ލައިފްސްޓައިލް

މިނިވަންވަޔާ: ރޮކް ކަވަރުގެ ސަޅި ވައިބް!

ގައުމީ އެކި މުނާސަބަތުތަކާއި ގުޅުވައިގެން ތަފާތު އެކި ލަވަލަވަ އިވެ އެވެ. މި ލަވަތައް އިވުމުން ފާހަގަކުރާ ގައުމީ މުނާސަބަތުތަކަށް އިތުރު ގައުމީ ރޫހާއި ޖޯޝް ގެނެސްދެ އެވެ. މިނިވަންދުވަސް ފާހަގަ ކުރާއިރު އެ ދުވަހާއި ގުޅޭވެެސް ތަފާތު އެކި ލަވަލަވަ ހުރެ އެވެ.

ދިވެހިންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ ލަވަތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ހިތްގައިމު އެއް ލަވަޔަކީ "މިނިވަންވަޔާ" މި ލަވައެވެ. މިއީ މިނިވަންކަމާއި ގައުމީ ޝުއޫރު ގެނެސްދޭ ދިވެހިވަންތަކަމުގެ ލޭ ކައްކާލާ ލަވައެކެވެ.

އަމީނީއްޔާ ސްކޫލް ދަރިވަރުން 1978 ވަނަ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރަން ބޮލިމަލާފަތް ނެށުމަކަށް ތައްޔާރު ކުރި މި ލަވައަކީ ދިވެހިވަންތަ ކަމުގެ ޝުއޫރާއި މިނިވަން ދުވަހުގެ ރޫހު ގެނެސްދޭ ދިވެހި އާދަކާދަ ވެސް އާލާކޮށްދޭ ލަވެއެކެވެ.

އަމީނިއްޔާގެ ދަރިވަރުންތަކެއް ކީ މި ލަވައަށް މި ޒަމާނާއި ގުޅޭގޮތަށް އެކި މީހުން ކުޅެފައި ވެއެވެ. އެންމެ ފަހުން މި ލަވައިގެ ހާއްސަ އިންސްޓްރުމެންޓަލް ކަވަރެއެއް ހަދާ ސޯޝަލް މީޑިއާ ދޫކޮށްލީ އަހުމަދު ޝަހީދު (ޝަހީދު ލެގަސީ) އެވެ.

"މިއަހަރުގެ މިނިވަންދުވަހު އިންސްޓްރުމުންޓަލް ކަވާއެއް ހަދަން ނެގީ ޓުވިޓާ ޕޯލްއެއް. 'ޖޯޝޭގެނައި މިއީ ގައުމީ އުފާ' އާއި 'މިނިވަންވަޔާ ކުޅެލާ' މި ދެލަވަ ތެރެއިން މޮޑަން ރޮކް ކަވާއެއް ހަދަން ސަޅީ ކޯއްޗެއްތޯ. ދެން އެންމެ ގިނަ ވޯޓު ލިބުނީ މި ލަވައަށް." ޝަހީދު ބުންޏެވެ.

ޝަހީދުގެ މޮޑަން ރޮކް ކަވާ

މިފަހަރުގެ މިނިވަސް ދުވަހު، ޝަހީދުގެ މި ކަވާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ އިރު މިހާތަނަށް އެއް ދުވަހުން އެއްހާހަށް ވުރެ ގިނަ މީހުން މި ކަވާ ޕްލޭކޮށްފައި ވެއެވެ. މި ކަވަރުގެ އިތުރުންވެސް ޝަހީދުވަނީ ގައުމީ ލަވަތަކާއި ދިވެހިންގެ މެދުގައި މަގުބޫލު އެހެން ލަވަތަކަށް ރޮކް އިންސްޓްރުމެންޓަލް ކަވަރުތަކެއް ހަދާފައެވެ.

ދިވެހިންގެ ހިތްތަކުގަައި ބިންވަޅު ނެގިފައިވާ ހިތްގައިމު މި ލަވައަށް ޝަހީދު ހަދާފައިވާ އިންސްޓްރުމެންޓަލް ކަވަރު އަޑުއަހާލުމުން ޒަމަނީ ރޮކް ގޮތަކަށް ހިތްތަކަށް ގައުމީ ޖޯޝާއި ފޯރި އަދި މިނިވަންކަން ހިތަށް ތަސައްވަރުކޮށްދޭނެ ސަޅި ވައިބެއް ގެންނާނެ އެވެ.