ދުނިޔެ

އެމެރިކާއިން ބޯޓު ނުވިއްކާނަމަ އެހެން ގައުމަކުން ހޯދާނަން: އުރުދުގާނު

ވައިގެ ހަމަލާތައް ދޭން ބޭނުންކުރާ އަސްކަރީ މަތިންދާ ބޯޓެއް ކަމަށްވާ އެފް-35 އެމެރިކާއިން ތުރުކީއަށް ނުވިއްކައިފިނަމަ އެހެން ގައުމަކުން ބޯޓާއި ހަނގުރާމައިގެ ހަތިޔާރު ގަންނަން ޖެހިދާނެ ކަމަށް ތުރުކީގެ ރައީސް ރައީސް ރަޖަބު ތޮއްޔިބު އުރުދުގާނު ވިދާޅުވެއްޖެ އެވެ.

އަންކާރާގައި ބޭއްވި ޖަސްޓިސް އެންޑް ޑިވޮލޮޕްމެންޓް ޕާޓީގެ ބައްދަލުވުމެއްގެ ތެރެއިން އުރުދުގާނު ވިދާޅުވީ، އެމެރިކާއިން މަތިންދާ ބޯޓު ވިއްކަން އެއްބަސްނުވާނަމަ ވެސް ގެއްލުން ވާނީ އެމެރިކާއަށް ކަމަށެވެ. އަދި ތުރުކީން އަސްކަރީ ގާބިލުކަން އިތުރުކުރުން ހުއްޓައިވެސް ނުލާނެ ކަމަށެވެ. ނަމަވެސް އަސްކަރީ މަތިންދާ ބޯޓާއި ހަތިޔާރު ގަންނާނެ ވަކި ގައުމެއް އުރުދުގާނު ވިދާޅެއްނުވެ އެވެ.

"އެމެރިކާއިން އެފް-35 ވިއްކަން އެއްބަސްނުވި! އެންމެ ރަނގަޅު، ދެން އަޅުގަނޑުމެން އަނެއްކާ ޖެހެނީ ކޮންމެވެސް އެހެން ގައުމަކުން މަތިންދާ ބޯޓުތަށް ގަންނަން،" އުރުދުގާނު ވިދާޅުވި އެވެ.

އެމެރިކާއިން ތުރުކީއަށް އެފް- 35 ވިއްކަން ހުއްޓާލަން ނިންމީ ރަޝިއާގެ މިސައިލް ސިސްޓަމެއް ކަމަށްވާ އެސް-400 ގަތުމުންނެވެ. އެމެރިކާއިން ދެކޭ ގޮތުގައި އެސް-400 އަކީ އެގައުމުގެ ސަލާމަތަށް އޮތް ނުރައްކަލަކެވެ. އެމެރިކާއިން ވަނީ ތުރުކީ ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅައިިފަ އެވެ.

އުރުދުގާނު މީގެ ކުރިން ވިދާޅުވެފައިވަނީ އެސް-400 މިސައިލް ސިސްޓަމް 2020 ވަނަ އަހަރުގެ އިންސްޓޯލްކޮށް ނިންމައި ބޭނުންކުރަން ފަށާނެ ކަމަށެވެ. މީގެ އިތުރުން ތުރުކީން މިހާރު މަސައްކަތް ކުރަމުންދަނީ ރަޝިއާއި ގުޅިގެން އެސް-400 އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.