ރާއްޖޭގައި ހިނގާ މަގުމަތީގެ އެކްސިޑެންޓްތަކުގެ އަދަދު ކަންބޮޑުވާ މިންވަރަށް އިތުރުވެގެން ދިއުމަކީ މުޅި މުޖުތަމައަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ފައިސަލް މިހެން ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ ރޯޑް ސޭފްޓީ ކެމްޕޭން އިފްތިތާހު ކުރަން މިއަދު ހިރިޔާ ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައިސް ވިދާޅުވީ މަގުމަތީގެ ރައްކާތެރިކަމުގެ މި ޕްރޮގްރާމް ކާމިޔާބު ކުރެވެން އޮތީ މަގުމަތީގެ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީ އެންމެން އެއްބާރުލައިގެން ކަމަށެވެ. އަދި ފައިސަލް ވަނީ މަގުމަތީގައި ހިނގާބިނގާވެ އުޅުމާއި މަގުމަތީގައި ދުއްވާއެއްޗެހި ދުއްވުމުގައި އެކަކު އަނެކަކަށް ހާއްސަ ސަމާލުކަމެއް ދޭން އެދިވަޑައިގެންފަ އެވެ.
އިތުރަށް ވިދާޅުވީ ދަރިވަރުންނަށް ފިލާވަޅުތަކެއް ނަގައިދެވޭނީ ކްލާސްރޫމްގެ ތެރެއިން އެކަނި ނޫން ކަމަށާއި މިއަދު ހިނގަމުން މިދާ ހަރަކާތަކީ ވެސް ކްލާސްރޫމުން ބޭރުގައި ދަރިވަރުންނަށް ދަސްކޮށްދެވޭ ވަރަށް މުހިންމު ފިލާވަޅެއް ކަމަށެވެ.