ދުނިޔެ

އުތުރު ކޮރެއާއިން ޖަޕާނުގެ ކަނޑަށް މިސައިލް ޓެސްޓްކޮށްފި

އުތުރު ކޮރެއާއިން ޖަޕާނުގެ ކަނޑުގެ ސަރަހައްދަށް ދެ މިސައިލް ޓެސްޓެއް ކޮށްފައިވާ ކަމަށް ދެކުނު ކޮރެއާއިން ބުނެފި އެވެ. ދެކުނު ކޮރެއާއިން ބުނީ އުތުރުން ޓެސްޓް ކޮށްފައިވަނީ ކުރު ރާސްތާގައި ހަމަލާ ދޭން ބޭނުންކުރާ ޒާތުގެ ދެ މިސައިލެއް ކަމަށެވެ.

އުތުރު ކޮރެއާއިން ޓެސްޓް ކުރި ދެ މިސައިލް ވެއްޓިފައި ވަނީ 430 ކިލޯމީޓަށް ދަތުރު ކުރުމަށްފަހު ޖަޕާނުގެ ކަނޑުގެ ސަރަހައްދަށެވެ. މިސައިލްތައް ޓެސްޓް ކޮށްފައި ވަނީ އެ ސަރަހައްދުގައި ދެކުނު ކޮރެއާ އަދި އެމެރިކާ ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަން ނިންމާފައި ވެސް ވަނިކޮށެވެ.

މިސައިލް ޓެސްޓުތަކަށްފަހު އުތުރު ކޮރެއާގެ އާމްސް ކޮންޓްރޯލް އެކްސްޕާޓް ޖެފްރީ ލިވިސް ވިދާޅުވީ، ޓެސްޓުކުރި ދެ މިސައިލުން އެކަނިވެސް، ދެކުނު ކޮރެއާގެ ގާއިމްވެ ތިބޭ އެމެރިކާގެ ސިފައިންނާއި އެމީހުންގެ މަރުކަޒުތައް ހަލާކު ކޮށްލެވިދާނެ ކަމަށެވެ. އަދި ޓެސްޓު ކުރި ކޭއެން-23އެސް އަކީ ކުރު ރާސްތާއަށް ހަމަލާ ދޭން ބޭނުންކުރާ ނިއްކްލިއާ މިސައިލެއް ކަމަށެވެ.

އެހެން ނަމަވެސް ޖަޕާނުގެ ޑިފެންސް މިނިސްޓްރީން ބުނެފަ ވަނީ، އުތުރު ކޮރެއާގެ މިސައިލްތައް ޖަޕާނުގެ ކަނޑުގެ ސަރަހައްދަށް ފޯރާފައި ނުވާ ކަމަށާއި އެކަމުގައި އެއްވެސް ކަހަލަ ގައުމީ ނުރައްކަލެއް ނެތް ކަމަށެވެ. ނަމަވެސް ދެކުނު ކޮރެއާއިން ވަނީ އުތުރު ކޮރެއާގެ އެ އަމަލު ކުށްވެރިކޮށް، ސަރަހައްދުގެ އަމާންކަން ދެމެހެއްޓުމަށް ގޮވާލާފަ އެވެ.