ދުނިޔެ

އެމެރިކާއިން ޓައިވާނާ ކައިރި ނުވާން ޗައިނާ އިންޒާރުކޮށްފި

އެމެރިކާގެ އަސްކަރިއްޔާއިން ޓައިވާނާއި ގާތަށް އައުމަކީ ބައިނަލް އަގްވާމީ ސަރަހައްދުތަކުގެ ހަމަނުހެޖުން ނަގާލުން ކަމަށްވާތީ އެކަން ނުހުއްޓައިފިނަމަ، އެމެރިކާއާ ހަނގުރާމަ ކުރަން ޖެހިދާނެ ކަމަށް ބުނެ ޗައިނާއިން އިންޒާރުކޮށްފި އެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ޓައިވާނާއި އިގްތިސޯދީ ސަރަހައްދުން ބޭރުގައި ހަރަކާތްތެރިވާން ފަށާފައި ވަނީ، ޗައިނާއިން ޓައިވާންގެ ކަނޑުގައި އަސްކަރީ ތަމްރީނުތަކެއް ފަށައިގެން ކުރިއަށް ގެންދަނިކޮށެވެ. ޓައިވާނަށް އެއް ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމުން ވެސް ޗައިނާއިން ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.

އެމެރިކާއަށް އިންޒާރު ދެމުން، ޗައިނާއިން ބުނީ، ޓައިވާނުގެ މިނިވަންކަމަށް ބުރޫ އަރާފަދަ ކަމެއް ބައިންލް އަގްވާމީ ސަރަހައްދުގައި ތިބެެގެން އެމެރިކާއިން ކުރާނަމަ، ނުރައްކާތެރި ހަތިޔާރު ބޭނުންކުރަން ޖެހިދާނެ ކަމަށެވެ.

ޗައިނާގެ އަސްކަރިއްޔާއިން މިހާރުވެސް ގެންދަނީ އާޓިފިޝަލް އިންޓެލިޖެންސާއި ދުރު ރާސްތާގެ ބާރުގަދަ މިސައިލްތައް ތަމްރީނުތަކުގައި ބޭނުން ކުރަމުންނެވެ.

ޗައިނާއިން އެމެރިކާއަށް އިންޒާރު ދީފައި ވަނީ، އެ ގައުމުގެ އަސްކަރިއްޔާ އިތުރަށް ވަރުގަދަ ކުރުމުގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. ޗައިނާގެ އިންޒާރަށް އެމެރިކާއިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.