ހައްޖުގެ އަޅުކަން

ރާއްޖެއިން ހައްޖަށްދާ މީހުން ޓްރެކިން އެޕް ބޭނުންކުރަން އެދެފި

ހައްޖުގެ އަޅުކަން އަދާކުރަން ރާއްޖެއިން ދާ މީހުން ފޯނުގައި ޓްރެކިން އެޕް ބޭނުން ކުރަން ސައުދީގައި ހުންނަ ދިވެހި އެމްބަސީން އިލްތިމާސްކޮށްފި އެވެ.

ދިވެހި އެމްބަސީން ބުނީ، ރާއްޖެއިން ހައްޖަށްދާ މީހުންގެ ފޯނުގައި ޓްރެކިން އެޕެއް ބޭނުން ކުރަން އިލްތިމާސްކުރީ، ކޮންމެ އަހަރަކު ވެސް ހައްޖުގެ އަޅުކަން އަދާކުރުމުގެ ތެރޭގައި ބައެއް ދިވެހިން ގެއްލިގެން ހޯދަން ޖެހޭތީ އެކަމަށް ހައްލެއް ގެނައުމުގެ ބޭނުމުގައި ކަމަށެވެ. ހައްޖަށްދާ ދިވެހިންނަށް އެހީވާން އެމްބަސީގެ ޓީމެއް ޖިއްދާ އާއި މައްކާގައި ހަރަކާތްތެރިވާނެ ކަމައްވެސް ބުނެފައި ވެއެވެ.

އެމްބަސީގެ ޓީމެއް ޖިއްދާ އަދި މައްކާގައި ހަރަކާތްތެރިވާނީ ދިމާވާ ކޮންސިއުލާ އެމަޖަންސީތަކުގައި އެހީތެރިކަން ފޯރުކޮށް ދިނުމަށެވެ.

ރާއްޖެއިން އުމްރާ އަށާއި ހައްޖުގެ އަޅުކަމަށް ދާ ބައެއް ހައްޖާޖީން ގެއްލިގެން ވަނީ މީގެ ކުރިން ރިޕޯޓްކޮށްފަ އެވެ. މި އަހަރުގެ ހައްޖު ދުވަސް ދިމާވާނީ އޮގަސްޓް މަހުގެ 10 ވަަނަ ދުވަހާ އެވެ. ރާއްޖެއިން ހައްޖުގެ އަޅުކަން އަދާ ކުރަން ދާ ހައްޖުވެރިންގެ ތެރެއިން ހަތަރު ގްރޫޕެއްގެ ހަވާލުގައި ތިބި މީހުން ސައުދީ އަރަބިއްޔާއަށް މިހާރު ވަނީ ގޮސްފަ އެވެ.

ހައްޖުގެ އަޅުކަން އަދާ ކުރުމަށް ސައުދީއަށް ގޮސްފައި ވަނީ މިނާ ހައްޖު ގްރޫޕްގެ 14 ހައްޖުވެރިއަކާއި، އަލްއެކްރޯ ޕްރައިވެޓް ލިމިޓެޑް ގްރޫޕްގެ ދެ ހައްޖުވެރިއަކާއި ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް ގްރޫޕްގެ 154 ހައްޖުވެރިންގެ އިތުރުން އަލްހަރަމައިން ހައްޖު ގްރޫޕްގެ 144 ހައްޖުވެރިންނެވެ.