އޭޑީއެފް

އޭޑީއެފްގެ ގޮތުގައި 416.2 މިލިއަން ރުފިޔާ ލިބިއްޖެ

Jul 25, 2019

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ރާއްޖެ އިން ބޭރަށް ފުރާ މީހުންގެ އަތުން ނަގާ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) އިން މި އަހަރުގެ މިހާތަނަށް 416.2 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ މާލީ ރިޕޯޓުގައިވާ ގޮތުން ނިދިޔަ ހަފުލާގެ ނިޔަލަށް އޭޑީއެފްގެ ގޮތުގައި 416.2 މިލިއަން ރުފިޔާ ލިބުނު އިރު، މި އަހަރު އޭޑީއެފުގެ ގޮތުގައި ލިބޭނެ ކަމަށް ބަޖެޓުގައި ހިމަނާފައިވަނީ 705.6 މިލިއަން ރުފިޔާ އެވެ.

އޭޑީއެފް ނަގަން ފެށީ 2017 ވަނަ އަހަރުގެ މެއި މަހު އެވެ. އޭޑީއެފް ނަގަނީ ބޭރު މީހުންގެ އަތުން 25 ޑޮލަރު، ދިވެހިންގެ އަތުން 12 ޑޮލަރެވެ. މި ފީން ޖުމްލަ 575 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން އޭރު ލަފާކޮށްފައިވެ އެވެ. ނަމަވެސް ކުރިން ބޭރަށް ފުރާ ބޭރު މީހުންނާއި ދިވެހިންގެ އަތުން 25 ޑޮލަރު ނަގަން އޮތް ނަމަވެސް ދިވެހިންގެ އަތުން ނަގާ ފީ 12 ޑޮލަރަށް ކުޑަ ކުރުމުން އެ އަދަދު ވަނީ 329.9 މިލިއަން ރުފިޔާއަށް މަދުވެފަ އެވެ.

ވީއައިއޭ ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއަކީ ގިނަ ދާއިރާތަކަކުން ލޯނު ނަގައިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލު ކޮށްފައި ވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ.

މީގެ އިތުރުން ދިގު މިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގެ ރަންވޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. މީގެ އިތުރުން ކާގޯ ޓާމިނަލް އާއި ތެޔޮ ރައްކާ ކުރާ ނިޒާމުގެ މަސައްކަތް ވެސް ކުރާނެ އެވެ.