ދުނިޔެ

އެބޯލާ ފެތުރޭތީ ކޮންގޯއަށް ހައްޖުގެ ވިސާ ނުލިބޭނެ

އެފްރިކާގެ ގައުމެއް ކަމަށްވާ ޑިމޮކްރެޓިކް ރިބަލިކް އޮފް ކޮންގޯ ގައި ނުރައްކާތެރި އެބޯލާ ފެތުރޭތީ އެ ގައުމުން މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރަން ނުދެވޭނެ ކަމަށް ސައުދީ އަރައްބިއްޔާއިން ބުނެފި އެވެ.

ސައުދީގެ ފޮރިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފަވަނީ، ކޮންގޯގެ އުތުރުގެ ހިސާބެއް ކަމަށްވާ ކިއުވީ އަދި އިތުރީ ޕްރޮވިންސްގައި އެބޯލާ ފެތުރެމުންދާތީ ޑަބްލިޔޫއެޗްއޯއިން މުޅި ދުނިޔެއަށް އެމަޖެންސީއެއް އިއުލާން ކޮށްފައިވާ ކަމަށެވެ. އެހެންވެ ކޮންގޯގެ ރައްޔިތުންނަށް ހައްޖު ވިސާ ދިނުން މަނާކުރީ ހައްޖުގެ އަޅުކަން އަދާ ކުރުމަށްދާ އެހެން މީހުންގެ ސަލާމަތަށް ވިސްނައިގެން ކަމަށެވެ.

"ކޮންގޯގެ ރައްޔިތުންނަށް ވިސާ ދިނުން ވަނީ މަޑުޖައްސާފައި އެއީ ހައްޖުގެ އަޅުކަން އަދާ ކުރަމުންދާ އެހެން މީހުންގެ ސަލާމަަތަށް ބަލާފައި" ސައުދީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކޮންގޯގެ ހެލްތް މިނިސްޓްރީގެ ތަފާސްހިސާބުތަށް ދައްކާގޮތުން އެބޯލާ ޖެހިގެން މިހާތަނަށްވަނީ 1700 މީހުން މަރުވެފަ އެވެ. އެ ހިސާބުތައް ދައްކާގޮތުން މިއީ ކޮންގޯގައި އެބޯލާ ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން މަރުވި ފަހަރެވެ.

މީގެ ކުރިން 2014 އިން 2016 އެފްރިކާގެ ގައުމުތަކުގައި އެބޯލާ ފެތުރެން ފެށުމުންވެސް ސައުދީން ވަނީ އެފްރިކާގެ ތިން ގައުމަކަށް ވަގުތީ ގޮތުން ވިސާ ދިނުން ހުއްޓާލާފަ އެވެ.