ވިޔަފާރި

އެސްޓީއޯ ސުޕަމާޓަށް 28 އަހަރު: މިއަދު ހާއްސަ!

އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާކެޓު ހުޅުވީ ނަވާތަ ސަތޭކަ ނުވަދިޔަ އެއް ވަނަ އަހަރު އެވެ. އޭރު އެ ފިހާރައަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު އެއް ވިޔަފާރީގެ އިތުރުން އެންމެ ގިނަ މުދާ އެއް ތަނަކުން ލިބެން ހުންނަ ވެސް ތަނެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމަ އަށް ވެސް ސުޕަމާކެޓު ވެފައިވަނީ ދިވެހިން ފުރަތަމަ "ޗޮއިސް" އަށެވެ. މި އަދަކީ އެސްޓީއޯ ސުޕަމާކެޓުގެ ވިޔަފާރި އަށް 28 ވަނަ އަހަރު ފުރުނު ދުވަހެވެ. މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގިނަ ހަރަކާތް ތަކެއް ސުޕަމާކެޓުގައި ވަނީ ފަށާފަ އެވެ.

ސުޕަމާކެޓުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ވިޔަފާރި ކުރާ ކޮންމެ 28 ވަނަ ކަސްޓަމަރަކަށް ހާއްސަ ހަދިޔާ ޕެކެއް ލިބޭނެ އެވެ. އަދި މިއަދު ހަވީރު ކުޑަކުދިންނަށް ހާއްސަކޮށް "ރޮބޯ މޭން" އާއެކު ހާއްސަ ހަރަކާތް ތަކެއް ސުޕަމާކެޓުގައި އޮންނާނެއެވެ.

އެސްޓީއޯ ސުޕަމާޓަށް 2016 ވަނަ އަހަރު ވަނީ ބޮޑު ބަދަލެއް ގެނެސް ޖާގަ ބޮޑުކޮށްފަ އެވެ. ކުރިން އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ތެރޭގައި ކުރި ކެފޭ ނަގައި ޖާގަ ބޮޑުކޮށްލުމަށްފަހު ގިނަ އަދަދެއްގެ އާ މުދާ ވިއްކަން ފަށާފައިވެ އެވެ. އަދި އެފަހަރު ކުރި މަރާމާތުގެ ސަބަބުން އާއިލާއެއްކޮށް ގޮސް ވިޔަފާރި ކޮށްލެވޭނެ ފުރިހަމަ މާހައުލެއް މިހާރު އެތަނުގައި ގާއިމް ކުރެވިފައިވެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި އެސްޓީއޯ އިން ހިންގާ ސުޕަމާކެޓުގައި ރާއްޖޭގެ މާކެޓުގައި ލިބެން ހުރި ގިނަ ޕްރޮޑަކްޓް ތަކެއް އަގު ހެޔޮކޮށް ލިބެން ހުރެ އެވެ. އަދި އެސްޓީއޯ އިން ހާއްސަ ބާވަތްތައް އެތެރެކޮށްގެން ވެސް ވިއްކަމުން ގެންދެ އެވެ.