ހައްޖުގެ އަޅުކަން

ހައްޖަށްދާ އިތުރު ހަތަރު ގްރޫޕެއްގެ މީހުން ފުރައިފި

މި އަހަރު ރާއްޖެއިން ހައްޖުގެ އަޅުކަން އަދާ ކުރަން ދާ ހައްޖުވެރިންގެ ތެރެއިން ހަތަރު ގްރޫޕެއްގެ ހަވާލުގައި ތިބި ހައްޖުވެރިން ސައުދީ އަރަބިއްޔާއަށް ގޮސްފި އެވެ.

ހައްޖުގެ އަޅުކަން އަދާ ކުރުމަށް އިއްޔެ ސައުދީއަށް ގޮސްފައި ވަނީ މިނާ ހައްޖު ގްރޫޕްގެ 14 ހައްޖުވެރިއަކާއި، އަލްއެކްރޯ ޕްރައިވެޓް ލިމިޓެޑް ގްރޫޕްގެ ދެ ހައްޖުވެރިއަކާއި ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް ގްރޫޕްގެ 154 ހައްޖުވެރިންގެ އިތުރުން އަލްހަރަމައިން ހައްޖު ގްރޫޕްގެ 144 ހައްޖުވެރިންނެވެ.

ރާއްޖެއިން ހައްޖަށް ދިޔަ ފުރަތަމަ ގްރޫޕް ސައުދީއަށް ގޮސްފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގަ އެވެ. އެއީ ޒައީ ގްރޫޕްގައި ހަވާލުގައި ހައްޖަށް ދިޔަ 84 މީހުންނެވެ.

މި އަހަރު ރާއްޖޭން ހަ ގްރޫޕަކުން 1،975 މީހުން ހައްޖަށް ދެ އެވެ. މި އަހަރުގެ ހައްޖަށް މީހުން ގެންދަން ހުއްދަ ދިން ހަ ގްރޫޕަކީ ޒައީ ގްރޫޕާއި ތަޒްކިޔާ ގްރޫޕާއި ހަރަމައިން ގްރޫޕާއި މިނާ ގްރޫޕާއި އަލްއެކްރޯ ގްރޫޕްގެ އިތުރުން ހައްޖު ކޯޕަރޭޝަނެވެ.

ސައުދީގައި ހުންނަ ރާާއްޖޭގެ އެމްބަސީން ބުނި ގޮތުގައި ދިވެހި ހައްޖުވެރިންނަށް އެހީތެރިވާން ޖިއްދާއާއި މައްކާ އަދި މަދީގައި އެ އެމްބަސީގެ ޓީމެއް ހަރަކާތްތެރިވާނެ އެވެ. 00966506894477 މި ނަންބަރުން އެ ޓީމަށް ގުޅޭނެ އެވެ.

މި އަހަރުގެ ހައްޖު ދުވަސް ދިމާ ވަނީ އަންނަ އޮގަސްޓް މަހުގެ 10 ވަަނަ ދުވަހާ އެވެ. ހައްޖަށް ދާ އެންމެ ފަހު ގްރޫޕް ފުރާނީ އޮގަސްޓު މަހުގެ ފަސް ވަނަ ދުވަހު އެވެ. އެއީ ތަޒްކިޔާ ގްރޫޕުގެ ހަވާލުގައި ދާ 30 މީހެކެވެ.