިފި ނަމަ އެ ސަރަހައްދުގެ ރައްކާތެރިކަން ގެއްލި ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެގެން ދިޔުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ހޮރުމުޒް ކަނޑުއޮޅި ބަލައްހަޓަން އިނގިރޭސިވިލާތުން އިސްވެ އޮވެ އުފައްދާ ކޯލިޝާނާއި ގުޅޭނެ ކަމަށް މިހާތަނަށް ބުނެފައިވަނީ ހަތަރު ގައުމަކުންނެވެ. އެއީ އިޓަލީ އާއި ޑެންމާކާއި ފްރާންސް އަދި ނެދަލޭންޑެވެ. ކޯލިޝަން ހަދައިގެން ހޮރުމުޒް ކަނޑުއޮޅި ބަލަހައްޓަން އިނގިރޭސިވިލާތުން ނިންމީ، އެ ގައުމުގެ ތެޔޮ ޓޭންކަރެއް އިރާނުން ހިފެހެއްޓުމާއި ގުޅިގެންނެވެ.

މި ހަތަރު ގައުމުން ހޮރުމުޒް ކަނޑުއޮޅި ބަލަހައްޓަން އިނގިރޭސިވިލާތާއި ގުޅޭނެ ކަމަށް ބުނުމުން އިރާންގެ ފޮރިން މިނިސްޓަރު މުހައްމަދު ޖަވާދް ޒާރިފް ވިދާޅުވީ، އިރާނުން އެއްވެސް ގައުމަކާއި ހަނގުރާމަކޮށް އަމަން ނަގާލަން ބޭނުން ނުވާ ކަމަށެވެ.

އަދި ވިދާޅުވީ، އެ ކަނޑުއޮޅި އަކީ އިރާނުގެ އިގްތިސޯދީ ސަރަހައްދުގައި ހިމެނޭ ސަރަހައްދަކަށްވުމުން އެތަން ބެލެހެއްޓުމުގެ ހުރިހާ ބާރެއް ލިބިގެންވަނީ އިރާނަށް ކަމަށެވެ. އަދި އިރާންގެ އަސްކަރިއްޔާގައި އެ ގާބިލްކަން އެބަހުރި ކަމަށެވެ.