ހަބަރު

ބީއެމްއެލްއަށް ހަ މަސް ދުވަހު 724 މިލިއަން ރުފިޔާގެ ފައިދާ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ފައިދާގެ ގޮތުގައި 724 މިލިއަން ރުފިޔާ ލިބިއްޖެ އެވެ. މިއީ މިދިއަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ފަސް ޕަސެންޓުގެ ކުރިއެރުމެކެވެ.

ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ ވޭތުވެދިޔަ ހަ މަސް ދުވަހު މުޖުތަމަ އަށް އެހީތެރިކަން ފޯރުކޮށް ދޭން 300 ރުފިޔާގެ އިންވެސްޓްމެންޓް ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާ ކަމަށާ މި މަޝްރޫއުގެ ދަށުން އެކި ދާއިރާތަކުން ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމީއްޔާތަކާއެކު 50 ޕްރޮޖެކްޓެއް ހިންގާފަވާ ކަމަށެވެ.

އެ ބޭންކުން ބުނީ މި އަހަރު ވެސް "ވާއު ކިޑްސް ރަން" މެދުވެރިކޮށް ބީޓް ބުލީން ކެންޕެއިނަށް ފަންޑްރެއިޒްކޮށް މުޅި ރާއްޖެ އަށް އަމާޒުކޮށްގެން ހިންގާ މޮޓޮރައިޒް ވީލްޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމާއި އަހަރެންގެ ބޭންކު ކޮމިއުނިޓީ ޕްރޮޖެކްޓްތައް ވެސް ކުރިޔަށް ގެންގޮސްފައިވާނެ ކަމަށެވެ. އަދި ވިޔަފާރި ތަކަށް ދޭ އެހީތެރިކަން އިތުރު ކުރަން ބީއެމްއެލް އިސްލާމިކް އިން ޝަރީއާ ކޮންޕްލައިންޓް ގިނަ ޕްރޮޑަކްޓް ތަކެއް ތައާރަފް ކޮށްފައިވާ ކަމަށެވެ.

ބީއެމްއެލް އިން މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅެއްގައި ހިދުމަތް ދެމުން ގެންދެ އެވެ. އެ ބޭންކުން ބުނީ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައު ތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.