ދުނިޔެ

އަފްޣާނިސްތާނުގައި 12 މީހަކު މަރާލައިފި

އަފްޣާނިސްތާނުގެ ވެރިރަށް ކަބުލްގައި ޖާނު ގޮއްވާލައިގެނާއި ބޮން ގޮއްވައިގެން ދީފައިވާ ހަމަލާތަކެއްގައި 12 މީހުން މަރުވެ 43 މީހަކު ޒަހަމްވެއްޖެ އެވެ.

އަފްޣާނިސްތާނުގެ އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު ނަސްރަތް ރަހީމީ ވިދާޅުވީ، ބޮމުގެ ހަމަލާތައް އަމާޒު ކޮށްފައި ވަނީ ތަފާތު ތިން ސަރަހައްދަކަށް ކަމަށެވެ. ރަހިމީ ވިދާޅުވީ ފުރަތަމަ ހަމަލާ އަމާޒުކޮށްފައި ވަނީ ސަރުކާރު މުވައްޒަފުން ގޮވައިގެން ދަތުރު ކުރަމުންދިޔަ ބަހަކަށް ކަމަށެވެ. އެ ހަމަލާގައި ފަސް މީހަކުވެ މަރުވެ 10 މީހަކު ޒަހަމްވި ކަމަށެވެ.

ދެވަނަ ހަމަލާ ދީފައިވަނީ އާންމުން އެއްވާ ސަރަހައްދަކަށް އަމާޒުކޮށެވެ، ޖާނު ގޮއްވާލައިން ދިން އެ ހަމަލާގައި ހަތް މީހަކުވެ މަރުވެ 20 މީހަކު ޒަހަމްވި އެވެ. ތިން ވަނަ ހަމަލާގައި މީހަކު މަރުނުވި ނަމަވެސް 13 މީހަކު ޒަހަމްވި އެވެ.

މި ހަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ ޕާކިސްތާނާއި އަފްޣާނިސްތާނުގެ ބޯޑަރު ގުޅޭ ސަރަހައްދުގައި ގާއިމްވެގެން އުޅޭ ޓެރަރިސްޓު ޖަމާއަތް، ތާލިބާނުންނެވެ.

ހަމަލާތަކަށްފަހު ތާލިބާނުންނާ އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކާއި ހިނގި ކުރިމަތިލުމެއްގައި އަފްޣާނިސްތާނުގެ 43 ފުލުހަކު ގެއްލިގެން ހޯދަން ވެސް ވަނީ ފަށާފަ އެވެ. އަދި އާންމުގެ ނުވަ މީހަކުވެސް ގެއްލިފައި ވެއެވެ.

ތާލިބާނުން މި ހަމަލާތަކެއް ދީފައި ވަނީ އަރަބި ގައުމުތަކުން ތާލިބާނުންނާ މަޝްވަރާ ކުރަން ތައްޔާރުވަމުން ދަނިކޮށެވެ. އަދި ތާލިބާނުންނާ ހަނގުރާމަ ކުރަން ޕާކިސްތާނަށް އެހީ ދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެފައި ވަނިކޮށެވެ.