ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު އެތުލެޓިކޯއަށް ގިނަ ބަދަލުތަކެއް އަތުވެއްޖެ އެވެ. ޓީމުގެ ޖޯޒީ ކިޓާއި، ގިނަ އަދަދެއްގެ ކުޅުންތެރިންނާއި ސްޓޭޑިއަމްވެސް ބަދަލު ވެއްޖެ އެވެ. އެހެންނަމަވެސް ބަދަލު ނުވި އެއް ކަމެއް އެބައޮތެވެ. އެ ޓީމުގެ ކޯޗް ބަދަލެއް ނުވެ އެވެ. ޑިސެމްބަރު 2011 ގައި ސީޒަންގެ މެދުތެރެއިން އެތުލެޓިކޯ އާ ހަވާލުވި ގޮތަށް އެ މަގާމުގައި ޑިއޭގޯ ސިމިއޯނޭ އެބަ ދެމި ހުރެ އެވެ. އަދި އޭނާ ވަނީ 2022 ގެ ނިޔަލަށް އެތުލެޓިކޯގައި މަޑު ކުރަން އެއްބަސްވުން އާ ކޮށްފަ އެވެ.
އޭނާގެ މަގާމު ބަދަލު ނުވިޔަސް އާ ސީޒަނާ ސިމިއޯނޭ ކުރިމަތި ލަނީ ބަދަލު ތަކަކާއެކު އެވެ. މުޅި އެތުލެޓިކޯގެ ތާރީހްގައިވެސް އެ ޓީމުން ފެންނާނެ އެންމެ ބޮޑު ބަދަލާ އެކު އެވެ. މިދިޔަ ފަސް އަހަރު އެ ޓީމުގެ ތަރިއެއްގެ ގޮތުގައި ބެލި ފްރާންސްގެ ފޯވަޑް އެންޓްއާން ގްރީޒްމަން އާއި ޓީމުގެ ކެޕްޓަން ޑިއޭގޯ ގޮޑިން ޓީމު ދޫކޮށްލި އެވެ.
ޓީމު ދޫކޮށްލި ކުޅުންތެރިންގެ ބަދަލުގައި، އެ މަގާމުތައް ފޫބެއްދުމަށް އެތުލެޓިކޯއިން ހަލުވި ކަމާއެކު މަސައްކަތް ފެށި އެވެ. ބެންފީކާގެ ފޯވަޑް ޖޮއާއޯ ފެލިކްސް 126 މިލިއަން ޔޫރޯ އަށް ގެނެ އެވެ. އެއީ އެތުލެޓިކޯގެ ހަޔާތުގައި އެންމެ އަގު ބޮޑު ޓްރާންސްފާ އެވެ. ޖޮއާއޯ ފެލިކްސް ގްރީޒްމަން ފަދަ ސުޕާ ސްޓާރަކަށް ވާން އަދި އަހަރުތަކެއް ހޭދަ ވާނެ އެވެ.
އެހެންނަމަވެސް، އެތުލެޓިކޯއަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީ، ސިމިއޯނޭގެ ކޯޗިން ސްޓައިލެވެ. ސުޕާ ސްޓާ ޓެލެންޓަށް ވުރެ ބޮޑަށް ސިމިއޯނޭގެ ސްޓައިލް ބިނާ ވެފައި ވަނީ ކަލެކްޓިވް ސްޓައިލްގަ އެވެ.
އާ ޑިފެންސެއް
މިދިޔަ ސީޒަންގެ ޓީމުގައި ތިބި ދިފާއީ ކުޅުންތެރިންގެ ތެރެއިން ޓީމުގައި މަޑު ކުރީ، ހޯޒޭ މާރިއާ ހިމެނޭޒް އެވެ. އޭނާ އާއެކު މައި ޑިފެންސްގައި ދެން ފެންނާނީ އެސްޕަންޔޯލުން އެތުލެޓިކޯއާ ގުޅުނު މާރިއޯ އާމޯސޯ އެވެ. ޓޮޓެންހަމްއިން ބަދަލުވި، އިރަން ޓްރިޕިއާ އާއި ބްރެޒިލްގެ އެތުލެޓިކޯ ޕަރަނޭސީން ގުޅުނު ޒުވާން ޑިފެންޑަރު ރެނަން ލޯޑީ އަށް އޮތީ ޑިފެންސްގެ ދެ ފަޅި ބެލެހެއްޓުމެވެ.
އާ އެޓޭކިން ފޯމޭޝަނެއް
އިދިކޮޅު ޓީމުގެ ޑިފެންސްގެ ތަޅު ހުޅުވުމުގައި އެތުލެޓިކޯގެ އެންމެ މުހިންމު ތަރިއަކަށް ވަނީ ހަތް ނަންބަރު ޖޯޒީގައި ކުޅެން ނުކުންނަ ފެލިކްސް އެވެ. އޭނާ އަށް ވިންގުގެ އިތުރުން މެދުތެރޭގައިވެސް މޮޅަށް ކުޅެވޭނެ އެވެ. އޭގެ އިތުރަށް ތޯމަސް ލެމޭ ވެސް ވިންގުގައި މުހިންމު ދައުރެއް އަދާ ކުރާނެ އެވެ. ސްޓައިކަރުންގެ ގޮތުގައި ޑިއޭގޯ ކޮސްޓާ އާއި އަލްވާރޯ މޮރާޓާ އެވެ.
އެޓޭކަށް އިތުރު ބާރެއް ގެނައުމަށް އެޓޭކިން މިޑްފީލްޑަރެއް ހޯދުމަށް އެތުލެޓިކޯއިން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޓޮޓެންހަމްގެ ޑެންމާކު އެޓޭކިން މިޑްފީލްޑާ ކްރިސްޓިއަން އެރިކްސަން ނުވަތަ ރެއާލް މެޑްރިޑްގެ ކޮލަމްބިއާގެ އެޓޭކިން މިޑްފީލްޑާ ހަމޭސް ރޮޑްރިގޭޒް ގެނައުމަށް އެތުލެޓިކޯއިން ދަނީ މަސައްކަތް ކުރަމުންނެވެ.