އެމްއެންޑީއެފް

ސިފައިންގެ ތަމްރީނު މަރުކަޒަށް އިންޑިއާ އިން އެއް މިލިއަން ޑޮލަރު

ޅ. މާފިލާފުށީގައި ގާއިމްކޮށްފައިވާ ސިފައިންގެ ތަމްރީނު މަރުކަޒު، އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގް ސެންޓަރުގެ ފުރަތަމަ ފިޔަވަހި ފުރިހަމަކުރުމަށް އިންޑިއާ ސަރުކާރުން އެއް މިލިއަން ޑޮލަރުގެ ފައިސާގެ އެހީއެއް ދީފި އެވެ.

މިއަދު ހެނދުނު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާގެ ފަރާތުން އެހީގެ ލިޔުން ހަވާލުކޮށް ދެއްވީ، ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ސަންޖޭ ސުދިރެވެ. ރާއްޖޭގެ ފަރާތުންން ފައިސާގެ ލިޔުމާއި ހަވާލުވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

ކޮމްޕޮސިޓް ޓްރޭނިން ސެންޓަރުގެ މަޝްރޫއު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ތިން ފިޔަވެއްސަކަށް ބަހާލައިގެންނެވެ. އެމަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ އެޑްމިނިސްޓްރޭޓިވް ބްލޮކް، ތިން އެކަމޮޑޭޝަން ބެރެކްސް، ފަޔަރިން ޝެޑް، ފަޔަރިން ރޭންޖު، ހެލްތު ޕޯސްޓް، އޮބްސްޓެކަލް ބެލްޓް، ދެ ރެކްރިއޭޝަން ބިލްޑިން އަދި އެ ތަންތަނަށް ބޭނުންވާނެ ކަރަންޓާއި ފެނާއި ނަރުދަމާ ނިޒާމާއި ގުޅުން މަސައްކަތްތަކެވެ.

ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރު ހަދައި ނިމުމުން، އެތަން ވާނީ ސިފައިންގެ ތަމްރީނުތައް ހިންގާ މައި މަރުކަޒަށެވެ. ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރު އިމާރާތް ކުރުމުގެ އެއްބަސްވުމުގައި އެލިއާ ކޮންސްޓްރަކްޝަނާއެކު ޑިފެންސް މިނިސްޓްރީން ފުރަތަމަ ސޮއިކުރީ 2014 ވަނަ އަހަރު އޮގަސްޓު މަހުގެ ފަސްވަނަ ދުވަހު އެވެ.

އިންޑިއާއިން ހަދިޔާ ކޮށްފައިވާ 10 ރާޑަރު ސިސްޓަމާއި ސިފައިންގެ ކޮމްޕެސިޓް ޓްރެއިނިން ސިސްޓަމް އިފުތިތާހުކޮށްފައިވަނީ މިދިޔަ ޖޫން މަހު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރޭގަ އެވެ.