ހަބަރު

ކުޑަ ކުދިންނަށްކުރާ އަނިޔާގެ 125 މައްސަލައެއް

ކުޑަކުދިންނަށް ކުރާ އަނިޔާގެ 125 މައްސަލައެއް މިދިއަ މަހު ރިޕޯޓުކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބްތަކުން ދައްކައިފި އެވެ. މިއީ މިދިއަ މަހު ރިޕޯޓުކުރި މައްސަލަތަކުގެ 52 އިންސައްތައެވެ.

މިނިސްޓްރީން މިދިއަ މަހުގެ ތަފާސްހިސާބުތައް އާންމުކުރީ މިއަދު އެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އެ މިނިސްޓްރީ އަށް ޖުމްލަ 241 މައްސަލައެއް ރިޕޯޓުކޮށްފަވެއެވެ.

ޖިންސީ ހާނިކައިގެ ޖުމްލަ 36 މައްސަލައެއް މިދިއަ މަހު ރިޕޯޓު ކޮށްފަވާއިރު ހައްގުތަކުން ކުޑަކުދިން މަހުރޫމުކުރުމުގެ އަށް މައްސަލަ ރިޕޯޓު ކުރި އެވެ.

އާއިލީ 18 މައްސަލަ މިދިޔަ މަހު ރިޕޯޓުކޮށްފަވެ އެވެ. އަދި އެކިބާވަތުގެ ކުށްކުރާ ކުޑަކުދިންގެ ތިން މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން ކުޑަކުދިންގެ އަހުލާގާއި ގުޅުން ހުރި 19 މައްސަލަ މިދިޔަ މަހު ހުށަހަޅާފައިވާއިރު ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ 36 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ހުށަހަޅާފައިވެ އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 17 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އަދި އަމިއްލަ ނަފްސަށް ގެއްލުންދިނުމާ ގުޅޭ 15 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށްފަވާ ކަމަށްވެސް ތަފާސްހިސާބު ތަކުން ދައްކަ އެވެ.