ޖޭއެސްސީ

ޖޭއެސްސީއަށް ދަށު ކޯޓުތަކުން ހޮވާ ފަނޑިޔާރުގެ އިންތިހާބު އަންނަ މަހު ބާއްވަނީ

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވާ ދަށު ކޯޓުތަކުން އިންތިހާބުކޮށްފައިވާ މެންބަރުގެ ދައުރު އަންނަ މަހު ހަމަވާތީވެ އެ މަގާމަށް ދަށު ކޯޓުތަކުން ފަނޑިޔާރަކު އިންތިހާބު ކުރަން އަންނަ މަހުގެ 24 ވަނަ ދުވަހު އިންތިހާބު ބާއްވަން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފި އެވެ.

ދަށު ކޯޓުތަކުުގެ ފަނޑިޔާރުން ތަމްސީލު ކުރައްވާ މެންބަރުގެ ގޮތުގައި ޖޭއެސްސީގައި މިހާރު އިންނަވަނީ ޑްރަގް ކޯޓުގެ ފަނޑިޔާރު މުހައްމަދު އީސާފުޅެވެ. އެއީ ފަސް އަހަރުގެ ދައުރަކަށް އިންތިހާބު ކޮށްފައިވާ މެންބަރަކަށްވާއިރު، އޭނާގެ ދައުރު އަންނަ އޮގަސްޓު މަހު ހަމަވާނެ އެވެ.

ޑީޖޭއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ޖޭއެސްސީގައި އިންނަވާ ދަށު ކޯޓުތަކުގެ ފަނޑިޔާރުން ތަމްސީލު ކުރައްވާ ފަނޑިޔާރު އިންތިހާބު ކުރުމަށް ބާއްވަން ޖެހޭ އިންތިހާބު އަންނަ މަހުގެ 24 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ޑީޖޭއޭއިން ބުންޏެވެ. ޑީޖޭއޭއިން ބުނި ގޮތުގައި އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތަކީ ޖޭއެސްސީގައި ދަށު ކޯޓެއްގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ފަސް އަހަރުގެ ދައުރެއް ހަމަކޮށްފައި ނެތުމާއި ދަށު ކޯޓެއްގެ ފަނޑިޔާރަކަށް ވުމެވެ.

ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެންބަރު އިންތިހާބު ކުރުން އަންނަ މަހު އޮންނައިރު، ގާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެންބަރު އިންތިހާބު ކުރުން އަންނަ ހޮނިހިރު ދުވަހު އޮންނާނެ އެވެ.

ވަކީލުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެންބަރުގެ މަގާމު ހުސްވީ، އެ މަގާމު ހުސްވާ ގޮތަށް ބާ ކައުންސިލްގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ބިލު ގާނޫނެއްގެ ގޮތުގައި ތަސްދީގު ކުރެއްވުމުންނެވެ.