ދިވެހި ސިނަމާ

"ލީނާ"ގެ ރެޑްކާޕެޓު: ސިމްޕަލް ރީތި!

ރެޑްކާޕެޓު ހަފްލާތަކަށް ދިވެހި ފަންނާނުން އަޅާ ހެދުމަށް ވެސް އަބަދު ފާޑުކިޔުންތަކާ ކުރިމަަތި ވެއެވެ. "ހެދުންތައް މާ ގޮތް ބޮޑީއޭ، ނުގުޅެއޭ ރީއްޗެއް ނޫނޭ" ބުނާ ފަހަރު އާދެ އެވެ. ނަމަވެސް އިއްޔެ ރޭގެ ރެޑްކާޕެޓު ތަފާތެވެ. އަބްދުﷲ މުއާޒް ގެ ފިލްމު "ލީނާ" ގެ ޕްރިމިއާ ނައިޓްގެ ރެޑްކާޕެޓުގައި ގިނަ ފަންނާނުން ހިނގާލީ ރީތި ސިމްޕަލް ހެދުންތަކެއްގަ އެވެ.

ރެޑްކާޕެޓުތަކަށް އެންމެ އިންތިޒާރު ކުރާނީ އަންހެން ފަންނާނުންނެވެ. ދެތިން ގަޑިއިރުގެ ކުރިން ރީތިވާން ފަށާނެ އެވެ. މޭކަޕް ފުރިހަމަ ކުރުމާއި ހެދުން ހެޔޮވަރު ކުރުމަށެވެ. މި ހިމަނާލަނީ ރޭގެ ހަފްލާއިން ފެނުނު އަންހެން ފަންނާނުންގެ ތެރެއިން ހޮވާލެވުނު ފަސް ހެދުމެވެ.

މަރިޔަމް އައްޒަ

އައްޒަ އަކީ ލީނާގެ ރެޑް ކާޕެޓްގެ "ސްޓަނާ" އެވެ. މިކަމަށް އެއްބަސްވާ މީހުން ފިލްމު އެޅުވުމުން ވެސް ދެއްކީ އައްޒަގެ ހެދުމުގެ ރީތި ވާހަކަ އެވެ. އޮފް ސެޓިން ފޮއްޗެއްގައި ހުރި މައުވް ޕިންކް ކުލައިގެ މި ހެދުމަކީ ސޭންޑީގެ ހެދުމެކެވެ. އާއްމުކޮށް އައްޒަ ލާ ހެދުންތަކާ މި ހެދުން ތަފާތުވެ ގިނަ ބަޔަކަށް ކަމުދިޔައީ ހެދުމުގެ ސިމްޕަލް ކަމާއި މޭކަޕް އަދި އިސްތަށިގަނޑު ވެސް ގުޅުވާލާފައި ހުރި ގޮތުންނެެވެ. މިއީ ރެޑް ކާޕެޓެއްގައި އައްޒަ ލީ އެންމެ ސިމްޕަލް ހެދުމަށްވެސް ވެދާނެ އެވެ. ހެދުމަށް ތައުރީފު އޮހުނީ ވެސް މިހެންވެ އެވެ.

މަރިޔަމް މަޖުދާ

ފިލްމުގައި ނުފެނުނު ކަމުގައިވިޔަސް މަޖޫ ރެޑްކާޕެޓުގައި ބައިވެރިވި އެވެ. އެމެރަލްޑް ގްރީން ޖަމްޕް ސޫޓެއްގައި މަޖޫ ފެނުނު އިރު މާ ބޮޑު ގަހަނާ އެއްވެސް ބޭނުންކޮށްފައެއް ނެތެވެ. ނަމަވެސް، ކަންފަތުގައި ލާފައި ހުރި ރިހި ކުލައިގެ އެއްޗާއި އުނަގަނޑުގައި އަޅާފައި ހުރި ރިހި ބެލްޓުން އިތުރު ވިދުމެއް ގެނެސްދީ ރެޑްކާޕެޓްގެ ސިފަ ޖައްސުވާލި އެވެ. ސިމްޕަލް ވެފައި ފުރިހަމަ އެވެ.

ނުޒުހަތު ޝުއައިބު (ނުޒޫ)

ފިލްމުގައިވެސް އެންމެ ތަރުހީބު ލިބުނު އެކަކީ ނުޒޫ އެވެ. ރެޑްކާޕެޓުގައި ވެސް މިހެނެވެ. ނުޒޫގެ ބްލަޝް ޕިންކް ހެދުން ވީ ގިނަ ބައްގެ ލޮލުގައި އަޅައިގަން ހެދުމަކަށެވެ. މަޑު ކުލައެއް ވިޔަސް ހެދުމުގެ ވިދުންގަނޑުން ރެޑްކާޕެޓް އަލި ކޮށްލި އެވެ. ހެދުމުގެ އެއް ފަޅީގައި ގުޅުވާފައި ހުރީ ނެޓު ފޮއްޗެކެވެ. އަދި ހެދުމުގެ އެއް އަތުގައި ހުރީ އެސްތަކެއް ނެޓް ފޮތިގަނޑު މަަތީ ހަރުކޮށްފަ އެވެ.

އިރުފާނާ އިބްރާހިމް

ދެތިން ފިލްމެއްގައި މަސައްކަތް ކޮށްފައިވާ އިރޫ އަކީ މިހާރު ކުރިއަރަމުން އަންނަ ތަރި އެކެވެ. ފިލްމީ ދާއިރާއަށް އާ މޫނަކަށް ވިޔަސް ލީނާގެ ރެޑްކާޕެޓުގައި ވެސް ބައިވެރިވި އެވެ. އިރޫގެ ހެދުމަކީ ވެސް ސިމްޕަލް އޮފް ޝޯލްޑާ ބޮޑީ ކޮން ޑްރެސް އެކެވެ.

މަރިޔަމް އަޝްފާ

އަޝްފާ ރެޑްކާޕެޓުތަކުގައި މި ފަހުން ފެންނަނީ ވަރަށް އާދައިގެ ގޮތަކަށެވެ. ނަމަވެސް އަޝްފާގެ ފަރިކަމާއި މޭކަޕް ކޮށްލާފައި ހުންނަ ގޮތް ރީތި ކަމުން ކޮންމެ ފަހަރަކުވެސް ގޮތެއް ގެނެސްދެ އެވެ. ރޭގެ ހަފްލާގައި އަޝްފާ ހުރީ، ދިގު ޕެންސިލް ސްކާޓް އެއް ލާފަ އެވެ. ޕެންސިލް ސްކާޓްސް އަކީ ރެޑްކާޕެޓުގައި މަދުން ނަމަވެސް ފެންނަ އެއްޗެކެވެ. މި ސްކާޓް ފުރިހަމަކޮށް ދިނީ ގުޅުވާފައި ހުރި ވިދާ އަތްދިގު ޓޮޕުންނެވެ.

ލީނާގެ ރެޑްކާޕެޓުގައި މި ނޫނަސް ރީތި ހެދުންތަކެއް ފެނުނެވެ. މުޅި ރެޑްކާޕެޓަށް ވެސް ރީތި ސިމްޕަލް ގޮތެއް ގެނެސްދިނީ މި ފަންނާނުންނެވެ.