ހަބަރު

ގޭދޮށު މަސް ފެކްޓަރީ އާއި، ބޭރު ބޯޓުތަކަށް މަސް ވިއްކާ ގަރާރު ބަލައިގެންފި

Jul 24, 2019

ރާއްޖޭގެ މަސްވެރިކަމާބެހޭ ގޮތުން ސަރުކާރުގެ ވައުދުތައް ފުއްދުމާއި ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ދެ ގަރާރެއް މިއަދު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފި އެވެ.

މިއަދު މަޖިލީހުން ބަލައިގަތް އެއް ގަރާރަކީ ދިވެހި މަސްވެރިން ބާނާމަހަށް ހަމައަގު ހޯދައިދިނުމަށް މަސްތައް ޕްރޯސެސްކޮށް މަހުގެ އުފެއްދުންތައް އިތުރުކުރުމަށް ރަށްތަކުގައި މަސް ފެކްޓަރީ ގާއިމުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ގޮވާލައި ގަރާރެވެ.

ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ހުށަހެޅުއްވި ގަރާރު ބަލައިގެންފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އިއްތިފާގުންނެވެ.

އެ ގަރާރުގައި ބުނެފައިވަނީ ދިވެހި މަސްވެރިން ބާނާ މަސް އާންމުކޮށް ވިއްކާ ތައިލެންޑް އަދި ސްރީލަންކާ ފަދަ ގައުމުތަކުން އެ މަހުން އުފައްދާ އިތުރު ޕްރޮޑަކްޓްސްތައް ވިއްކައިގެން ބޮޑެތި ފައިދާ އެއް ނަގަމުންދާއިރު، އެކަމުގެ ހަގީގީ ނަފާ ދިވެހި މަސްވެރިންގެ އިތުރުން ރާއްޖޭގެ އިގުތިސޯދަށް ކުރަމުންނުދާ ކަމަށެވެ.

އެގޮތުން، ރަށު ކައުންސިލުތަކުގެ ބައިވެރިވުމާއެކު، ރަށްރަށުގައި ފެކްޓަރީތަކެއް ގާއިމުކޮށްގެން، ދިވެހި މަސްވެރިން ބާނާ މަސް ޕްރޯސެސްކޮށް މަހުގެ އުފެއްދުންތައް އިތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިލްތިމާސް ކުރުމަށް އެ ގަރާރުގައި ވަނީ ހުށަހަޅައިފަ އެވެ.

ދެވަނައަށް މަޖިލީހުން ބަލައިގެންފައިވަނީ ބޭރުގެ ބޯޓު ފަހަރަށް ރާއްޖެ އައިސް ދިވެހި މަސްވެރިންގެ އަތުން މަސް ގަތުމަށް ހުއްދަ ދިނުމާ ގުޅޭ ގަރާރެވެ. ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު ހުށަހެޅުއްވި ގަރާރު ބަލައިގެންފައިވަނީ 68 މެންބަރުންގެ ވޯޓާއެކު އެވެ. އެ ގަރާރާ ދެކޮޅަށް ދެ މެންބަރަކު ވަނީ ވޯޓު ދެއްވައިފަ އެވެ.

އެ ގަރާރުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ދިވެހި މަސްވެރިންނަށް ހަމައަގު ހޯދައިދިނުމަށް މަސްގަތުމުގެ ވާދަވެރި މާހައުލެއް ގާއިމުކުރުމަށްޓަކައި، މެދުވެރިއެއްނެތި ސީދާ ބޭރުގެ ފަރާތްތަކަށް މަސްވިއްކޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، ބޭރުގެ ބޯޓުތަކަށް ރާއްޖެއައިސް މަސް ގަތުމުގެ ހުއްދަ ދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިލްތިމާސް ކުރުމަށެވެ.

ރާއްޖޭގެ މަސްވެރިކަމާބެހޭ ގޮތުން ސަރުކާރުގެ ވައުދުތައް ފުއްދުމަށްޓަކައި ސަރުކާރުގެ ފަރާތުން ޖުމްލަ ފަސް ގަރާރެއް ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ. އެގޮތުން، ރާއްޖޭގެ ކަނޑުތައް ހަމައެކަނި ދިވެހި މަސްވެރިންނަށް ހާއްސަކޮށް، ރާއްޖޭގެ އިގުތިސޯދީ ސަރަހައްދުގައި ބޭރުގެ ބޯޓުތަކަށް މަސްވެރިކަން ކުރުމަށް ދޫކޮށްފައިވާ ހުއްދަތައް ބާތިލު ކުރަން ގޮވާލި ގަރާރު މަޖިލީހުން ވަނީ މިދިޔަ ހަފްތާގައި ބަލައިގެންފަ އެވެ.

އަދި އިތުރު ދެ ގަރާރެއްގެ ބަހުސް މިހާރު މަޖިލީހުގައި ކުރިއަށްދެ އެވެ. އޭގެ ތެރޭގައި، ދިވެހި މަސްވެރިން ބާނާމަހަށް ހަމައަގު ހޯދައިދިނުމާއި ބޭރު ކަނޑުގައި މަސްވެރިކަންކުރާ މަސްވެރިންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށްޓަކައި އޮފްޝޯ ޕްލެޓެފޯމުތަކެއް ގާއިމުކޮށްދިނުމަށް ގޮވާލައި ގަރާރާއި، އިންޑިއާ ކަނޑުގައި ކުރެވޭ މަސްވެރިކަމުގައި ބޮޑުދާޖަހައިގެން ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަން މަނާކޮށް ދެމެހެއްޓެނެވި އުސޫލުން މަސްވެރިކަން ކުރެވޭނެ މަގެއް ހޯދުމަށް ގޮވާލައި ގަރާރު ހިމެނެ އެވެ.