އިދިކޮޅު ފަރާތްތައް

ޔާމީންގެ ޝަރީއަތް ގެންދަން ވާނީ ފަނޑިޔާރުންގެ ބެންޗަކާއެކު: އިދިކޮޅު

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަ ކުރުމުގެ ދައުވާގެ ޝަރީއަތް އެންމެ ފަނޑިޔާރަކު ބައްލަވާތީ ކަންބޮޑުވާ ކަމަށާއި އެ ޝަރީއަތް ހިންގަންވާނީ ފަނޑިޔާރުންގެ ބެންޗަކުން ކަމަށް އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީން މިއަދު ބުނެފި އެވެ.

އިދިކޮޅު އަދި ރައީސް ޔާމީނަށް ނިސްބަތްވާ އެ ދެ ޕާޓީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންގްރެސް ޕާޓީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ މައްސަލަ ބެލުމުގައި ދައުލަތުގެ މުއައްސަސާތަކުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށެވެ.

ސަރުކާރުގެ ކިތަންމެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކު ވެސް ގާނޫނާ ހިލާފު ކަމެއް ކުރުމުން އެ މައްސަލަތައް ބެލުމުގެ ބާރު ދައުލަތުގެ މުއައްސަސާތަކަށް ގާނޫނުން އަބަދުވެސް ލިބިފައިވާ ކަމަށާއި ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ބަދަލުވެ އެތައް ދުވަހެއް ފަހުން އެގޮތަށް އަމަލު ކުރުމުން އޭގެ މަގްސަދާ މެދު ސުވާލު އުފެދޭ ކަމަށް ސައީދު ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ވެރިކަން ވެސް ނިމި އެއިރު މުއައްސަސާތަކުގެ ބޮޑުންނަށް ތިއްބެވި ބޭފުޅުން އެމަނިކުފާނާ ދެކޮޅަށް ކަންކަން ފާހަގަ ކުރީމަ އަޅުގަނޑުމެންނަށް އެބަ ޝައްކު ކުރެވޭ މިއަދު ކީއްވެގެން ކަން މައްސަލައެއް ނަގަން މި ޖެހުނީ. އެ ބޭފުޅުން ކަންކަމުން އެބަ ފާހަގަވޭ ސިޔާސީ ނުފޫޒު މީގެ ތެރެއަށް ވަރަށް ބޮޑަށް ވަދެ މުޅި މައްސަލަ ހަރާބުވެއްޖެކަން." ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ މައްޗަށް ޝަރީއަތެއް ހިންގާތީ އިދިކޮޅުން އެއްވެސް އިރެއްގައި މައްސަލައެއް ނުޖައްސަ އެވެ. އިދިކޮޅު ޕާޓީތަކުން ގޮވާލަނީ އެމަނިކުފާނުގެ މައްޗަށް ހިންގާ ޝަރީއަތަކީ އިންސާފުވެރިކަމާއެކު ހިންގާ އުސޫލުން ހިންގާ ޝަރީއަތަކަށް ހަދާށެވެ.

ރައީސް ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތް އެންމެ ފަނޑިޔާރަކު ބައްވަލާ ގޮތަށް އޮވެގެންވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެއީ ކުރިން ވެސް އަމަލު ކުރި އުސޫލެއް ނޫން ކަމަށް ސައީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ވަނީ ޓީވީތަކުން ލައިވްކޮށްފަ އެވެ. އެ ޝަރީއަތުގައި އެމަނިކުފާނުގެ މައްސަލަ ބެއްލެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އެކަންޏެވެ.

ކޮންގްރެސް ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ މީގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުންގެ ޝަރީއަތްތައް ހިންގަވާފައިވާ ކަމަށާއި އެ ބޭފުޅުންގެ ޝަރީއަތްތައް ވެސް ކުރިއަށް ގެންދިޔައީ ގިނަ ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުން މައްސަލަ ބައްލަވާ ގޮތަށެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް މިއަދު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާއަކީ ސިޔާސީ މަގުސަދެއްގައި ކުރާ ދައުވާއެއް ކަމަށާއި މުއައްސަސާތައް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް އެ ފަރާތްތައް ބަދުނާމުވާ ގޮތަށް ކަންކަން ކުރިއަށް ދަނީ އެ ފަރާތްތަކަށް ބިރު ދައްކައިގެން މި ސަރުކާރުން ބޭނުންވާ ގޮތަށް އެ ކަންކަން ކުރަން ކަމަށެވެ.

"މިއީ ވަކި ގޮތަކަށް ޑިޒައިން ކުރެވިގެން ކުރިއަށް ގެންދާ މައްސަލައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މި ފެނުނީ. މީގަ ސާފު އެއް ކަމެއް އެބައޮތް. ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާއަކީ ސިޔާސީ މަގުސަދެއްގައި ވަރަށް ބޮޑަށް ސިޔާސީ ކުލަ ޖެހިގެން ކޮށްފައިވާ ދައުވާއެއް ކަން." އޭނާ ވިދާޅުވި އެވެ.