ބާ ކައުންސިލް

ޖޭއެސްސީއަށް ވަކީލަކު ހޮވަން ވޯޓުލުން ފަށައިފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގާނޫނީ ވަކީލަކު އިންތިހާބު ކުރަން ބާއްވާ އިންތިހާބުގެ ވޯޓުލުން ފަށައިފި އެވެ.

ގާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާ ވަކީލަކު އިންތިހާބު ކުރަން ބާއްވާާ އިންތިހާބުގެ ވޯޓު ލުން ކުރިއަށް ދަނީ މިއަދު ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ. މި އިންތިހާބުގެ އިންތިޒާމުތައް ހަމަޖެއްސީ އީސީގެ އެހީތެރިކަމާއެކު ބާ ކައުންސިލުންނެވެ.

މިއަދު ހެނދުނު 9:20 ގައި މި އިންތިހާބަށް ބަހައްޓާފައިވާ ވޯޓު ފޮށިތަކަށް ވަނީ ވޯޓުލާން ފަށާފަ އެވެ.

ޖޭއެސްސީއަށް ވަކީލަކު ހޮވަން ބާއްވާ އިންތިހާބުގައި މާލޭގެ ޖަމާލުއްދީނުގައި ދެ ފޮށި ބަހައްޓާއިރު، އައްޑޫގައި ހުންނަ ޝަރަފުއްދީން ސުކޫލުގައި ވެސް ފޮއްޓެއް ވަނީ ބަހައްޓާފަ އެވެ. މިއީ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރަން ވެސް ވޯޓު ފޮށި ބެހެއްޓި ސަރަހައްދުތަކެވެ.

މިއީ ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ވަކީލުން ރެގިއުލޭޓް ކުރާ މުއައްސަސާއެއްގެ ގޮތުގައި ބާ ކައުންސިލް އުފެދުނު ފަހުން އެ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ އިންތިހާބެވެ. މި އިންތިހާބުގައި 1400 އަށްވުރެ ގިނަ ވަކީލުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.

ޖޭއެސްސީއަށް ވާދަކުރާ ވަކީލުން

  • ޢަލީ ރަޝީދު، ކުންނާރުގެ، ދ.ރިނބުދޫ
  • އަބްދުލްމާނިއު ހުސައިން، އަންބަރީގެ، ހއ. އިހަވަންދޫ
  • އަހުމަދު ނަޝީދު ހުސައިން، ދަފްތަރު. ނަންބަރު ރސ 1890
  • އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު، މާޒީ، ލ. މާވަށް
  • މަރިޔަމް ހަނީފާ ހާލިދު، އަނބުގަސްދޮށުގެ، ހއ. ކެލާ