ވިޔަފާރި

ރާއްޖޭން މަސް އެކްސްޕޯޓްކުރާ ތައި ބާޒާރުގައި މަހުގެ މައްޗަށް

Jul 27, 2019

ރާއްޖޭން މަސް އެކްސްޕޯޓު ކުރާ އެންމެ ބޮޑު އެއް މާކެޓު ކަމަށްވާ ތައިލެންޑުގެ ބާޒާރުގައި ރޯމަސް ގަންނަަ އަގު މައްޗަށް ހިނގައްޖެ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ މަހު ތައިލެންޑުގެ ބާޒާރުގައި ކަޅު ބިލަ މަސް ޓަނެއް ގަންނަމުން ގޮސްފައިވަނީ 15،420.00ރ. އެވެ. ނަމަވެސް މި މަހު ކަޅުބިލަ މަސް ޓަނެއް އަގު ވަނީ ތައި ބާޒާރުގައި 16،191.00ރ. އަށް އުފިލިފަ އެވެ. މިއީ ގާތްގަނޑަކަށް 4.67 ޕަސެންޓުގެ އަގު މަތިވުމެކެވެ.

ތައިލެންޑުގެ ބާޒާރުގައި މަހުގެ އަގު ކުޑަކޮށް ބޮޑުވި ނަމަވެސް މިދިޔަ މަހު، އަގުތައް ވަނީ 20 ޕަސެންޓު ވެއްޓިފަ އެވެ.

ކަޅުބިލަ މަހުގެ އަގު ބޮޑުވި ނަމަވެސް، ރީނދޫ އުރަހަ ކަންނެއްޔާއި ލޯބޮޑު ކަންނެލީގެ އަގު ވަނީ ދުނިޔޭގެ ބާޒާރުގައި ވެއްޓިފަ އެވެ.

ދިވެހި މަސްވެރިން ގިނަ އަދަދަކަށް ބާނާ ރީނދޫ އުރަހަ ކަންނެލި ކިލޯއެއް މިދިޔަ ހަފުތާގައި ސްޕެއިންގެ މާކަމެޑްރިޑް މާކެޓުގައި ހުރީ ކިލޯއެއް 297.05ރ. އަށެވެ. ނަމަވެސް މި ހަފުތާގައި ރީނދޫ އުރަހަ ކަންނެލީގެ އަަގު ވަނީ 294.31ރ. އަށް ވެއްޓިފަ އެވެ. އަދި ލޯ ބޮޑު ކަންނެލި ކިލޯއެއް ޖަޕާނުގެ މެޓްރޮޕޮލިޓަން ނީލަން ބާޒާރުގައި މިދިޔަ ހަފުތާގައި 236.96ރ. އަށް ހުރި ނަމަވެސް މިހާރު ލޯބޮޑު ކަންނެލި ގަންނަނީ 221.40ރ. އަށެވެ.

ކަނޑު މަހާއި ކަންނެލީގެ އަގަށް ދުނިޔޭގެ ބާޒާރުގައި ބަދަލު އައިނަމަވެސް ރާއްޖޭގެ ބާޒާރުގައި ބަދަލެއް އައިސް ފައެއް ނުވެ އެވެ. މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ކަންނެލި ކިލޯއެއް ރާއްޖޭގައި ގަތީ 28.34ރ. އަށެވެ. އަދި ފިނި ކުރި ކަޅު ބިލަމަސް ކިލޯއެއް 20ރ. އަށް ގަންނަމުން ދިޔައިރު، އައިސް ނާޅާ ގެންނަ މަސް ކިލޯއެއް ގަންނަމުން ގޮސްފައިވަނީ 19ރ. އަށެވެ.