މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ބާއްވާ ބޮޑު އެއް ހަރަކާތަކީ މަގުތަކުގައި ކުރިއަށްގެންދާ ފުޅަނދުބުރެވެ. ރޭ ކުންފުނިތަކުން ނެރުނު ފުޅަނދުތަކުން ވަނީ އެ ކުންފުންޏެއްގެ ހުނަރާއި އުފެއްދުންތެރިކަން ދައްކާލާފަ އެވެ. މި ފުޅަނދުބުރުގައި ދުއްވި އެންމެ ބޮޑު އެއް ފުޅަނދަކީ ސްޓެލްކޯ އިން ނެރުނު ފުޅަނދެވެ. ކާޓޫނު ކެރެކްޓާތަކެއް ފެނުނު ކަމުގައި ވިޔަސް ސްޓެލްކޯގެ ފުޅަނދުގައި ވަނީ އެ ކުންފުނީގެ ދުރު އަމާޒު ހިއްސާ ކޮށްފަ އެވެ.
ތިން ހަފުތާ ވަންދެން ސްޓެލްކޯ މުވައްޒަފުންގެ މަސައްކަތުން ވަނީ ތަފާތު ތިން ބަޔަކަށް ބަހާލައިގެން ފުޅަނދު ނެރެފަ އެވެ. ސްޓެލްކޯއިން ނެރުނު "ޓޯއި ސްޓޯރީ" ތީމުގެ ފުޅަނދުން ފެންނަނީ ޖަޒީރާ ރައްތަކުގައި ދިރިއުޅޭ މީހުން ޒަމާނީ ޓެކްނޮލިޖީއަށް އަހުލުވެރިވުމުން ލިބޭ އުފަލާއި އޭގައި ފަސޭހަ ކަމެވެ. އަދި އެ މަންޒަރު ކުޑަކުދިންނާ ގުޅުވާލުމަށް ދައްކުވައިދިނީ އެންމެ ފަހުން ރިލީޒް ކުރި ކާޓޫނު ޓޯއީ ސްޓޯރީގެ ކެރެކްޓާތަކާއެކު އެވެ.
ސްޓެލްކޯ ޕެރޭޑުގެ އެންމެ ފުރަތަމައިން ފެންނަ ފުޅަނދަކީ ޓޯއި ސްޓޯރީ ކާޓޫނުގައި ފެންނަ ފަދަ ރޭލެކެވެ. މި ރޭލުގައި ކުޑަކުދިން ދަތުރު ކުރާ މަންޒަރު ފެނެ އެވެ. ރޭލުގެ މުހިއްމުކަން ބުނެދެނީ، ރާއްޖެ ފަދަ ކުޑަ ގައުމަކަށް ގިނަ އުޅަނދު އެތެރެކޮށް ބޭނުން ކުރުމުގެ ބަދަލުގައި މިފަދަ ނިޒާމަކުން އާއްމު ދަތުރުފަތުރު ކުރުމުގެ މުހިއްމުކަން ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
މި ރޭލުގެ ވަށައިގެން ތިބި ޓޯއި ސްޓޯރީ ކެރެކްޓާ ތަކުން ކުޅި ބަލަން މަގުމައްޗަށް އެއްވެ ތިބި ހުރިހާ ކުދިންނަށް އެންމެ ފަހުން ރިލީޒް ކުރި ކާޓޫނުގެ ރިއަލް ލައިފް ކެރެކްޓާ ތައް ފެނި އުފާވެރިކަން ގެނުވި އެވެ.
ކާޓޫނުގެ މެއިން ކެރެކްޓާތަކުން ފަށައިގެން އެންމެ ކުޑަ ރޯލުތަކުގައި ފެނުނު ޓޯއީތައް ވެސް ތިބީ ހަމަ އެ ގޮތުގަ އެވެ. ބަޒް އާއި ވުޑީ އަދި ލިޓްލް ބޯ ޕީޕް އެކުގައި ތިބީ ސަފުގެ އެންމެ ކުރީގަ އެވެ. ފަހަތުން ޕޮޓޭޓޯ ހެޑް އާއި ރެކްސް އަދި ފެހި ކުލައިގަ ގްރޫޕަކަށް އުޅޭ ސާޖަންޓްތައް ވެސް ކުދިންނާ ބައްދަލުކޮށް ހެދި އެވެ.
މި ރޭލުގެ ފަހަތުން އަންނަނީ ކާޓޫނުގައި ފެންނަ ގެ އެކެވެ. މި ގެ އަކީ ކާޓޫނުގައި ފެންނަ ގެ ކަމުގައިވިޔަސް ގޭގެ ފުރާޅު މަތީ ހަރުކޮށްފައި އޮތް ސޯލާ ޕެނަލް އިން ސްޓެލްކޯ މުވައްޒަފުން ދޭން ބޭނުންވާ މެސެޖު ދައްކުވައިދިނެވެ. އެގޭގައި އިއާދަ ކުރަނިވި ހަކަތަ އުފެއްދުމަށް ހަރުކޮށްފައި ހުރީ ސޯލާ ޕެނަލް އާއި ވިންޑް ޓާބައިން ނުވަތަ ކަރަންޓު އުފައްދާ ބުރަފައްޗެވެ. ގޭގައި ތިބި ކުދިންނާއި ފްލޯޓު ކައިރީ ތިބި ކެރެކްޓާތަކުގެ މޫނުމަތިން ފެންނަ އުފާވެރިކަމަކީ މިގެއިން ފެނުނު ތިމާވެއްޓާ ރައްޓެހި ވަސީލަތްތަކުން ލިބޭ ހިތްހަމަޖެހުމާއި އުފާ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
ސްޓެލްކޯގެ މި ފުޅަނދު ނިންމާލީ ކާޓޫނުގެ އެންމެ މުހިއްމު އެއް ކެރެކްޓާ އިންނެވެ. ބަޒް ލައިޓްއިޔާ އޭނާގެ ރޮކެޓުގައި އިނދެ މަޖީދީ މަގުން ނައްޓާލަނީ ޖައްވަށެވެ. ކުޑަކުދިންނަށް ކަމުދިޔަކަން އެނގުނީ ބަޒް އިން ރޮކެޓުގައި އިށީނދެ ބަޒް އާއެކު އެ އުޅަނދު ދުއްވާލަން ދާން ބޭނުންވާ ކަމަށް ބަލަންތިބެ ކިޔުމުންނެވެ. އެ ފުރުސަތު މިއަދު ހަވީރުން ފަށައިގެން އޮންނާނެ އެވެ.
މިނިވަން ދުވަހަށް ސްޓެލްކޯ އިން ދައްކުވާލި މި ފުޅަނދުތަކާއެކު މަގުތަކަށް ދޫކޮށްލި ކާޓޫން ކެރެކްޓާތަކުގެ ފަހަތުގައި އޮތީ ބޮޑު މެސެޖެކެވެ. ދިވެހިން ބޭނުންވާ ހިތްފަސޭހަ އުފާވެރި ދިރިއުޅުމަށް ވާސިލްވެވޭނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތިމާވެއްޓާ ރައްޓެހި ވަސީލަތްތަކެއް ބޭނުންކޮށް އެކަންކަމަށް ދިވެހިންވެސް އަހުލުވެރިކޮށްގެނެވެ.